ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ވަޒީރަކަށް ހުންނެވި އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަތުމުގެ ބަދަލުގައި އޭނާ ދައްކަވާފައިވާ ޣައިރު ގާނޫނީ އަދި ޒިންމާދާރުކަން ކުޑަ ވާހަކަތައް ކުށްވެރިކޮށް ވަގުތުން މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލަމެވެ.އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ހިންގި ހަރަކާތުގައި ސައްހަ ނޫން ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާކަން އިލެކްޝަންސް ކޮމިޝަންގެ ބަހުންނާއި، ޕީއެންސީގެ އަމިއްލަ އިއުތިރާފުން ޝައްކެއް ނެތް މިންވަރަށް ހާމަވެ އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވަނީ އިހުސާން ކަމަށް ވުމުންނެވެ.މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިހުސާން ވަނީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ މުވައްޒަފުންނާއި، ވަސީލަތްތަކާއި އެ އިދާރާގައި ހުރި މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް މީހުން ވެއްދުމަށް ފޯމު ފުރުމުގެ ހުތުރު އަމަލު ހިންގާފައިވާ ކަމަށް އިއުތިރާފުވެވަޑައިގެންފަ އެވެ.ސިޔާސީ ޕާޓީގެ މެންބަރަކަށް ވުމަށް ފޯމު ފުރާއިރު ހެކިވެރިއެއްގެ ހައިސިއްޔަތުން ސޮއި ކުރާ މީހަކު ސޮއި ކުރަން އޮންނަނީ، އެ ފޯމު އެެ މީހެއްގެ ނަމުގައި ފުރާ މީހެއްގެ ހާޒިރުގައި ކަމަށްވާއިރު ހޯމް މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތަކުގައި ތިބި ސިޔާސީ މުވައްޒަފުން ގެނައި ފޯމުތަކުގައި ހެކިވެރިން ސޮއިކޮށްފައި ނުވާ ކަމަށް އިހުސާން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.އިހުސާން އިސްވެ ހުންނަވައި ފުރި އެތައް ސަތޭކަ ފޯމެއްގައިދޮގު ހެކި ދީފައިވާއިރު އެއީ ޖިނާއީ ކުށެއް ކަމަށް ފެނިވަޑައިގަނުގަންވާ ވަޒީރަކު ރާއްޖޭގެ ދާހިލީ ކަންކަމާއި ތަހުގީގީ އިދާރާތައް ބެލެހެއްޓުމުގެ ޒިންމާތަކާ ހަވާލުވެ ހުންނެވުމަކީ މި ޕާޓީ ނުހަނު ކަންބޮޑުވާ ކަމެކެވެ.އޭގެ އިތުރުން، ވަގު ފޯމު ފުރުމުގެ ދިފާއުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ ފޮޓޯއެއް މަޖިލީހުގެ ތަޅުމުގައި އިހުސާން ހިއްސާކުރެއްވީ ވަރަށް ޣައިރު ޒިންމާދާރު ގޮތެއްގައިކަން ފާހަގަކުރަމެވެ. އެއީ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގެ ކެމްޕޭނަށް ތައްޔާރުކޮށްފައިވާ ލިސްޓެއްގެ ފޮޓޯއެއް ކަމަށްވާއިރު އެމްޑީޕީއަކީ މި ޕާޓީގެ މެންބަރުންގެ މައުލޫމާތު ފުރިހަމައަށް ބަލަހައްޓަމުންދާ ޕާޓީއަކަށްވާތީ ފޮޓޯ ޖެހި އެތައް ލިސްޓެއް މި ޕާޓީގެ ކެމްޕޭންތަކާއި އެތެރޭގެ އިންތިހާބުތަކުގައި ބޭނުންކުރާތާ އެތައް އަހަރެއް ވަނީ ފާއިތުވެފަ އެވެ.އެއާ މުޅިން ހިލާފަށް އިހުސާން ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން ފޯމު ފުރާފައިވަނީ ސަރުކާރުގެ ވުޒާރާއެއްގެ ތެރޭގައި ހުންނަވައި ރަސްމީ މަސައްކަތު ގަޑީގައި އެތައް ބައެއްގެ މައުލޫމާތު ވަގަށް ނަގައި ސޮއި ފޯޖުކޮށްގެންނެވެ. ހަމައެހެންމެ، ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ހާޒިރުވެވަޑައިގެން ނެތް، ދިފާއު ނުވެވޭނެ ފަދަ ތަނެއްގައި އެފަދަ ތުހުމަތެއް އިހުސާން ކުރެއްވީ އޭނާ ކޮށްގެން ހުންނެވި ޖިނާއީ ކުށް ފޮރުވުމުގެ ބޭނުމުގަ އެވެ.ރައްޔިތުންގެ މަޖިލީހުގައި އޮތް ޕީއެންސީގެ ސުޕަ މެޖޯރިޓީން އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލި ނަމަވެސް މިއަދު މަޖިލީހުގައި އިއުތިރާފުވެވަޑައިގެންނެވި ކުށްތަކާއި އަދި ދެއްކެވި ޣައިރު ގާނޫނީ ވާހަކަތަކަކީ އޭނާ އިތުރަށް އެ މަގާމުގައި ހުންނަން ނުޖެހޭކަން ދަލީލުކޮށްދޭ ކަންކަމެވެ. ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން އިތުރަށް މުސާރަ ނުނަންގަވައި ދައުލަތުގެ މުދަލާއި ވަސީލަތްތަކަށް ނަހަމަ ނުފޫޒު ނުފޯރުވައި ވަގުތުން މަގާމުން އިސްތިއުފާ ދިނުމަށް އިހުސާނަށް ގޮވާލަމެވެ.
ފަހުގެ ނޫސް ބަޔާންތައް
25th June 2025
ގދ. ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑް ކުރުން ކުށްވެރި ކުރުން
3rd June 2025