އިދިކޮޅު ވާދަވެރިން އެމްޑީޕީއިން ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވެ ރާއްޖެ ތަރައްޤީކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

9023

އިދިކޮޅު ވާދަވެރިން އެމްޑީޕީއިން ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވެ ރާއްޖެ ތަރައްޤީކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ. އެމަނިކުފާނު ގަލޮޅު ދެކުނު ކަންމަތީ ޖަލްސާގައި ރޭ (9 ސެޕްޓެމްބަރ 2013)ގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެފަދަ އިއްތިހާދެއް ނުވާނެކަމަށާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވާދަވެރިން އެމްޑީޕީގެ ހަރުގެތަކަށް އައިސް ގުޅެމުން އަންނަ ކަމަށެވެ.

މާލޭގެ ރައްޔިތުން އެދެނީ ބޯހިޔާވަހިކަމާއި، ރަނގަޅު ވަޒީފާގެ ފުރުސަތުތައްކަމަށާއި ރައްޔިތުންގެ އުންމީދުތައް ގުޅިފައިވަނީ އެމްޑީޕީގެ މެނިފެސްޓޯއާއި ކަމާއިމެދު ރައްޔިތުން ޝައްކުނުކުރާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައްޔިތުންބޭނުންވަނީ ބޯހިޔާވަހިކޮށްލެވޭނެ ގޮތަކާއި ޖީބަށް ފައިސާވަންނާނެ ގޮތެއްވުން ކަމަށްވާއިރު ސިޔާސީ ލީޑަރުންގެ ވާޖިބަކީ އެއުންމީދުތަކަށް ޖަވާބު ހޯދައިދިނުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނަކީ “ފްލެޓް ދޮންބެ”ކަމަށާއި ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މައްސަލައަށް އެމްޑީޕީގެ ސަރުކާރުގައި ހައްލެއް ހޯއްދަވާނެކަމަށް ވައުދުވެވަޑައިގެންނެވިއެވެ.

ސިޔާސީ ކަންކަމަކީ ރައްޔިތުންގެ ވިންދާ އެކީ ކުރިއަށް ދިޔުން ކަމަށާއި މިއަދު އިއްތިހާދެއް ނުހެދިގެން އުޅެނީ ރައްޔިތުންގެ ވިންދާއި ޖޯޝު އެކަމަށް ނެތީމާކަމުގައި ރޭގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. 2008 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ނިމުމަށް ފަހު ޑރ. ހަސަން ސައީދާއި، ޑރ. ޝަހީދު އެމްޑީޕީއާއި އޭރު ގުޅިވަޑައިގަތުމަށް 24 ގަޑިއިރުވެސް ނުނެގި ކަމަށާއި އޭގެ ފަހުން ގާސިމް އިބްރާހިމް ގުޅި އެންމެން އެއް އަތަށް އަރާ ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަން ބަދަލުކުރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް މިއަދު އެމީހުންނަށް ކޯލިޝަން ނުހެދި އޮތްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ މިއަދު ރާއްޖޭގެ ރައްޔިތުން އެމްޑީޕީއަށް ވާދަކުރަން ތައްޔާރަށް ނޫންކަމަށެވެ. އެފަދަ ޖޯޝެއް ނެތްކަމަށް ވިދާޅުވިއެވެ. ސިޔާސީ ކަންކަމަކީ ރައްޔިތުންގެ ވިންދާ އެކީ ކުރިއަށް ދިޔުން ކަމަށާއި މިއަދު އިއްތިހާދެއް ނުހެދިގެން އުޅެނީ ރައްޔިތުންގެ ވިންދާއި ޖޯޝު އެކަމަށް ނެތީމާކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ދެވަނަ ބުރުގައި ކުރީގެ އެތައް ވާދަވެރިންނެއް ގުޅެމުން އަންނަ ކަމަށާއި އިދިކޮޅަށް ތިއްބެވި ވާދަވެރިންނަށް އެމްޑީޕީގެ ސިޔާސަތުތައް ސާފުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އިދިކޮޅު ވާދަވެރިން އެމްޑީޕީއިން ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވެ ރާއްޖެ ތަރައްޤީކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް ގޮވައިލެއްވިއެވެ.

ރޭގެ ޖަލްސާގައި ރައީސް ނަޝީދުގެ ރަނިންމޭޓް ޑރ. މުސްތޮފާ ލުތުފީއާއި، ޕާޓީގެ ޗެއަރޕާސަން މޫސާ މަނިކާއި، ގަލޮޅުގެ ކުރީގެ އަވަށުވެރިޔާ އަޙްމަދު އަބްދުﷲއާއި، ޖުމްހޫރީ ޕާޓީގެ ކުރީގެ ނައިބު ލީޑަރ އަޙްމަދު ނާޝިދު އަދި މީގެއިތުރުން ގަލޮޅަށް ނިސްބަތްވާ ގިނަ އަދަދެއްގެ ރައްޔިތުން ރޭގެ ކަންމަތީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ.