ނޫސް ބަޔާން

ސަރުކާރުން ރަސްމީ ނިޒާމުތައް ނަހަމަގޮތުގައި ބޭނުންކޮށްގެން ފައިސާ ޗާޕުކުރުން ހުއްޓައިލުމަށް ގޮވައިލުން

ފައިސާ ޗާޕުނުކުރުމަކީ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައްޔިތުންނަށް ވެވަޑައިގެންފައިވާ ބޮޑު ވައުދެކެވެ. ކަންކަން ކުރެވޭ ވަރަށް ދައުލަތައް ކޮންމެ މަހަކު ފައިސާ ލިބޭ ކަމަށާއި، ލޯނު ނެގުމާއި ފައިސާ ޗާޕުކުރުން ފަދަ ކަންކަން ކޮށްގެން ދައުލަތަށް ފައިސާ ހޯދަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެ ކަންކަން ނުކޮށް ފައިސާ ހޯދަން އެނގިވަޑައިގަންނަވާ ކަމަށާއި، މި ސަރުކާރުން ފައިސާ ޗާޕު ނުކުރާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.

ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތުމާއި ވެރިންގެ ނާޤާބިލުކަމުގެ ސަބަބުން ބޭރުން ފައިސާ ހޯދަން ނުކުޅެދި އަދި އެތެރެއިން ފައިސާ ހޯދާނެ އިތުރު ގޮތްތައް ބަންދުވެ، ސަރުކާރު ކުންފުނިތަކާއި ބޭންކްތަކުން އިތުރަށް ނަގާނެ ފައިސާ ނެތުނީމަ 2.5 ބިލިއަން ރުފިޔާ ޗާޕުކުރުމަށްފަހު ޕެންޝަން ފަންޑު މެދުވެރިކޮށްގެން ސަރުކާރަށް އެ ފައިސާ ނެގުމަށް ވަނީ ނިންމައިފައެވެ. 

ބިލިއަނުން ސަރުކާރަށް ފައިސާ ހޯދުމަށް އަލަށް މި ފަށަނީ ނުރައްކާތެރިކަމެކެވެ. މިއީ މިހައިތަނަށް ޕެންޝަން ފަންޑުން އިންވެސްޓްކުރުމުގައި ގެންގުޅެމުން އައި ހުރިހައި ހަމަތަކެއް މުގުރައިލައި، ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް، އެ ފަންޑުގައި ހުރި ފައިސާ ސަރުކާރަށް ނަގަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިސްވެ އޮވެ، ކުރުވަމުންދާ މަސައްކަތެކެވެ.

މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑު-19 ގެ ކުއްލި ވަބާއާއެކު، މުޅި ދުނިޔޭގެ ދަތުރުފަތުރު ހުއްޓުމަކަށް އައުމުގެ ސަބަބުން، ރާއްޖެއަށް ޓޫރިސްޓުން އައުން މުޅިން ހުއްޓުނެވެ. ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ޓޫރިޒަމް ހުއްޓުމަކަށް އައުމުގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ އާމްދަނީ އެތައް ގުނައެއް ދަށަށް ދިޔައެވެ. އެހެންނަމަވެސް، ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި، ތެލާއި، ގޭހާއި ބޭސްފަދަ ޒަރޫރީ ތަކެތި ލިބުން ހުއްޓުމަކަށް ނާންނާނެކަން ސަރުކާރުން ކަށަވަރުކޮށްފައިވެއެވެ. 

މި ދެންނެވި ކަންކަމުގެ ހަރަދުތައް ހަމަޖައްސަން ޖެހުނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އެޑްވާންސްކޮށް ފައިސާ ނަގައިގެންނެވެ. އެއީ، ޤާނޫނުގައި ބަޔާންކޮށްފައިވާ، ޤުދުރަތީ ކާރިސާއެއް މެދުވެރިވުން އަދި އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް ދިމާވުން، މި ދެ ހާލަތު އެއްފަހަރާ ކުރިމަތިވެފައިވާތީ، އެ ގޮތަށް ފައިސާ ނެގުމަށް ޤާނޫނުން ލިބޭ ފުރުސަތުގެ ތެރެއިން، ޒިންމާދާރުކަމާއެކު އެޅި ފިޔަވަޅެކެވެ. މި ގޮތުން ނެގި ފައިސާ ހަރަދުކޮށްފައިވަނީ، މުޅި ރާއްޖޭގެ އާބާދީއަށް ބޭނުންވާ އަސާސީ ތަކެއްޗާއި ހިދުމަތްތައް މެދުނުކެނޑި ލިބޭނެގޮތް ހަމަޖެއްސުމަށާއި، ގައުމުގެ އެތެރޭގެ އިގްތިސާދުގެ ދިރުން ދެމެހެއްޓުމަށް އިސްކަންދީގެންނެވެ.

އެހެންނަމަވެސް، މި ސަރުކާރުން ކުއްލިއަކަށް 2.5 ބިލިއަން ރުފިޔާ ޗާޕުކުރަން ނިންމައިފައި މި ވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ، 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި، ދައުލަތަށް ފައިސާ ހޯދާނެ ކަމަށް މިނިސްޓަރ އޮފް ފިނޭންސް ބަޔާންކޮށްފައިވާ ކަންކަމާ ހިލާފަށެވެ.

މި ކަމަކީ، މީގެ ދެމަސްދުވަސް ކުރިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިއުލާނުކުރި މަނިޓަރީ ޕޮލިސީއާވެސް ކަނޑައެޅިގެން ހިލާފަށް ކުރާ ކަމެކެވެ. އެހެންކަމުން، މިއީ ހަރުދަނާ ސިޔާސަތެއް އަދި އެއްވެސް ފަރުވާލެއްނެތި ކުރާ ކަމެއްކަން އެނގެއެވެ.

ޤުދުރަތީ ކާރިސާއެއް ނުވަތަ އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް މެދުވެރިވުން ފަދަ ހާއްސަ ހާލަތެއް ކުރިމަތި ނުވަނީސް، 2.5 ބިލިއަން ރުފިޔާ ޗާޕުކޮށް، ސަރުކާރަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އިން އެޑްވާންސްކޮށް ނެގުމަށް ދަނީ ތައްޔާރުވަމުންނެވެ. އެ ފަދަ މުއާމަލާތެއް ހިންގައިގެން ދައުލަތުގެ މަރުކަޒީ ބޭންކުން ސަރުކާރަށް ފައިސާ ނެގުމަކީ، ޤާނޫނީގޮތުން ކަނޑައަޅައިފައިވާ ހަމަތަކާއި އުސޫލުތައް އެއްފަރާތްކޮށް، އެ ހަމަތަކާއި އުސޫލުތަކާއި ކަނޑައެޅިގެން ހިލާފަށް ހިންގާ ޢައިރުޤާނޫނީ ޢަމަލެކެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޯޑު މެންބަރުން އަދި ޕެންޝަން ފަންޑުގެ ބޯޑު މެންބަރުން، ސަރުކާރުގެ މި ފަދަ ޢައިރުޤާނޫނީ ކަންކަމުގައި ބައިވެރިވެ، އެއްބާރުލުން ދިނުމަކީ މި ޕާޓީން ބަލައިގަންނާނެ ކަމެއް ނޫނެވެ.

މިކަމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ދަށްވެ، ބޭރު ފައިސާގެ އަގު އިތުރަށް މަތިވުމުގެ ނަތީޖާއެއްގެ ގޮތުން، މުދަލާއި ހިދުމަތުގެ އަގުތައް އިންތިހާއަށް އުފުލޭނެއެވެ.

މިހެންކަމުން، ރަސްމީ ނިޒާމުތައް ނަހަމަގޮތުގައި ބޭނުންކޮށްގެން ފައިސާ ޗާޕުކުރުން ހުއްޓައިލުމަށް ސަރުކާރަށް ގޮވައިލަމެވެ.

ފަހުގެ ނޫސް ބަޔާންތައް

ނޫސް ބަޔާން

14th October 2025

ސަރުކާރުން އައްޑޫގައި ނެގުމަށް ތައްޔާރުވަމުންދާ ވޯޓާ ގުޅޭ

ނޫސް ބަޔާން

10th October 2025

ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ސަރުކާރުން ހިންގާ ސިޔާސީ ޢަމަލުތައް ހުއްޓައިލުމަށް ގޮވައިލުން

ނޫސް ބަޔާން

3rd October 2025

Condemnation of Violent Arrests and Brutal Attempts to Disrupt October 3rd rally

ނޫސް ބަޔާން

1st October 2025

"ލޫޓުވައިފި ލޫޓުވައިފި" އެއްވުމަށް ހުރަސް ނޭޅުމަށް ފުލުހުންނަށް ގޮވާލުން