އަޅުގަނޑުމެން އަނެއްކާވެސް ދިވެހި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމަށް އަންނާނެ – ރައީސް ނަޝީދު

6801

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން އަނެއްކާވެސް ދިވެހި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމަށް އިރާދަކުރެއްވިއްޔާ އަންނާނެކަމަށް ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ (6 ސެޕްޓެމްބަރ 2013) ރާޅުގަނޑު ސަރަހައްދުގައި ހޮނިހިރު ދުވަހު އޮންނަ ވޯޓުގެ ކުރިން ބާއްވާ ފަހު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނޮވެމްބަރ 11 ވަނަ ދުވަހު އަނެއްކާވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އަންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވޭތުވެދިޔަ ހައެއްކަ އަހަރު ވަރަށް ގިނަ ކަންތައް ދިވެހި ރައްޔިތުން ދެކިއްޖެ ކަމަށާއި، މިގޮތުން 30 އަހަރުގެ ވެރިކަމުގައި ކަންވީގޮތާއި 3 އަހަރު ދުވަހު ގެނައި ތަރައްގީ އަދި ވެރިކަން ވައްޓާލިގޮތްވެސް ފެނިއްޖެކަމަށް ރައީސް ނަޝީދު ވިދާޅުިވިއެވެ. ބަޣާވާތުގެ ސަރުކާރުވެސް ތަޖުރިބާކޮށްފިކަން ފާހަގަކުރަމުން އެމަނިކުފުާނު ވިދާޅުވީ މިހުރިހާ ކަމެއްގެ ސަބަބުން އެއްބުރުން އެމްޑީޕީ ހޮވަން ނިންމައިފިކަމަށެވެ.

ރާއްޖޭގެ ހުރިހާ ރަށްތަކަކަށް ޒިޔާރަތްކޮށްފައިވާނޭކަމަށާއި ރައްޔިތުންގެ އުންމީދުތައް ވަރަށް ގާތުން އަޑުއަހައިފައިވާނޭކަމަށް ރައީސް ނަޝީދު ރޭގެ ޖަލްސާގައި ވިދާޅުވިއެވެ. ރައްޔިތުން ބޭނުންވަނީ ބަލިވީމާ އެއް މަހުޖަނެއް ކައިރިން އަނެއް ސާދާގަރެއް ކައިރި އަށް ނުގޮސް ބޭސްކުރެވޭނެގޮތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިކަން ހާސިލްކުރަން ބޭނުންވަނީ ރަނގަޅު އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމެއްކަން ފާހަގަކުރަމުން އެމަނިކުފާނު ވިދާޅުވީ އެނިޒާމު ގާއިމްކުރީވެސް އެމްޑީޕީއިންކަމަށެެވެ.

ރާއްޖޭގެ ރަށްތަކަކީ އިންޑިއާ ކަނޑުގެ ތެރޭގައި ވިއްސިވިހާލި ވެފައިވާ ރަށްތަކެއްކަމަށް ހީކޮށްގެން ތިބިތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، ރަށް ރަށުގައި ތިބެން ޖެހެނީ ރަށުބަންދުގައި ކަމަށެވެ. 2008 ވަނަ އަހަރު ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލި ކަމަށާއި މިހާރު 2013ގައި ވައުދުވަނީ އެނިޒާމު ފުރިހަމަކޮށްދިނުމަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ގައުމެއް ތަރައްގީވެގެންދާނީ ވަކި ހާއްސަކަންތައްތަކެއް ވަކި އިރެއްގައި ކުރެވުނީމާކަމަށާއި، އެކަންތައްތަކަކީ ކޮބައިކަން އެނގެނީ ސިޔާސީ ޕާޓީތައް އުފެދި، ފާޑުކިޔައި، ވާދަވެރި ސިޔާސީ ޕާޓީތައް ހިންގީމައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މަގުން ކައްސާލައި ކިރިޔާވެސް ޚިޔާލުތަފާތުވާއިރު ކުރަމުން ދިޔަ އަނިޔާއަކީ ދިވެހިރާއްޖޭގެ ތަރައްގީއަށް އެޅުނު އެންމެ ބޮޑު ހުރަސްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެހުރަސް ގިރައިކުރަންޖެހޭކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ މިދިޔަ 18 މަސްދުވަހު ފަނާކުރަނިވި ދުނިޔޭގައި ބައިތިއްބަވާ، އަދި ކުރިމަތި ކުރުވި ހުރިހާ ކަމަކުން ސަލާމަތްވެގެން ތިބެވުނީތީ މާތް ރަސްކަލާނގެ ހަޞްރަތަށް ޝުކުރުއަދާކޮށްފައެވެ. އަދި މިއަދު އާދެވިފައިވާ ހިސާބުގައި ހުއްޓި ތިބެވެނީ ދިވެހި ރައްޔިތުންގެ ސަބަބުންކަން ފާހަގަކުރައްވަމުން ރައްޔިތުންނަށް މަރުހަބާ ދެންނެވިއެވެ. ބައެއްގެ މޮޅުކަމަކީ އެބަޔަކު ކުރިއަރާ ދާ މިންވަރު ނޫންކަމަށާއި އެއީ ވެއްޓުނީމާ ތެދުވާ އަވަސްމިންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމްޑީޕީއިން މިރާއްޖެ ތަރައްގީ ކުރާނެކަމަށާއި، ޗާލު ވަަތަނީ ބަގީޗާ ރުވާ މުޅި ދީބު އުޖަލާކުރާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ރައީސް ނަޝީދުގެ ރަނިންމޭޓް ޑރ. މުސްތޮފާ ލުތުފީ އަދި އެމްޑީޕީގެ ޗެއަރޕަރސަން މޫސާ މަނިކު ވާހަކަފުޅު ދެއްކެވިއެވެ.