ރައްޔިތުން ތިބީ އެމްޑީޕީގެ ވެރިކަމެއް ބޭނުންވެފައި : ރައީސް ނަޝީދު

ދިވެހިރާއްޖޭގެ ރައްޔިތުން ތިބީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމެއް ބޭނުންވެފައިކަމުގައި ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އިއްޔެ(3 އޯގަސްޓް 2013)ހަވީރު މާލޭގައި ހުޅުވުނު ރައްޔިތު މީހާ ޖަގަހަ ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދޮރުން ދޮރަށް ހިނގައި ރައްޔިތުންނާއި ވާހަކަ ދެއްކުމުން އެރައްޔިތުންނަށް ކަންކަން ވަމުންދާގޮތް ސާފުވެފައިވާކަމަށެވެ. އަދި އަލުން އަނބުރާ އެމްޑީޕީގެ ވެރިކަމެއް އިއާދަކުރަން ބޭނުންވެފައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުން ގާތު ވައުދުވަމުން ދަނީ އެމީހުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްކަމަށް ވިދާޅުވެ، އެވައުދުތައް ފުއްދަވާނޭކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. ވެރިކަންފެށެން ޖެހެނީ ރައްޔިތުންގެ ކިބައިން ކަމަށާއި، ބަޣާވާތަށް ފަހު އެމްޑީޕީއިން އިންތިޚާބަކަށް ގޮވަމުން ދިޔައީ އެސަބަށްޓަކައިކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި 7 ސެޕްޓެމްބަރ ވަނަ ދުވަހު ލާވޯޓާ އެކީ ރައްޔިތުންގެ ވެރިކަން ގާއިމްކުރެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބަޣާވާތަށް އަލިއަޅުވައިލައްވަމުން ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ބަދަލުކުރި ގޮތާމެދު ރައްޔިތުން ކަންބޮޑުވާކަމަށާއި، އެބަޣާވާތާއި ގުޅޭ ކަންކަން މިހާރު ހާމަވަމުންދާކަމަށެވެ. އިދިކޮޅު ސިޔާސީ ވެރިން އޭރު ސޮެއިކުރި އެގްރީމެންޓް މިހާރު ފެންނަ ކަމަށާއި، އެބޭފުޅުން އެކަމާ އިންކާރު ނުކުރާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އޭގައިވާ ކަންކަން ފުރިހަމަ ނުކުރެވުނުކަން ފާހަގަކުރެއްވިއެވެ.

ބަޣާވާތުގެ އެގްރީމެންޓްގެ އިތުރުން ސިހުން ލިބޭ އިތުރުކަންތައްތައް މިހަފްތާ ތެރޭ އެބަ ހާމަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަވަހާރަކޮށްލެވުނު ރައްޔިތުންގެ މަޖިލީހުގެ އުގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރާއި ބެހޭގޮތުން ބަޣާވާތުގެ ސަރުކާރުން ކަންކަން ފޮރުވަމުންދާކަމަށް އިޝާރާތްކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި ޑރ. އަފްރާޝީމް އަލީގެ ގާތިލް ހޯދާނެކަމަށެވެ.

ބަޣާވާތުގެ ތަހްގީގް މިވަގުތު ކުރަމުންދާނޭކަމަށް ލަފާނުކުރާ ކަމަށާއި އެތަނުގެ އިސްވެރީންނަށް މިހާރު ތިބީ އެބަޣާވާތުގެ ބައިވެރިން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިހާރު ލިބިފައިވާ ހެއްކާއެކު ޕްރޮސެކިއުޓަރ ޖެނެރަލް ބަޣާވާތުގެ ބައިވެރިންގެ މައްޗަށް ދައުވާ އުފުލާއި އެމީހުންނަށް ހައްގު އަަދަބު ދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.