އަޅުގަނޑުގެ ނަން ބޭނުން ކޮށްގެން ރާއްޖޭގެ މީޑިއާ ޗެނަލަކުން ވިޔަފާރިކޮށްފި. އަޅުގަނޑު ބޭނުން އޭގެ ބަދަލު ހޯދަން – އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު

1 މާރޗް 2010

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކުގެ ނަންފުޅު ބޭނުންކޮށްގެން ރާއްޖޭގެ މީޑިއާ ޗެނަލަކުން ވިޔަފާރިކޮށްފައިވާތީ އޭގެ ބަދަލު ހޯދަން ބޭނުންފުޅުވާ ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ. މޫސަ މިހެން ވިދާޅުވީ ރާއްޖޭގައި މިވަގުތު އޮތް އެންމެ މެންބަރުން ގިނަ ޕާޓީއަށް އެމްޑީޕީ ވުމުގެ އުފަލުގައި އެޕާޓީން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޚާއްޞަ ޖަލްސާ އެއް ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމްޑީޕީގެ މެންބަރުންނާއި އެޕާޓީއަށް ތާއީދުކުރައްވާ ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި މިޖަލްސާގައި މޫސަ ވިދާޅުވީ ބައެއް ވިޔަފާރި ވެރިންގެ މައްސަލައަކަށް ވެގެން އުޅެނީ އެވިޔަފާރިވެރިންނަށް ނުޙައްގުން ކަންތައްތަކަށް މަގުފަހި ކުރުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އެއްބާރުލުން ނުލިބުން ކަމުގައެވެ. އަދި މިސަރުކާރުން އެއްވެސް މީހެއްގެ ބޮލުގައި ދޮގު އިލްޒާމެއް ނާޅުވާނެ ކަމަށާއި، އެމަނިކުފާނުގެ ކާރު ޑްރައިވަރަށް ރިޝްވަތުދީގެން ބަޔަކު ވިޔަފާރީގެ ގޮތުގައި ބޭނުންކުރުމަށް ގެނެސް ނުވިކިފައި ހުރި ބަނގުރާތަކެއް އިޝްތިހާރުކުރުމަށް އެމަނިކުފާނުގެ ނަންފުޅު ބޭނުންކޮށްފައިވާ ކަމުގައެވެ.
” އަޅުގަނޑު މިރޭ އެމްޑީޕީގެ މެންބަރުންނާ ދިވެހިރާއްޖޭގެ ރައްޔިތުންގެ ކުރިމަތީގައި ދަންނަވާލަން ބޭނުންވަނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން، އޭގެ ލާރި ހޯދައިގެން ޓީވީ ޗެނަލް ހަދައިގެން، ފިލްމުކުޅެގެން، ޑްރާމާ ދައްކާ މީހެއް ނޫނޭ އަޅުގަނޑަކީ.” މުސަ ވިދާޅުވިއެވެ. ” މީޑިއާ ހައްދު ފަހަނައަޅައިގެން ގޮސް އަޅުގަނޑުގެ ކާރާ، އަޅުގަނޑުގެ އަންހެނުންނާ، އަޅުގަނޑުގެ އާއިލާއާ، އަޅުގަނޑުގެ މުޅި ނަން ބޭނުންކޮށްގެން ރާއްޖޭގެ މީޑިއާ ޗެނަލަކުން ވިޔަފާރިކޮށްފިއޭ. އަޅޫގަނޑު ބޭނުން އޭގެ ބަދަލު ހޯދަން. ”
މޫސަ އިތުރަށް ވިދާޅުވީ ބޭންކުތަކާ ފައިސާ ރައްކާކޮށްފައި ބެހެއްޓޭ މާލީ އެހެންތަންތަން ހުންނައިރު، އާދައިގެ މީހަކު ދިރިއުޅޭ ގެއެއްގެ އެނދު ތަންދޮށުގައި 5 މިލިއަން ރުފިޔާ ރަބަރު ކޮތަޅަކަށް ލާފައި ބާއްވާފައި އޮތް އިރުވެސް އެކަށީގެންވާ ހެކި ނުލިބޭ ކަމަށް ބުނެ އެހިސާބުން އެފަދަ ބޮޑެތި މައްސަލަ ނިންމާލުން އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމުގައެވެ. އަދި އެމަނިކުފާނުގެ ކާރުކޮޅުން ފެނުނު ބަނގުރަލުގެ މައްސަލައިގައި ކަމާއިބެހޭ ފަރާތްތަކަށް އެމަނިކުފާނު ހާޒިރުކޮށްގެން ނަމަވެސް އެމައްސަލަ ތަޙްގީގުކޮށް އިންސާފުވެރި ޝަރީޢަތެއް ކުރުމަށް އެމަނިކުފާނު ވަނީ ރޭގެ ޖަލްސާގައި ގޮވާލައްވާފައެވެ.
ރޭގެ ޚާއްސަ ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެސް ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީއަށް ” ނުވާނެއޭ، ނުކުރެވޭނެއޭ ބުނި ހުރިހާ ކަމެއް ” އެމްޑީޕީން ކުރަމުންދާ ކަމަށާއި، އެމްޑީޕީގެ މެނިފެސްޓޯގައިވާ ފަސް ވައުދުވެސް ފުއްދަވައި ދެއްވާނޭ ކަމުގައެވެ. އަދި މި ފަސްވައުދު ފުއްދުމަށް މިހާތަނަށް ކުރައްވާފައިވާ މަސައްކަތްތަކަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި، ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ވެސް ވާހަކަ ދެއްކެވި މިޖަލްސާ ނިމުނު ވަގުތު ޑީއާރުޕީ އޮފީސް ކުރިމަތީގައި މިޖަލްސާއަށް ހުރަސް އެޅުމުގެ ގޮތުން އަޑުގަދަކުރަމުން ދިޔަ ޑީއާރުޕީގެ ބަޔަކާއި، އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި ކޮންމެވެސް ވަރަކަށް ހަމަނުޖެހުން ހިނގައި، އެވަގުތު އެސަރަހައްދުގައި ހަރަކާތްތެރި ވަމުންދިޔަ ފުލުހަކަށް އަނިޔާ ވެފައި ވެއެވެ.
ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީގެ މަގާމް އެމްޑީޕީއަށް ލިބުނުކަން ރޭގެ ޖަލްސާގައި އިއުލާންކޮށްދެއްވީ އެމްޑީޕީގެ ސީނިއަރ ރެޖިސްޓްރާ ޖެނެރަލް އަހުމަދު ޝާހިދު (ސާބެ) އެވެ. އިލެކްޝަންސް ކޮމިޝަނުގައި އޮންނަ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިހާތަނަށް ރަޖިސްޓްރީ ކުރެވިފައިވާ އެމްޑީޕީ މެންބަރުންގެ ސައްޙަ އަދަދަކީ 31،171 އެވެ. އަދި މީގެ އިތުރުން 2،000 އަށްވުރެ ގިނަ ފޯމު އިލެކްޝަނަށް މިހާރު ހުށަހަޅާފައިވާ ކަމަށް އެޕާޓީން މައުލޫމާތު ދެއެވެ.