ރައީސް ނަޝީދު ސިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ބައެއް ބޭފުޅުންނާއި ބައްދަލުކުރައްވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ސިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ބައެއް ބޭފުޅުންނާއި މިރޭ (4 ސެޕްޓެމްބަރ 2013) ބައްދަލުކުރައްވައިފިއެވެ. ޑޮކްޓަރުންނާއި ނަރުހުން އަދި އެހެނިހެން އޮފިޝަލުން ހާޒިރުވި މިބައްދަލުުވުން ކުރިއަށް ގޮސްފައިވަނީ ސޯލްޓް ކެފޭގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ސިއްޙީ ޚިދުމަތް މިހާރު އޮތް ހާލަތުން މިއަށްވުރެ ރަނގަޅު ހާލަތަކަށް ބަދަލުކުރުމަށް ކުރަންޖެހޭ ކަންތައްތަކަށް އަލިއަޅުވައިލެެއްވިއެވެ. މިގޮތުން ރާއްޖޭގެ ސިއްޙީ ޚިދުމަތުގެ ތެރެއިން ބައެއް ކަންތައް ޕްރައިވެޓައިޒް ކުރުމުން ލިބޭނެ ފައިދާ އާއި ޚިދުމަތަށް އަންނާނޭ ކުރިއެރުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިހާރު ދިވެހި ޒުވާނުން ސިއްޙީ ދާއިރާއަށް ވަނުމަށް ހުރި ހުރަސްތަކަށް ބައްލަވައިލައްވަމުން، މަތީ ތައުލީމް ހާސިލްކުރުމަށް ސަރުކާރުން ސްކޮލަރޝިޕްގެ ފުރުސަތުތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަމާޒުކޮށްގެން ހިންގަން ޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ހަމައެހެންމެ ރާއްޖޭގެ އެކިކަންކޮޅުތަކުން ލިބޭ ސިއްޙީ ޚިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމުގެ މުހިންމުކަމަށް އެމަނިކުފާނު ބައްލަވައިލެއްވިއެވެ.

ބައްދަލުވުމަށް ހާޒިރުވި ސިއްޙީ ދާއިރާގެ ބޭފުޅުން ވަނީ އެބޭފުޅުންގެ ކަންބޮޑުވުންތައް ރައީސް ނަޝީދާއި ހިއްސާކުރައްވާފައެވެ. މިގޮތުން މިވަގުތު ރާއްޖޭގައި އެންމެ ދަތިވާ ކަމަކީ ބޭނުންވާ ސިއްޙީ އާލަތްތައް ނެތުމާއި އަދި ލެބޯރޓްރީތަކަށް އެކަށޭނަ ކެމިކަލްތައް ލިބެން ނުހުރުންކަން އެބޭފުޅުން ރައީސް ނަޝީދުގެ ސަމާލުކަމަށް ގެންނެވިއެވެ. އަދި ހަމައެހެންމެ އަތޮޅުތެރޭގެ ސިއްޙީ ޚިދުމަތުގެ ފެންވަރު ދަށްވުމުން މާލޭގެ ހޮސްޕިޓަލުތަކަށް ބާރުބޮޑުވުމުގެ މައްސަލައާއި އެމަޖެންސީކޮށް ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް ދަތިވާ ސަބަބުތަކަށް އަލިއަޅުވައިލެއްވިއެވެ.