hero-image
ޚަބަރު

"އެމްޑީޕީ ރޯޑްމެޕް" ދަތުރު – ޕާޓީގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް އެކުލަވާލެވޭ މަގުޗާޓާ މެދު ޕާޓިގެ އާންމު މެންބަރުންގެ ހިޔާލާ މަޝްވަރާ ހޯދުމަށް މިއަދު ސިލްސިލާ ދަތުރުތަކެއް ފަށައިފި

"އެމްޑީޕީ ރޯޑްމެޕް" ނަމުގައި ޕާޓީގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް މަގުޗާޓެއް އެކުލަވާލުމަށް

ނިމިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހު ޕާޓީގެ ގައުމީ މަޖިލީހުން ނިންމުމާ ގުޅިގެން އެ މަގުޗާޓާއި ގުޅޭ މައުލޫމާތު ޕާޓީގެ އާންމު މެންބެރުންނާ ހިއްސާކޮށް ހިޔާލާ މަޝްވަރާ ހޯދުމުގެ ސިލްސިލާ ދަތުރުތަކެއް މިއަދު ފަށައިފިއެވެ. މިދަތުރުގައި އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒު އިސްމާއިލް، ޗެއާރޕާސަންގެ ނައިބު އަހުމަދު އަބްދުالله އަދި ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ބައިވެރިވެވަޑައިގަންނަވައެވެ. މި ސިލްސިލާގެ ފުރަތަމަ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ، ފުވައްމުލައް އަދި ތިނަދޫ ސިޓީ އާއި ހުވަދޫ އަތޮޅުގެ ހުރިހާ ދާއިރާތައް ހިމެނޭ ރަށްތަކަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް ވަނީ ގިނަ މަސައްކަތްތަކެއް ފަށާފައެވެ. މިގޮތުން އެމްޑީޕީ އަކީ އިންތިޒާމުވެގެން ހިންގާ މުއައްސަސާއަކަށް ހެދުމަށް ޕާޓީގެ އޮނިގަނޑަށާއި އަސާސީ ޤަވާއިދަށް ބަދަލުތަކެއް ގެނައުމަށް ވަނީ މަގުޗާޓެއް އެކެލަވާލެވިފައެވެ. ޕާޓީގެ ޗެއާރޕާސަންގެ އިސްނެންގެވުމުގެ މަތިން ޒަމާނާ އެއްގޮތަށް ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް އެކުލަވާލެވުނު މި ރޯޑްމެޕް މިހާތަނަށް ޕާޓީގެ އެކި ދާއިރާތަކުގެ އިސް ސަފުގައި މަސައްކަތްކުރައްވާ ހާހަކަށްވުރެ ގިނަ މެންބަރުންނާ ހިއްސާކޮށް މައުލޫމާތު ބަދަލުކުރެވި އެފަރާތްތަކުގެ ހިޔާލު ހޯދާފައިވެއެވެ. ދިވެހިރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ސިޔާސީ ޕާޓީތަކުގެ ދައުރު ނުހަނު މުހިއްމުވީ ހިނދު ސިޔާސީ ޕާޓީތަކަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ މައި އެއްތަނބެވެ. އެމްޑީޕީއަކީ ދިވެހި ރާއްޖޭގެ ސިޔާސީ ނިޒާމުގެ އެއް މުއައްސަސާ ކަމުގައިވާތީވެ ޕާޓީއަކީ އިންތިޒާމުވެގެން ހިންގާ މުއައްސަސާއަކަށް ހެދުމަކީ ނުހަނު މުހިންމުކަމެކެވެ.

މި ސިލްސިލާ ދަތުރުތަކުގެ މައިގަނޑު މަޤްސަދަކީ ޕާޓީގެ ކުރިމަގު ހަރުދަނާ ކުރުމަށް ކުރާ މަސައްކަތްތަކަކީ އާންމު މެންބެރުންގެ ބައިވެރިވުމާ ހިޔާލާ މަޝްވަރާއާއެކު ކުރެވޭ މަސައްކަތްތަކެއްކަން ކަށަވަރުކުރުމެވެ. މި ސިލްސިލާގެ ފުރަތަމަ ދަތުރު ނިންމަވާލެއްވުމަށްފަހު ޕާޓީގެ ޗެއަރޕާސަން އަދި ވަފްދު އެނބުރި މާލެ ވަޑައިގަންނަވާނީ 22 ޖުލައި ވާ ހޯމަ ދުވަހުއެވެ.

17 ޖުލައި 2024

ފަހުގެ ޚަބަރުތައް

ޚަބަރު

10th March 2025

ރައީސް މުޢިއްޒު 15 ބިލިއަން ރުފިޔާ ޗާޕު ކުރަން ނިންމައިފި

ޚަބަރު

11th February 2025

މާލީ ސިޔާސަތު މަގުން ކައްސާލާފައި

ޚަބަރު

6th January 2025

މަޖިލިސް ޕްރައިމަރީ 2019 އާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ޕްރެސް ކޮންފަރެންސެއް ބޭއްވުން

ޚަބަރު

24th November 2024

ގާނޫނުއަސާސީއަށް ގެނައި ބަދަލު ސައްހަ ނޫންކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ތަދައްޚުލުވުމަށް ނިންމުން.