ނޫސް ބަޔާން

ސަރުކާރުން އައްޑޫގައި ނެގުމަށް ތައްޔާރުވަމުންދާ ވޯޓާ ގުޅޭ

ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި އަދި ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ދެނެގަތުން ނުވަތަ ރައްޔިތުންގެ ބަސް ހޯދުމަކީ، ދިވެހިރާއްޖެ ފަދަ ޑެމޮކްރެޓިކް އުސޫލުން ހިންގާ ޖުމްހޫރީ ދައުލަތެއްގައި ނުހަނު މުހިންމު ކަމެއްކަމަށް މި ޕާޓީން ގަބޫލުކުރަމެވެ. އަދި އެކަން ކުރަންވާނީ، ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ރައްޔިތުންގެ ބާރު އެންމެ ފުރިހަމައަށް ކަށަވަރުކުރުމުގެ ސާފުސީދާ މަގުސަދުގައި ކަމަށްވުމަކީ ލާޒިމު ކަމެއް ކަމުގައި ދެކެމެވެ.

އެހެންނަމަވެސް، މި ފަދަ ވޯޓެއް ނެގުމަށް އިއުލާނުކޮށްފައި މި ވަނީ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އެ ބިލު ދިރާސާކުރުމަށާއި، އެ ބިލާމެދު މަޝްވަރާކުރުމަށް އެކަށީގެންވާ ވަގުތާއި ފުރުސަތު ދިނުމުގެ ބަދަލުގައި، އަވަސް އަރުވައިލައިގެން ފާސްކޮށްގެންކަމުގައި ވާތީ، މި ކަމުގައި ސަރުކާރުގެ ރަނގަޅު ނިޔަތެއް ނެތްކަން ފާހަގަކުރެވެއެވެ.

ދެންނެވުނު ބިލު މަޖިލީހަށް ހުށަހެޅުމާއެކު، އެ ބިލުގައި ހުރި ކަންބޮޑުވާ ކަންކަން ފާހަގަކޮށް، ކޮންމެހެން ގެންނަންޖެހޭ އިސްލާހުތައް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ހުށަހެޅިއެވެ. މި ގޮތުން، ހިޔާލު ހޯދުމުގެ ވޯޓުތަކުގައި، ސަރުކާރަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާއަށް ބޮޑެތި ބާރުތަކެއް އޮންނަ ގޮތަށް އޮތް މާއްދާތައް ބަދަލުކޮށް، އެ ފަދަ ވޯޓުތައް ނަގަންވާނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިންކަމުގައި ހެދުމަށާއި، އަދި ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭނުންވާ މައްސަލައާމެދު ދުރާލައި ކަނޑައެޅޭ ސާފު ސުވާލެއް ނުވަތަ ސުވާލުތަކެއް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް މަސައްކަތްކޮށްފައިވާނެއެވެ. އެހެންނަމަވެސް، މިއިން އެއްވެސް އިސްލާހެއް ބަލައިނުގަނެ، ބިލު ފާސްކުރީ ސަރުކާރުން ހުށަހެޅި ގޮތަށެވެ.

މި ކަމުގެ ނަތީޖާއެއްގެ ގޮތުން، އައްޑޫ ސިޓީގެ އިދާރީ ހިންގުމުގެ އޮނިގަނޑު ބަދަލުކުރުމާގުޅޭ ގޮތުން ވޯޓު ނަގާ ދުވަސް އިއުލާނުކުރި ފަހުންވެސް، ސީދާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މި ވަނީ ވޯޓުގެ އެއް ސުވާލު އުނިކުރައްވައިފައެވެ.

އައްޑޫގައި ވޯޓް ނެގުމަށް މިހާރު ކަނޑައަޅައިފައިވާ މުއްދަތަކީ، މި ފަދަ މުހިންމު ކަމެއްގައި ރައްޔިތުންނަށް މައުލޫމާތު ދިނުމަށާއި، ހޭލުންތެރިކުރުމަށާއި އަދި ކެމްޕޭންކުރުމަށް، އެކަށީގެންވާ މުއްދަތެއް ނޫންކަން ފާހަގަކުރަމެވެ. އަދި އެ ފަދަ ބަދަލަކާގުޅޭ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް އެކަށީގެންވާ މިންވަރަށް ފޯރުކޮށްދީފައިނުވާކަން ވެސް ފާހަގަކުރަމެވެ.

ދެންނެވުނު ވޯޓުގައި ސަރުކާރުން ވަކި ކޮޅަކަށް ތާއީދުނުކުރާނެކަމަށް ރައީސް މުއިއްޒު އިއުލާނުކޮށްފައިވުމުން، މި ކަމަކީ އެއްވެސް ހަރުދަނާ ވިސްނުމެއް، ސީދާ މަގުސަދެއް އަދި ރޭވުންތެރިކަމެއް ނެތި ކުރާ ކަމެއްކަން ހާމަވެއެވެ.

މި ދަނޑިވަޅުގައި މި ފަދަ ކަމެއް ކުރުމުގެ ބޭނުމަކީ، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދި އޮތުމާއި، ސަރުކާރުގެ ނާގާބިލުކަމާއި ރައްޔިތުންނާމެދު އަޅައިލުމެއް ނެތުމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށްވަމުންދާ މައްސަލައާ ދުރަށް ރައްޔިތުންގެ ސަމާލުކަން އަނބުރައިލުމެވެ.

މިހެންކަމުން، މިއީ ދޭދޭ ރަށްތަކުގެ މެދުގައި ޒަމާނުންސުރެ އުފެދިފައި ހުންނަ ބައެއް ކުދިކުދި ނުތަނަވަސްކަމާއި ދެބަސްވުންތައް ފިތުނައާއި ހަސަދައަށް ބަދަލުކޮށްގެން، އެ ކަންކަމުން ސިޔާސީ މަންފާ ހާސިލުކުރަން ސީދާ ރައީސް މުއިއްޒު ކުރައްވަމުންގެންދަވާ ކަމެއްކަންވެސް ފާހަގަކުރެވެއެވެ.

ލާމަރުކަޒީ ނިޒާމަށް ކުއްލި އެކިއެކި ބަދަލުތައް ގެނެސް، އެ ނިޒާމު މުޅިން ގަޑުބަޑު ކުރަމުންދާ ސަރުކާރަކުން މި ކަން ކުރަން އުޅެނީ، ރައްޔިތުންގެ ބާރު ކަނޑުވައިލައި، މުޅި ދައުލަތުގެ ނިޒާމުތައް ހަރާބުކުރުމަށްކަމަށް މި ޕާޓީން ދެކެމެވެ.

މިހެންކަމުން، ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭނުންވާ މައްސަލައާމެދު ދުރާލައި ކަނޑައެޅޭ ސާފު ސުވާލެއް ނުވަތަ ސުވާލުތަކެއް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށާއި، އެ ކަންކަމާމެދު ފިކުރުކޮށް، ބަހުސްކޮށް، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް އެކަށީގެންވާ ވަގުތު ދިނުމާއެކު، އެކަމުގެ ނަތީޖާއާމެދު ރައްޔިތުން ހޭލުންތެރިކުރުމަށް ފަހުގައި ނޫނީ އެ ފަދަ ވޯޓެއް ނުނެގުމަށް ސަރުކާރަށް މި ޕާޓިން ގޮވައިލަމެވެ.

ފަހުގެ ނޫސް ބަޔާންތައް

ނޫސް ބަޔާން

10th October 2025

ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ސަރުކާރުން ހިންގާ ސިޔާސީ ޢަމަލުތައް ހުއްޓައިލުމަށް ގޮވައިލުން

ނޫސް ބަޔާން

3rd October 2025

Condemnation of Violent Arrests and Brutal Attempts to Disrupt October 3rd rally

ނޫސް ބަޔާން

1st October 2025

"ލޫޓުވައިފި ލޫޓުވައިފި" އެއްވުމަށް ހުރަސް ނޭޅުމަށް ފުލުހުންނަށް ގޮވާލުން

ނޫސް ބަޔާން

28th September 2025

އޮޑިޓަރ ޖެނެރަލްއަށް ބިރު ދައްކައިގެން ސިޔާސީ އޮޑިޓު ރިޕޯޓު ނެރުން ކުށްވެރިކުރުން