2026 ވަނަ އަހަރުގެ އޭޕްރިލް 4 ވަނަ ދުވަހުގައި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ތާވަލުކުރެވިފައި ވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ނިންމަވައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް އިޞްލާޙު ގެންނަވައި، ރައްޔިތުންގެ އެއްވެސް މަޝްވަރާއެއް ހޯދުމަކާނުލާ، ކުރިއަށް އޮތް އިނތިހާބުގައި ހދ. ހިރިމަރަދޫގެ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަކީ އެ އަތޮޅުގެ ހަނިމާދޫ ކަމުގައި 30 ޑިސެމްބަރ 2025 ގައި ކަނޑައެޅުމަކީ މިޕާޓީ އިން ނިހާޔަތަށް ކަންބޮޑުވާ ކަމެކެވެ.
މިފަދައިން ޢަމަލުކޮށްފައިމިވަނީ 7 ނޮވެމްބަރ 2025 ގައި ހދ. ހިރިމަރަދޫގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ޤާއިމުކުރުމަށް 4.1 މިލިއަން ރުފިޔާގެ މަޝްރޫއު އެރަށުގައި ހިންގުމަށް އިއުލާނުކުރެވިފައި ވަނިކޮށެވެ. މިކަމާ ގުޅިގެން އަމާޒުވި ފާޑުކިޔުމަށް ރައްދުދެމުން ކުނި މެނޭޖު ކުރުމުގެ ނިޒާމު ގާއިމު ކުރަނީ އެރަށުގައި މީހުން އަދި އުޅޭތީ ކަމަށާއި ރަށުގައި މީހުން ތިބޭއިރުގައި ޒަރޫރީ ޚިދުމަތްތަށް ފޯރުކޮށްދޭން ކަމަށް ސަރުކާރުން ބަޔާންކޮށްފައިވެއެވެ. އަމިއްލަ ރަށުގައި ތިބެގެން ރަށުގެ ކަންކަން ނިންމުމަކީ ދިވެހި ޖުމްޙޫރިއްޔާގެ ޤާނޫނު އަސާސީއިން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދޭ ހައްޤަކަށް ވީހިނދު، ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުވުމުގެ ކުރިން، އެފަރާތްތަކުގެ ކިބައިން އަމިއްލަ ރަށުގައި ތިބެގެން ރަށުގެ ކަންކަން ނިންމުގެ ބާރު ފޭރިގަތުމަކީ މިޕާޓީއިން ކުށްވެރިކުރާ ކަމެކެވެ.
މިއަދާ ހަމައަށްވެސް، ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރުމުގެ އެއްވެސް ޢަމަލީ މަސައްކަތެއް ފަށާފައި ނުވާއިރު، ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ދިމާކޮށް މިފަދަ ބަދަލެއް ގެނެސްފައިވަނީ، މި ސަރުކާރުން އެ އިންތިހާބުގެ ނަތީޖާއަށް ނުފޫޒުފޯރުވުމަށެވެ. އަދި، މިއީ ހދ. ހިރިމަރަދޫ އަދި ހދ. ހަނިމާދޫގެ އެންމެހާ ރައްޔިތުންގެ އިންތިހާބީ ހައްޤާއި، ލާމަރުކަޒީ އުސޫލުން ރަށް ހިންގުމުގެ ހައްޤާއި މިނިވަން ޑިމޮކްރެޓިކް އިންތިހާބެއްގައި ވޯޓުލުމުގެ ހައްގަށް ހީނަކުރުކަން އަންނާނޭ ކަމެއް ކަމުގައި މި ޕާޓީއިން ގަބޫލު ކުރަމެވެ.
މިފަދަ ބަދަލެއް ހެޔޮނިޔަތުގައި ގެންނަނަމަ ގެންނާނީ، ހދ. ހިރިމަރަދޫ އަދި ހދ. ހަނިމާދޫގެ އެންމެހާ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަހުގައެވެ. އަދި، ހދ. ހިރިމަރަދޫގެ ރައްޔިތުންގެ އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުވުމާ ހަމައަށް އެރަށުގައި ރަށު ކައުންސިލުން ދޭންޖެހޭ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދެވޭނެ ގޮތެއްގެ މަތިންނެވެ. ނަމަވެސް ސަރުކާރުން ޢަމަލުކޮށްފައިވަނީ އެއާ ހިލާފަށް ކަމަށްވާތީ، މި ނިންމުން ބާތިލުކޮށް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ މިނިވަންކަމާއި ހަމަހަމަކަން ގެއްލުވާނުލުމަށް ސަރުކާރަށް ގޮވާލަމެވެ.
31 ޑިސެންބަރ 2025
ފަހުގެ ނޫސް ބަޔާންތައް
13th December 2025
މަސައްކަތްތެރިންގެ ހައްގުގައި އަޑުއުފުލަމުންދަނިކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޤާނޫނާ ހިލާފަށް ހައްޔަރުކުރި މައްސަލަ އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަނަށް ހުށަހެޅުން
13th December 2025