އިޢުލާން: އެމްޑީޕީގެ މެންބަރުން މިޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދުކުރުންމަތީ ދެމިތިބުމަށް ގޮވާލުން

MDP/2010-DN-022

އެމްޑީޕީގެ މެންބަރުން މިޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދުކުރުންމަތީ ދެމިތިބުމަށް ގޮވާލުން

mdp-logo3

އެމްޑީޕީގެ ބައެއް މެންބަރުން އަމިއްލަގޮތުން ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ތާއީދު ފޯމުގައި ސޮއިކުރައްވަމުން ގެންދަވާ ކަމުގެ ޝަކުވާ މި ޕާޓީއަށް ދަނީ ލިބެމުންނެވެ.
އަމަލުކުރަމުންދާ އެމްޑީޕީގެ އަސާސީ ޤަވައިދުގެ 4 ވަނަ ބާބުގެ 13 ވަނަ މާއްދާގައި ބުނާ ގޮތުން އެމްޑީޕީގެ ހަރަކާތްތައް ހިންގާނީ ބޭރުގެ ނުފޫޒުތަކުން އެއްކިބާވެ ތިބެ، މިނިވަންކަމާއި މުސްތަޤިއްލުކަމުގެ މަތީގައި ތިބެގެންނެވެ. އަދި މިބާބުގެ 16 ވަނަ މާއްދާގައިވާ ގޮތުން ޕާޓީގެ އަސާސީ ޤަވާއިދާއި، ސިޔާސަތުތަކާއި، އުސޫލުތަކާއި، ކަނޑައެޅުންތަކާއި، އަދި އެހެނިހެން ޤަވައިދުތަކާއި އެއްގޮތަށް ސުލޫކު ބަހައްޓާ މިކަންކަން ޤަބޫލުކުރުމާއި، ޕާޓީގެ މަސްލަޙަތުތަކަށް ބުރޫނާރާނެ ގޮތަށް ތިމާގެ އުޅުން ބެހެއްޓުން އަދި ޚާއްސަކޮށް ޕާޓީގެ އަޚްލާޤީ މިންގަނޑަށް ހުރުމަތްތެރިކޮށް ހިތުމާއި، ޕާޓީގެ އަމާޒުތަކާއި މަޤްޞަދުތަކާއި، އުޞޫލުތަކާއި، ސިޔާސަތުތަކާއި، ޕާޓީއަށް މުހިންމު ކަންކަން ކުރިއެރުވުމަށް މަސައްކަތްކޮށް މިކަންކަން ދިފާޢުކުރުމާއި، ޕާޓީގެ ކެންޑިޑޭޓުންނަށް ތާޢީދުކުރުމާއި، ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓުހޯދާ ދިނުމަށް މަސައްކަތްކުރުން ކޮންމެ މެންބަރެއްގެ މައްޗަށް ވާޖިބުވެގެން ވެއެވެ.
ވީިމާ އަމިއްލަ ގޮތުން ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ތާއީދުކުރުމަކީ އެމްޑީޕީގެ އަސާސީ ޤަވައިދު ތަންދޭ ކަމެއް ނޫންކަން ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި އެމްޑީޕީގެ އަސާސީ ޤަވައިދާ އެއްގޮތަށް ވޯޓު ދިނުމާއި އަމަލުކުރުން އެ ޤަވައިދުގެ 17 ވަނަ މާއްދާއިން މެންބަރުންނަށް ލާޒިމް ކުރާ ހިނދު، އެ ޤަވައިދާ އެއްގޮތަށް އަމަލުނުކުރާ މެންބަރުންނާމެދު ފިޔަވަޅު އެޅުމުގެ އިޚްތިޔާރު މިޕާޓީއަށް ލިބިގެންވެއެވެ.
ވީމާ މިޕާޓީގެ އަސާސީ ޤަވައިދުގައިވާ ގޮތުގެ މަތީން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދުކުރުން މަތީ ދެމި ތިއްބެވުމަށް މެންބަރުންނަށް ހަނދުމަފުޅުކޮށް އަރުވަމެވެ.

28 ނޮވެމްބަރ 2010