27 ނޮވެމްބަރ 2010
މުރުޝިދު، ސ.ހުޅުދޫ
ދުނިޔެވީ ޙަޔާތުގައި ހުރިހާކަމެއްގެ މައްޗަށް އެންމެ ފުރިހަމަ ނުވަތަ އެންމެ އިއްޒަތްތެރި މީހުންނަކީ މަދުބައެކެވެ.ޢަރައްބަކަށް ވިޔަސް އަދި އަޖަމިއްޔަކަށް ވިޔަސް އެމީހެއްގެ ތަޤުވާވެރިކަން މެނުވީ މޮޅުކަމެއް ނެތެވެ. ﷲގެ ހަޡްރަތުގައި އެންމެ އިއްޒަތްތެރި ބަޔަކީ ރަސޫލު ބޭކަލުންނާއި، މުޢުމިނުންނެވެ. ދުނިޔެވީ ޙަޔާތުގައި އިންސާނާ މާތްމީހަކަށް ވަނީ ކަންކަމުގެ މައްޗަށް ތިމާ އަމާނާތްތެރިވީ މިންވަރެއްގެ މައްޗަށެވެ. ސުވާލަކީ މިއަދު ރާއްޖޭގެ ސިޔާސީ މަސްރަޙުގައި އުފެދިފައިވާ އެންމެ ބޮޑު މައްސަލައަކީ ޔަގީނުންވެސް ރައީސުލް ޖުމުހޫރިއްޔާ ކެބިނެޓަށް އައްޔަން ކުރެއްވި ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުންދިން ގޮތުގެ މައްސަލައެވެ. 12 ވަޒީރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރުހުންނުލިބޭ ބޭފުޅުންނަކީ ބަންޑާރަ ނާއިބު ޑރ. އަހުމަދު އަލީ ސަވާދާއި،ފިޝަރީޒް މިނިސްޓަރ ޑރ. އިބްރާހިމްދީދީ އާއި، ހޯމް މިނިސްޓަރ މުހައްމަދު ޝިހާބާއި، އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތަފާ ލުތުފީއާއި،ޑިފެންސް މިނިސްޓަރ އަމީން ފައިސަލްއާއި، ފޮރިން މިނިސްޓަރ ޑރ. އަހުމަދު ޝަހީދާއި، އަދި ފިނޭންސް މިނިސްޓަރ އަލީ ހާޝިމެވެ. ރައްޔިތުންގެ މަޖިލީހުގެ ރުހުންލިބުނީ 5 ވަޒީރުންނަށެވެ. ވީހިނދު، ވަޒީރުންނަށް ރުހުންދިނުމުގައި މަޖިލީސް މެންބަރުންގެ ކިބައިގާ އިޚްލާސްތެރިކަން އެބަހުރި ހެއްޔެވެ؟ މިރުހުން ދިނުމުގެ ވިސްނުމާއި ސިފަތަކަށް ބަލާއިރު، މިކަމުގެ ޙަގީގަތް ވަރަށްސާފެވެ. މިއީ ބޮޑުވަރެކެވެ. މިވައްތަރުގެ ރުޙުމުގެ މިސާލީ ވަގުކަލޭގެ މީހެއްގެ ރަންފޮށި ފަޅާލިރޭ ތިމާނޫންކަމަށް ހެދެން އަމިއްލަ ފޮށިވެސްފަޅާ ރަންފޮށި ފެޅިތަނުގައި އަމިއްލަ ފޮށިބެހެއްޓުމުގެ މިސާލެވެ. ބޭނުމަކީ ރަންފޮށި ފެޅީ ތިމާނޫންކަމަށް ހެދުމެވެ. ހަޤީގަތުގައި މިސަރުކާރުގެ އެއްވެސް ވަޒީރަކަށް ނުވަތަ މިސަރުކާރު ދެމިއޮތުމަށް ވެސް އިދިކޮޅު ފަރާތްތަކުން ބޭނުމެއްނޫނެވެ.
ޔާރުންނޭވެ! ޑިމޮކްރަސީ މިގައުމުގައި އަށަ ގެންނެވުމަށްޓަކާ ޤައުމާއިގެން އަމާން ބަނދަރަކަށް ދިއުމުގެ ވަގުތު ޖެހިއްޖެއެވެ. ޑިމޮކްރަސީގެ ހަތުރުންގެ ހިތްތަކުގައި ރާއްޖޭގެ ވެރިކަން ހިންގުމުގެ ބޯދާ އުސޫލުތަކުގެ މައްޗަށް މިގެނެވުނު އިސްލާޙީ ބަދަލުތަކުގެ މައްޗަށް އުފެދިފައިވާ ހަސަދަވެރިކަން ދޫކުރާށެވެ. ސަރުކާރަށް ހަމަނޭވާ ލުމުގެ ފުރުސަތު ދެއްވާށެވެ. ކިތަންމެ ހަސަދަވެރި ވިޔަސް، ބޯދާ މައްކާރު އުސޫލުތައް ދަމަހައްޓަން މަސައްކަތް ކުރާ ފަރާތްތަކުގެ އަތްމައްޗަށް މިވެރިކަމުގެ ލަގަން ދޫކުރެވޭކަށް ނެތެވެ. އެފަދަ ފަރާތްތަށް ޖެހޭނީ މިގައުމުގެ އެންމެ ފަހަތުސަފަށް ގިއްގަޅުވާށެވެ. މިވެރިކަމުގެ ބާރު ބޯދާ ވިސްނުމުގެ އަހުލުވެރިންނާއި، އަދި އެމީހުންގެ އަޢުވާނުންނާއި ޤައުމީ ބޮޑެތި އަފޫރުއްބަ ޗޯރުންގެ އަތްމައްޗަށް ދޫކޮށްލުމަކީ، މިރާއްޖޭގެ ޑިމޮކްރަޓިކް ޙަޔާތް ބަރުބާދު ކޮށްލުމެވެ. ސިޔާސީ ޕާޓީތަކުގެ މަރުކާ ލިބިގަނެ، ބޮޑެތި އިސްލާޙީ މުރީދުންގެ ޝުޙުރަތު ހޯދުމަށް މަކަރުވެރި ގޮތުގައި ވަކަރަށްޖަހާ، ހިންދުކަރައާއި، އަސޭކަރައިން ޢިލްމީގޮތުން ބުގިސްވެ ލިބުނު އިލްމުގެ މައްޗަށް ބޮޑާކަމާއި، ކިބުރުވެރި ކަމުގެ އަދާރަސަނުން އުއްމުއްޗީވެ ވާދަވެރި އިއްތިހާދެއްގެ މަންޒަރު ބޭރުފުށުން ދައްކާ، އަމަލާއި ބަހުން ކޮސްތަޅަ މުންދާ ބަޔަކަށް ޙައްޤުގެ މަބާދީ އޮޅުވާ ނުލެވޭނެއެވެ. ބަޔަކު ލިޔާ ލިއުމެއްގެ މައްޗަށް ނުވަތަ ދައްކަވާ ވާހަކައެއްގެ މައްޗަށް ނަޢަރާކޮށް، ކަޅާފޮޅީގެ ބީދައިން، ޙުރާސާނުގެ މުފުތީންނަށް ހެދެން އުޅުނަސް، ޒައްޤޫމު އެދުންތަކަށް ނަށާނެބަޔަކު މިއަދު މިގައުމުގައި ނެތެވެ. ފަހަރެއްގައި ކޮއިފުޅު ދޮންބޭ ފަދަ، ނުވަތަ ފަބިއަލި ފަދަ، ބަޔަކު ނަށާފާނެއެވެ. ނުވަތަ ތިމާމެންގެ ފަހަތުގައި ގިނައަދަދެއްގެ ރައްޔިތުން ތިބިނަމަ، އެބަޔަކު ނަށާފާނެއެވެ. ލޯޔަލް އޮޕްޒިޝަން ޕާޓީތަކެއްގެ ކުލަވަރު ބޭރުފުށުން ދެއްކިޔަސް، ތިޔަ އިއްތިހާދުގެ ޤައުމީ މަތިވެރިވާޖިބު އަދާކުރުމުގައި ފަހަތުގައި އެލުވިފައި އޮތީ މަކަރުވެރިކަމާއި، ބޮޑާކަމުގެ ނުބައި ކިސާތަކެވެ.
މިރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ސަރުކާރުން މިކުރާ މަސައްކަތުގައި އެއްބާރުލުން ދޭންތިބި ލޮބުވެތި ރައްޔިތުންގެ ވިސްނުން ޚަރާބުކޮށް، ނައްތާލަން މަސައްކަތް ކުރާބަޔަކު ރާއްޖޭގެ ސިޔާސީ މައިދާނުގައި އެބައުޅެއެވެ. އެއީ މިގައުމުގެ ހަލާކެވެ. މިރާއްޖޭގައި އޮތް ޙޮދުމުޚުތާރު ވެރިކަން ބަޔަކުނިކުމެ ސުލްހަވެރި ކަމާއެކު، ޤާނޫނީ ގޮތުން ބަދަލުކޮށް، ޑިމޮކްރަސީ ގެނެވުނު ހިނދު، މިވެރިކަން ހިންގުމަށް އުނދަގޫކޮށް ބަލާ ޖައްސަމުންދާ ޚާއިނުންތަކެއް މިގައުމުގައި އެބައުޅެއެވެ. އެކަމުގެ ބޮޑު ފާނދިރީންނަކީ ޚުދުމުޙުތާރު ވެރިކަން ކުރެއްވި ވެރިންނާއި އެބައި މީހުންނަށް ތަބާވީ އަފޫރުއްބަ ޗޯރުންނެވެ. ހަގީގަތުގައި މިފަދަ ޗޯރުންގެ ފަރާތުން ގައުމަށް ގެނެވުނު އިސްލާހީ ބަދަލުތައް ގަބޫލުނުކޮށް، ޑިމޮކްރަސީ ނުދަންނަ ނާގަވާރުން މެދުވެރިކޮށް، ސަރުކާރުގެ ޤާނޫނީ ދައުރު ކިލަނބު ކޮށްލަން ބަޔަކު އެބަ މަސައްކަތް ކުރެއެވެ. މިފަދަ ހަމަނުޖެހުން އުފެއްދުމުގެ އެންމެ ބޮޑު މަގުސަދަކީ، ވެރިކަން ކުރެއްވި އިރު، އެމީހުން ހިގާފައިވާ ބޮޑެތި ޖަރީމާތައް ފޮރުވުމާއި، އެފަދަ މައްސަލަތައް ބެލޭނެމަގު އިންތިޙާބުވެފައި އޮތް ސަރުކާރަށް ތަނަވަސްކޮށް ނުދިނުމެވެ. އަދި ތިމާމެންނަށް ލިބިފައިވާ ސެޓިފިކެޓްގެ ބޮޑުކަމުން ވެރިކަމުގެ ލާލަޗްގައި ނުހިނގި ފައިވާ ބައެއްގެ ބޭނުމުގައެވެ.
މިފަދަ މީހުންގެ އަމަލުތައް ސުލްހަވެރި ގޮތުގައި ނައްތާލެވޭނީ ޙޮދުމުޙްތާރު ވެރިކަން ބަދަލުވުމަށް ފަހު ޑިމޮކްރަސީ ހަމަތަކުގެ މަތިން އިންތިޙާބުވީ ސަރުކާރުން ވީއެންމެ އަވަސް ފުރުސަތެއްގައި ކުރީގެ ޚުދުމުޙްތާރު ސަރުކާރުން ހިންގާފައިވާ އިންސާނިއްޔަތާއި، ޙިލާފް ބޮޑެތި ޖަރީމާތައް ބެލުމާއި، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރި ވެފައިވޭތޯ ބެލުމާއި، މަގާމުގެ ބޭނުން ނަހަމަގޮތުގައި ކޮށްފައިވޭތޯ ބެލުންފަދަ، މައްސަލަތައް ބެލިގެންނެވެ. ގައުމެއްގައި ޚުދުމުޙްތާރު ވެރިކަން ބަދަލުވުމަށް ފަހު ސުލްހަ މަސަލަސްކަން ދެމެހެއްޓޭނީ ޓްރާންސިޝަނަލް ޖަސްޓިސް ތަންފީޒް ކޮށްގެންނެވެ. މިއަދު ދިވެހި ރާއްޖެއިން ފެންނަމުންދާ ސިޔާސީ ހަމަނުޖެހުމުގެ މައިގަނޑު އަސާސަކީ، ޓްރާންސިޝަނަލް ޖަސްޓިސް ތަންފީޒް ނުކުރުމެވެ.
ވީހިނދު، ދިވެހި ރައްޔިތުން މިއަދު ޢިބްރަތް ލިބިގަންނަންވީ 30 އަހަރުވީ ދިގުވެރިކަން ނިމި ޤައުމީ ތަރައްގީގައި މިފަދަ މުހިއްމު ޤާނޫނީ ވާޖިބުތަކެއް އަދާ ކުރަންޖެހޭ، ޑިމޮކްރަސީގެ މޫސުމެއްގައި ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި އަލަށް އުފެދުނު ރައްޔިތުންގެ މަޖިލީހަކީ، ނުވަތަ އަލަށް އުފެދުނު ސިޔާސީ ޕާޓީތަކަކީ، ޒާތީ ތަޢައްސުބުން އެއްކިބާވެ ގައުމީ މަސްލަހަތުގެ މައްޗަށް އިޚްލާސްތެރި ކަމާއެކު، މަސައްކަތްކުރާ ބަޔަކަށްވުމެވެ. އެފަދަ ވިސްނުމާއި، ރޫޙުނެތް ބަޔަކަށް ވާދަވެރި ސިޔާސީޕާޓީތައް ވެއްޖެނަމަ، ރާއްޖޭގެ ދުސްތޫރީ ވެރިކަން ހިންގުމުގެ އައުވެށި ކިލަނބުވެ، އަދި ރައްޔިތުން އެ ބަދަލަކަށް ޓަކާ ނަޢަރާކުރި ޒަމާނީ ޑިމޮކްރަޓިކް އުސޫލުތަކުގެ މައްޗަށް ފުރަގަސް ދިނުމަކީ، ދުރުގައި އޮތް ކަމެއްނޫނެވެ. މިއަދު މިގައުމުން ފެންނަނީ އެފަދަ ޢައިރުޒިއްމާ ދާރު މައްސަލަތަކެވެ. މިކަމުގެ މައްޗަށް ދޫދެވިގެން ނުވާނެއެވެ. ފިސަހަރި ވަރުގަދަ ނިއާމަ ދަތުރެއްގައި ޤާނޫނީ ހުދޫދުތަކުގެ ތެރޭގައި ތިބެ ދިވެހިންގެ ސިންގާ ސަނާގެ ނައު ޖެހޭނީ ދުޝްމަނުންނަށް ފުރުޞަތުނުދީ ލޮބުވެތި ރައްޔިތުންގެ ހެވާ ލާބައަށްޓަކައި ދުއްވާށެވެ.
ދެމުރިނގު ނުފެންނަ ދިކޮއިފަދައިން، ހޯއްގޮވަގޮވާ ގޯޅިގޯޅި ކަންމަތީގައި ތިބުންދޫކޮށް، ގައުމާއިގެން އަމާން ބަނދަރަކަށް ދާން އެންމެން ވެސް ދަތުރަށް އަރާށެވެ. މިގައުމުގައި އުފެދުނު މޮޅެތިމީހުންގެ މީރުކަން ރައްޔިތުންނަށް ލިބޭނީ އެއިރުންނެވެ. ކުރި ވެއްޓިފައި ހުރި ރުކެއްގެ މިސާލުން މޮޅުމީހުން މިގައުމުގައި ތިއްބަސް އެއީ ޤައުމަށް ފައިދާހުރި ބައެއްނޫނެވެ. ޤާނޫނު އަސާސީ އެކަށަ އެޅުމުގައި މުޅި މަޖިލީހަށް ވެސް ގޯސްހެދިފައި އެބަހުއްޓެވެ. އެކަމުގެ ސަބަބުން ޤާނޫނީ ފުށުއެރުންތައް އެބަހުއްޓެވެ. އަދި ބަހުގެ މައްސަލަތައް ވެސް އެބަހުއްޓެވެ. މިސާލަކަށް ދިވެހިބަހުގެ ލަފްޒީ މާނަ ބަހުގެތެރެއިން މާނަކުރުމުގައި ހަތަރު ކައިފިއްޔަތުގެ މައްޗަށް ދަތުރުކުރާ ދޭހަތައް ވެސް ދިވެހިބަހުގައި އެބަހުއްޓެވެ. ރައީސުލް ޖުމުހޫރިއްޔާ އައްޔަން ކުރައްވާ، ވަޒީރުންގެ މަޖިލީހަށް ރައްޔިތުންގެ މަޖިލީހުގެ ރުޙުން ލިބެންޖެހެއެވެ. ނަމަވެސް، އެރުހުން ދިނުމުގެ މިސާލީ ޒާތީ ހަސަދަ ވެރިކަމުގެ ރުހުންކަމުގައި ވާނަމަ، ނުވަތަ އެއީ ސަރުކާރު ވައްޓާލުމަށް ދެވޭރުޙުމެއް ކަމުގައިވާނަމަ، އެފަދަ ރުހުމުގެ މައްޗަށް ކިޔަންޖެހެނީ ބަލާވެރިކަމުގެ ރުހުމެވެ. ނުވަތަ ލަދުޙަޔާތުގެ ބުރުގާ އެއްލާލުމުގެ ރުހުމެވެ. ނުވަތަ ޤައުމު ފަސާދަކޮށް ލުމުގެ ރުހުމެވެ. އަޅުގަނޑު އުއްމީދުކުރަނީ މި މުސީބާތުން މިންޖުވުމުގެ ފަހުގެ މަރުހަލާ އޮތީ ސްޕްރީމްކޯޓްގެ އައްމަތީގައެވެ. އިރާދަ ކުރެއްވިއްޔާ އުއްތަމަ ފަނޑިޔާރާއި އަދި އެހެން ފަނޑިޔާރުންގެ ބުރަ މަސައްކަތްޕުޅުން ދިވެހި އުއްމަތަށްޓަކާ މިމައްސަލަ ފައިސަލާކޮށް ދެއްވާނެއެވެ.
މިވެރިކަމުގެ ބާރު ބޯދާ ވިސްނުމުގެ އަހުލުވެރިންނާއި، އަދި އެމީހުންގެ އަޢުވާނުންނާއި ޤައުމީ ބޮޑެތި އަފޫރުއްބަ ޗޯރުންގެ އަތްމައްޗަށް ދޫކޮށްލުމަކީ، މިރާއްޖޭގެ ޑިމޮކްރަޓިކް ޙަޔާތް ބަރުބާދު ކޮށްލުންކަން ތަކުރާރުކޮށް ފާހަގަކުރަމެވެ..