އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލިހަށް އިންތިޚަބުވެވަޑައިގަތީ 1995 ގައެވެ. އިސްލާޙީ މަސައްކަތުގައާއި އާ ޤާނޫނު އަސާސީ ޑްރާފްޓް ކުރުމުގައި ޚާއްސަ މަޖިލިހުގެ މެންބަރެއްގެ ހައިސިއްޔަތުން މުހިއްމު ދައުރެއް އިބޫ އަދާ ކުރެއްވިއެވެ.
ސްކޫލު ނިންމެވުމަށް ފަހު ފުރަތަމަ ގުޅިވަޑައިގަތީ ޓީވީއެމްއާ އެވެ. ނޫސްވެރިއެއްގެ ގޮތުގައި ހަބަރު ލިޔުއްވުމާއި ތަރުޖަމާކުރެއްވުމުގައި އެތަނުގައި އުޅުއްވި އެވެ. އެއަށް ފަހު، އިތުރަށް ތައުލީމާއި ތަމްރީނަށް އޮސްޓްރޭލިއާ އަށް ވަޑައިގެން ބިޒްނަސް މެނޭޖްމެންޓާއި އެކައުންޓިން ދާއިރާއިން ކޯސްތައް ފުރިހަމަ ކުރެއްވި އެވެ. މާލެ އެނބުރި ވަޑައިގެން އުޅުއްވީ އާއިލީ ވިޔަފާރީގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަތުމުގެ ކުރިން، މަޖިލީހުގެ މެމްބަރުކަމުގެ އިތުރުން އަނބިކަނބަލުން ފަޒުނާ އަހުމަދުގެ އާއިލީ ވިޔަފާރި ހިންގެވުމުގައި އެންމެ އިސްކޮށް އުޅުއްވަމުން ގެންދެވި އެއް ބޭފުޅަކީ، އަދި އެ އާއިލާގެ މައި ކުންފުނި ޕޭން އޯޝަންގެ މެނޭޖިން ޑިރެކްޓަރަކީ ސޯލިހު އެވެ. ވިދިވިދިގެން ފަސް ދައުރު މަޖިލީހުގެ މެމްބަރުކަން ކުރެއްވުމަކީ އެ މަނިކުފާނު ސިޔާސީ ދާއިރާގައި ހޯއްދެވި ކާމިޔާބީ ފާހަގަވެގެންދާ ހެއްކެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ނަޝީދާއި އިދިކޮޅު ލީޑަރުން ޖަލަށްލައި، އިދިކޮޅުގެ ހަރަކާތްތައް ބަލިކަށިކޮށްލުމަށް މަސައްކަތް ކުރަމުން ގެންދެވި ދަތިވަގުތުގައި އިދިކޮޅު ހަރަކާތުގެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވައި، ހުރިހާ ސިޔާސީ ޕާޓީތަކާ ގުޅިގެން ހަރަކާތްތައް ރުކުރުވާލީ ސޯލިހެވެ. އެންމެ ފަހުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓަކަށްވެ، ޔާމީން ބަލިކުރައްވައި އެއްބުރުން އިންތިހާބު ކާމިޔާބުކުރެއްވި އެވެ.
