ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިސްވެ އޮވެ، 2018 ވަނަ އަހަރުގެ ނޮވެންބަރު މަހު ދިވެހިރާއްޖޭގެ ވެރިކަން ހިންގުމާ ހަވާލުވީ، އޭގެ ކުރީގެ ސަރުކާރުތަކުން، ސިޔާސީ މަގުސަދެއްގައި، ވަކި ބަޔަކަށް އަމާޒުކޮށްގެން، ނުހައްގުން އެތައް ބަޔަކު ވަޒީފާއިން ވަކިކުރުމާއި އެތަކެއް އެއްބަސްވުންތަކެއް ބާތިލުކޮށްފައި ވުމާއި އަދި ގިނަ ވިޔަފާރިތަކެއް ހުއްޓުވައިފައި ވުމުގެ ސަބަބުން އެތައް ބަޔަކަށް ނުހަނު ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާތީ، އެ މައްސަލަތަކަށް ހައްލު ހޯދައިދީ، ދައުލަތުން ޢަމަލުކުރި ގޮތުގެ ސަބަބުން ލިބުނު ގެއްލުމަށް ޢަދުލުވެރި ބަދަލެއް އެ ފަރާތްތަކަށް ދީ، އިންސާފު ގާއިމުކުރުމަށް ވައުދުވެގެންނެވެ.
އެމްޑީޕީގެ ދެވަނަ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ތިން ބޭފުޅެއް ކަމަށްވާ، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާއީލް އާއި ޤައުމީ މަޖިލީހުގެ މެންބަރު އިބްރާހީމް އަމީރު އަދި ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޢަލީ، ކުއްލިގޮތަކަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވުމަށް އަންގައި ޗިޓު ފޮނުވައިފައިވަނީ އެއްވެސް އަސާސެއް ނެތި ސިޔާސީ ބޭނުމުގައެވެ.
މި ދެންނެވި ތިން ބޭފުޅުންގެ މައްޗަށް އޭސީސީއިން ކުރަނީ ދޮގު ތުހުމަތުތަކެއްކަން، އެ މައްސަލައިގެ ޒާތުންވެސް އެނގިގެންދެއެވެ. މިއީ، މި ދެންނެވި ތިން ބޭފުޅުން އޭރު ހިމެނިވަޑައިގެންނެވި ކޮމިޓީއަކުން ދީފައިވާ ލަފައަކާ ގުޅޭ މައްސަލައެކެވެ.
އޭސީސީ ތަހުގީގުކުރަމުންދާކަމަށް އަންގައިފައިވާ މައްސަލައަކީ، އޭގެ ކުރީގެ ސަރުކާރުން ބޭއިންސާފުން އެއްބަސްވުންތަކެއް ބާތިލުކޮށްފައި ވުމުގެ ސަބަބުން ދައުލަތަށް ކުރިމަތިވި ދަޢުވާތަކެއްގެ މައްސަލައެވެ. ޕީއެންސީގެ އަސްލު ކަމަށްވާ އޭރު އޮތް ޕީޕީއެމްގެ ސަރުކާރުން، ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއެކު ހަދައިފައިވާ އެއްބަސްވުންތައް ބާތިލުކުރީ އެއްވެސް ޤާނޫނީ ހަމައެއް އޮވެގެން ނޫންކަން ދައުލަތުގެ އިދާރާތަކުގައި ހުރި ލިޔެކިޔުންތަކުން ސާފުވާނެއެވެ.
ނުހައްގުން އަދި ޤާނޫނާ ހިލާފަށް އެއްބަސްވުންތައް ބާތިލުކުރި މައްސަލަތަކުގައި ހައްލު ހޯދައިދިނުމަށް އެދި ހުށަހެޅުމަށް ހުޅުވައިލި ފުރުސަތުގައި، ސްވިފްޓް އިންޖިނިއަރިންއިން ބަދަލު ހޯދުމަށް އެދި ހުށަހެޅީ، އެ ކުންފުނީގެ ކިބައިން ވަކިކުރި 6 ޕްރޮޖެކްޓެއްގެ ތެރެއިން، 4 ޕްރޮޖެކްޓެއްގެ އަގަށްވާ ވަރަށް މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފިނަމަ، އަނެއް 2 ޕްރްޖެކްޓުން ގެއްލިގެން ދިޔަ މާލީ މަންފާގެ ބަދަލު ހޯދުމަށް ދައުލަތާ ދެކޮޅަށް އިތުރު ދައުވާއެއް ނުކުރާނެކަމަށް އެއްބަސްވުމަށެވެ.
މިއީ ދައުލަތައް އެންމެ ގެއްލުން ކުޑަވާނެ ގޮތް ކަމަށް ކަމަށް ބަލައި، ދެންނެވުނު 3 ބޭފުޅުން އޭރު ހިމެނިވަޑައިގެންނެވި ސެޓްލްމަންޓް ކޮމިޓީން ލަފާދީފައިވެއެވެ. އަދި، އެ ގޮތުގެ މަތީން އެ މައްސަލަތައް ހައްލުކޮށް ނިންމައިފައިވެއެވެ.
އެމްޑީޕީގެ ސަރުކާރުން، ގެއްލުމުގެ ބަދަލު ދިނުމުގައި ޢަމަލުކޮށްފައިވަނީ، ވަކި މީހަކަށް ނުވަތަ ވަކި ކުންފުންޏަކަށް ބެލުމުގެ ބަދަލުގައި ކޮންމެ މައްސަލައެއް ވެސް ވަކިވަކިން ބަލައި ދިރާސާކޮށް، ހާލަތާ ގުޅޭގޮތުން އަދި ދައުލަތުން އުފުލަންޖެހިދާނެ މާލީ ބުރަ ވީހައިވެސް ކުޑަވާނެ ގޮތަށްކަން މި މައްސަލައިންވެސް ހާމަވެއެވެ. އަދި ސްވިފްޓް އިންޖިނިއަރިންގެ ވެރިޔާ އަދި މި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ސައުދުالله ހިލްމީ ވެސް ވަނީ މި މައްސަލައިގައި ސެޓްލްމެންޓް ކޮމިޓީން އަމަލުކުރި ގޮތުން ދައުލަތަށް ވެފައިވަނީ ފައިދާކަމަށް ހާމަކުރައްވައިފައެވެ.
މި މައްސަލަތަކުގައި ބަދަލު ދިނުމުގެ ނަމުގައި އޭސީސީއިން ތުހުމަތު ކުރާ އެއްވެސް މީހަކަށް ޒާތީ މަންފާއެއް ލިބިފައި ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތެވެ.
މިހާ ސާފުކޮށް ފެންނަން އޮތް ކަމެއްގައި ރައީސް މުއިއްޒުގެ ސަރުކާރުން އޭސީސީ މެދުވެރިކޮށް ސިޔާސީ ފަރާތްތަކަށް ބިރު ދެއްކުމަށް ޗިޓު ފޮނުވަމުން ދަނީ، މި ފެށޭ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ބާއްވާ ބޮޑު އެއްވުމަށް ހުރަސްއެޅުމުގެ ބޭނުމުގައި ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ދެކެމެވެ.
ދައުލަތުގެ މިނިވަން މުއައްސަސާތައް މެދުވެރިކޮށް ސިޔާސީ ބޭނުމަށް ތިޔަ ހިންގަވަމުންދާ މުޑުދާރު ޢަމަލުތައް ހުއްޓައިލުމަށް އެމްޑީޕީއިން ސަރުކާރަށް ގޮވައިލަމެވެ.