އެމްޑީޕީގެ ބޭނުމަކީ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް ބޭނުންވާ ސިޔާސަތުތައް ތަންފީޒުކުރުން: ރައީސް ނަޝީދު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ބޭނުމަކީ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް ބޭނުންވާ ސިޔާސަތުތައް ތަންފީޒުކުރުންކަމުގައި ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްެޖެއެވެ. އެމަނިކުފާނު މައްޗަންގޯޅި އުތުރުގައި ހެދިފައިވާ ރަނި ޖަގަަހަ ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ކައިރިއަށް ދެވިއްޖެކަމަށާއި އަދި އެރައްޔިތުންގެ އުންމީދުތައްވެސް އޮޅުންފިލައިފައިވާކަމަށެވެ. މިގޮތުން އެއުންމީދުތައް ހަގީގަތަަކަށް ހެދުމަށް ބޭނުންވާ ސިޔާސަތުތައް އެމްޑީޕީއިން ތަންފީޒުކުރާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީގެ ސިޔާސަތުތަކާއި ވައުދުތައް އެކަށައެޅުނު ގޮތަށް އަލިއަޅުވައިލައްވަމުން ރައީސް ނަޝީދު ވިދާޅުވީ ވަމުންދާ ވައުދުތަކަކީ އެމަނިކުފާނު އަމިއްލައަށް ވެވަޑައިގަންނވާ ވައުދުތަކެއް ނޫންކަމަށާއި އެއީ ޕާޓީގެ ތެރެއިން ވަކި އިޖުރާއުތަކެއް ފުރިހަމަވެގެން ސިޔާސަތުތަކެއްގެ ތެރެއިން ހިސާބުކުރެވި ބަޖެޓުކުރެވިގެންކަމަށެވެ. އެމްޑީޕީއިން ސިޔާސީ ޕާޓީ ހިންގުމުގެ ނިޒާމް ވަރަށް ބޮޑަށް ހިމުންކޮށް ފުރިހަމަކޮށްފައިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ވެމުންދާ ވައުދުތަކަކީ ރައްޔިތުންނާއި ވެވޭ އެއްބަސްވުމެއްކަމަށާއި، ވޯޓު ލުމުގެ ކުރިން އެވައުދުތައް ފުއްދޭނެގޮތް ކިޔައިދޭންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އެމްޑީޕީ 2013ގެ އިންތިޚާބު ދަބަހަށް ލާފައިކަމަށް ވިދާޅުވެފައިވާ ވާހަކައަށް ބައްލަވައިލައްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުވެއްޖެކަން ގަބޫލުކޮށްފައިވާކަމަށެވެ. ދެން ތިބި ދެ ކެނޑިޑޭޓުންނަކީ ސިޔާސީ ވާދަވެރިން ނޫންކަމަށާއި އެއީ ނޭވާ ނަގާލާ ވާހަކަ ދައްކާވަރުގެ ބޭފުޅުން ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރީގެ އިންތިޚާބުތަކުގައި ކެމްޕެއިން ދުވަސްވަރު މާލޭގައި 10ދުވަސް ވެސް ހުންނަން ނުލިބޭކަމަށާއި މިފަހަރު އެހާ ދުވަސް ލިބެނީ އިންތިޚާބު މިފަހަރު ބޮޑު ތަފާތަކުން މޮޅުވާނެތީ ކަމަށާއި ބަޣާވާތުގެ ވެރިކަން ބަދަލުކުރަން ދިވެހިން ނިކުންނަންެ ޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ބަޣާވާތުގެ ހަރާމްވެރިކަމުން ދިވެހިން ސަލާމަތްވާންޖެހޭނެކަމަށާއި، ނޮވެމްބަރ 11 ގެ ކުރިން ބަޣާވާތުގެ ވެރިކަން ބަދަލުކުރަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވެރިކަން ހަލާލު މަގުގައި ބޭއްވުމަކީ ކޮންމެ ދިވެއްސެއްގެވެސް ވާޖިބެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.