ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ، ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒް އަލި ޒާހިރު ގާނޫނުއަސާސީ އާއި ގާނުނުތަކާ ހިލާފަށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ފަނޑިޔާރުކަމުން ވަކިކުރުން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުށްވެރި ކުރަމެވެ.
މި ދެ ފަނޑިޔާރުން ވަކިކުރުމަކީ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ހިންގި ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ އަމަލެކެވެ. ރައީސް މުއިއްޒުގެ ބާރު ހިނގާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުން ވަކިކުރުމުގެ މަރުހަލާތައް ކުރިއަށްގެންދިޔައީ ވެސް އަމަލުކުރަމުން އަންނަ އުސޫލުތައް މުގުރާލައި ގާނޫނުތަކާ ހިލާފަށެވެ.
ފަނޑިޔާރުންގެ މައްސަލަތައް ޖޭއެސްސީން ބަލާފައިވަނީ ގާނޫނާ ހިލާފަށްކަން ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ފިލްޒާ މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ދެއްވި ލަފާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި ވެއެެވެ.
ހަމައެހެންމެ، ކޮމިޓީ މަރުހަލާގައި ދެ ފަނޑިޔާރުންނަށް ވެސް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިނުވާއިރު އެ ފަނޑިޔާރުންގެ މައްޗަށް ކޮށްފައިވާ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކުން ދިފާއުމުގެ ހައްގުން މަހުރޫމް ކޮށްފައިވުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
ފަނޑިޔާރުން ވަކިކުރުމުގެ އެންމެހާ ކަމެއް ކުރިއަށްގެންގޮސްފައިވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާއި އުސޫލުތަކާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާ ހިލާފަަށް ކަމަށްވާއިރު، މިއީ ރާއްޖޭގެ ޖުޑީޝިއަރީއަށް އޮތް އިތުބާރު އެއްކޮށް ގެއްލިގެން ގޮސް، ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ގައުމަށް ލިބޭނެ ކަމެކެވެ.
ފަހުގެ ނޫސް ބަޔާންތައް
25th June 2025
ގދ. ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑް ކުރުން ކުށްވެރި ކުރުން
3rd June 2025