22 ނޮވެމްބަރ 2010
އިބްރާހީމް ރާމިޒް
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް މަރްޙަބާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ، ވަޒީރުންނަށް މަރްޙަބާ ވިދާޅުވިކަން ހާމަކުރައްވާފައިވަނީ، ރައިސުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ ނެރުއްވި ޚަބަރެއްގައެވެ. އަދި އެމްޑީޕީން މަރުހަބާ ދަންނަވާފައިވަނީ މިރޭ އެޕާޓީން ނެރުނު ނޫސް ބަޔާނެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވަޒީރުންނަށް އެ މަޖިލީހުގެ ރުހުން އޮތްތޯ ބެއްލެވުމަށް ވަކިވަކިން ނެންގެވި ވޯޓުގައި، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣްލަބިއްޔަތު ހަމަވާ ވަރަށް އެއްވެސް ވަޒީރަކާ ދެކޮޅަށް ވޯޓު ލިބިވަޑައިގެންފައިނުވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާކަމަށް ރައީސް އޮފީހުން ނެރުނު ޚަބަރުގައި ވިދާޅުވެފައިވެއެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ އިތުބާރާއެކު، ވަޒީރުން އެބޭފުޅުންގެ މަސްއޫލިއްޔަތުތަކާއި މަސައްކަތްތަކުގައި ކުރިއަށް ވަޑައިގަތުމަށް ވަޒީރުންގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ކަމަށްވެސް މި ޚަބަރުގައި ވިދާޅުވެފައިވެއެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ވަޒީރުން މަޤާމުން ވަކިކުރެވޭނޭގޮތް ޤާނޫނު އަސާސީގައި ވަރަށް ސަރީހަ ބަހުން ލިޔެވިފައިވާއިރު، މި ސަބަބުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބުން ބަޔާންކޮށްފައިނުވާ ކަމަށާއި،ޤާނޫނު އަސާސީގައި ވަޒީރަކާއިމެދު އިތުބާރުނެތް ކަމަށް ބެލެވޭނީ މުޅި މަޖިލީހުގެ އަޣްލަބިއްޔަތުން ވަޒީރަކަށް އިތުބާރުނެތްކަން ފާސްކުރުން ކަމަށްވީ ހިނދު، އަދި އެކަމަށް ބޭނުންވާ ވޯޓުގެ އަދަދަކީ މިވަގުތު 39 ވޯޓު ކަމަށްވީ ހިނދު، މިއަދު ވަޒީރުންނާއި މެދު މަޖިލީހުގައި އެނިންމެވި ނިންމެވުމުގައި، އެއްވެސް ބޭފުޅަކާއި ދެކޮޅަށް 39 ވޯޓު ލިބިފައިނުވާ ކަން ފާހަގަކޮށް، މިހާރު ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ހުރިހާ ވަޒީރުން އެބޭފުޅުންގެ މަޤާމުގައި ރައްޔިތުންނަށް އެދެއްވަވާ ޚިދުމަތުގައި ދެމިތިއްބެވުމީ އެމްޑީޕީ އެދޭގޮތްކަން ހާމަކޮށް، ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އިތުބާރު ވަޒީރުންނާއި މެދު އޮތަތީ ހުރިހާ ވަޒީރުންނަށް އެޕާޓީގެ ފަރާތުން މަރުހަބާ ދަންނަވާކަމަށެވެ..