ރިޔާސީރޭހަށް ކަޅިއެއް.

ފުނަމާ.

އެއްޕާޓީއެއްގައި އެންމެ މެމްބަރުން ގިނަ ޕާޓީގެ އިތުރުން ސަޕޯޓަރުންވެސް އެންމެ ގިނަ ޕާޓީއަކީ އެމްޑީޕީ ކަމުގައި ދަންނަވަންޖެހެއެވެ. ތަފާތު މުޒާހަރާތަކާޢި އެއްވުން ތަކާއެކު، ސަރުކާރުގެ ބެލެނިވެރި ކަމުގެ ދަށުގައިތިބި
ފުލުހުން ވަރަށް ލާއިންސާނީ އަމަލްތަކާއި ދުއްތުރާތައް އެމްޑީޕީގެ މެމްބަރުންނަށް އަމާޒުކޮށް ހިންގަމުން ގެންދާކަމުގައި ގިނަބަޔަކު ބުނާއިރު އަދި އެފަދަ ކިތަންމެ ކަމެއް ފެނިހާމަވަމުން ދާއިރުވެސް އެމްޑީޕީ އެގެންދަނީ އެޕާޓީގެ ރޫހާއި އެއްގޮތަށް އެކަކު އަނެކަކުގެ ކިބައިން ހިއްވަރު ލިބިގަނެ ކުރިއަށް ކަމުގައި ދަންނަވަން ޖެހެއެވެ.
ޕާޓީގެ ތެރެއިން ރޭވިގެން ހިންގުނު މުޒާހަރާތަކުގެ އަދަދު ކުއްލިއަކަށް ދަންނަވަން ދަތިވާހާ ގިނަނަމަވެސް ރާއްޖޭގެ ދެކުނާއި އުތުރަށް ވަޢުދުގެ ދަތުރުގެ ނަމުގައި ގިނައަދަދެއްގެ މެމްބަރުންނާޢި އެކުގައި ރައީސް ނަޝީދުވަނީ ކަންނެލި އޮޑިފަހަރުގައި ދަތުރު ކުރަށްވާފައެވެ. އެދަތުރުތަކުގެ ފޯރީ ގަދަވެގޮސް ވަކިހިސާބަކުން ސަރުކާރަށް ހަޖަމް ނުކުރެވި ރައީސް ނަޝީދު ފަރެސް މާތޮޑާގައި ހުންނަވަނިކޮށް ވަރަށް ގޮތްކުޑަކޮށް އެސްއޯ ފުލުހުންގެ ބައިވަރެއް ފޮނުވައިގެން އެމަނިކުފާނުން ހައްޔަރުކޮށް މާލެގެންގޮސްފައިވާކަން ގިނަބަޔަކު ފާހަގަކުރަނީ އެއީ މިއަދު މިއޮތް ސަރުކާރުގެ ގޮތެއްފޮތެއް ނެތްކަން އިތުރަށް ހާމަވެގެން ދިޔަކަމެއް ކަމުގައެވެ. އަދި އެދުވަހު ފުލުހުން އެއްވެތިބި މީހުންނާއި ދިމާލަށް އެގޮވި ހުތުރު ބަސްތަކުގެ ސަބަބުން އެސްއޯ ފުލުހުންގެ ވެއްޓި ކިލަނބުވެފައިވާ ނަންވަނީ އިތުރަށް އިއާދަ ނުކުރެވޭނެ މިންވަރަށް ސުންނާފަތި ވެފައިކަމުގައިވެސް ގިނަބަޔަކު ދެކެއެވެ.
2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީއަކީ އެބައެއްގެ މެނިފެސްޓޯގެ ތަފްސީލް މިހާތަނަށް ރައްޔިތުންނާއި ހަމަޔަށް ގެނެސްދީފައިވާ ހަމައެކަނި ޕާޓީ ކަމުގައި ދަންނަވަން ޖެހެއެވެ. އެހެން ޕާޓީތަކުން މިހާތަނަށްވެސް ހަމައެކަނި ކުރެވުނު ކަމަކީ ސުރުޙީއެއް އަޅާލުމެވެ. ގިނަބަޔަކު ދެކޭގޮތުގައި އޭގެތެރޭގައިވެސް މުޅީންހުރީ އެމްޑީޕީގެ މެނިފެސްޓޯއިން ކޮޕީކޮށްލައިގެން ގެނެސްފައިހުރި ތަން ތަން ކޮޅެވެ. ހަރުދަނާ އުސޫލެއް ، ކަންކުރާނެ ގޮތެއް ކަނޑައަޅާފައި ނުވާ އޮޅުން ބޮޅުން ބޮޑު އެއްޗެތި ތަކެއްގެ ގޮތުގައި ރިޔާސީ ރޭހުގައި ވާދަކުރާނެ ކަމުގައި ޔަގީންވެފައިވާ އަނެއް ތިންފަރާތުން ބުނެ ހާމަކުރާ ހާސާރުތަކެއް ކަމުގައި ރާއްޖޭގެ އެންމެންހެން ބުނަމުންދާއިރު އެމްޑީޕީން ދުރާލައި ވަރަށް ފުރިހަމަޔަށް ރާޢްޖޭގެ 21 ދާޢިރާގައި ކޮންމެ ސިޔާސަތެއް ވަކިން އެއްފަހަރާ ބާއްވާ ޙާއްސަ ރަސްމިއްޔާތު ތަކެއްގައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ނަޝީދުވަނީ ވަރަށް ތަފްސީލުކޮށް ހާމަކޮށް ދެއްވާފައެވެ. ސިޔާސަތުތައް ހިންގާނެގޮތާ ރައްޔިތުންނަށް ކުރާނެ މަންފާޔާއި ގައުމުގެ ތަރައްގީ ކުރިއަރައިދާނީ ކޮންމިސްރާބަކުން ކިހިނެއްކަމާ ، އެކަންކަން ހިންގުމަށް ފައިސާ ހޯދާނެގޮތާއި ޚަރަދުތައް ހިންގާނެގޮތް އަދި ، ހިގާޚަރަދު އަބުރާ އިއާދަކުރާނެގޮތްވެސް ވަރަށް ރަގަޅަށް ވަނީ ހާމަކޮށްދީފައެވެ.
މިއަދު އެއިންތިޚާބަކަށް މުޅިދުނިޔެވެސް އިންތިޒާރުކުރަމުން ގެންދާ އިންތިޚާބުގެ ބައިވެރީންގެ އެއްބަޔަކު އެދުންތެދުވެ މޫނުނުދޮވެވިގެން އުޅޭއިރު އެމްޑީޕީވަނީ ރާޢްޖޭގެ ކޮންމެ ރައްޔިތެއްގެ އަތުގައި ދެތިންފަހަރު އަތްލައި މުޅިރާއްޖޭގެ އެންމެންގެ މުށަށް އެޕާޓީގެ ސިޔާސަތު ލައިދީފައެވެ. އެއްކޮޅާއި އިދިކޮޅު ފިކުރުގެ އެންމެންވެސް ގަބޫލުކުރަންޖެހޭ މިންވަރަށް އެމްޑީޕީން ގެންދަނީ އިޚުލާސްތެރި މަސައްކަތް ތަކެއް ކޮށްދެމުން ކަމުގައި ވާއިރު އެމްޑީޕީގެ ތިންއަހަރުގެ ވެރިކަމުގައި ރައްޔިތުންނާއި ގައުމަށް ގެނެސްދީފައިވާ ކުރިއެރުމާޢި ސްޕީޑު އެހެރީ ރައްޔިތުންގެ ލޯމައްޗަށް މިއަދުވެސް ފެންނާށެވެ.
އެއްކެންޑިޑޭޓަކު މިގައުމުން ލެއްވިއްޔާ ލެއްވި ބާވަތެއްގެ ތެލާއި މިހާރު އަނެއްކާ ގޭސް ނަގާން ވައުދުވާއިރު އޭނާގެ ރަނިންމޭޓު ކުރީންވެސް މިހާރުވެސް އަވަދިނެތި އުޅުއްވަނީ ދިގުމުއްދަތަކަށް ރާއްޖޭގެ ރައްޔިތުންގެ ތިންބައިކުޅަ އެއްބައި މީހުން ޖަލަށް ނުލެވިގެން އެކަމާ ކެހެނި އަޅައިގެން ކަމަށް ބުނެވޭއަޑު އިވެއެވެ. އަނެއް ކެންޑީޑޭޓެއްގެ ހާލުހުރިގޮތުން އިލްމީ ވާހަކަ ދަށްކާންވެގެން އުޅޭއިރު މޮޔަގޮވައި މުރުތައްދު ވުމުގެ ހާލަތައް ހުށައެޅުނު މިންވަރުވެސް ނޭގޭކަމުގައި ގިނަބަޔަކު ބުނެއެވެ. އަތުގައި މުއްސަދި ކަމެއް ހުރީތީވެ ތިމާވަރުގެ އެހެންމީހަކު ނެތްކަމުގައި ދެއްކުމަށް އަބަދުމެ އިގިލިތަކުން ރުފިޔާގުނުމުގެ ތަމްރީން ހަދަމުން ގެންދާ ސޭޓަކީ މިއިންތިޚާބަށް ކުރިމަތިލާފައި ތިބި އެހެން ކެންޑިޑޭޓުންގެ އިންތިޚާބީ ހައްގުތަކަށް އަރައިގަންނަމުން ފައިސާއާއި ނުފޫޒުގެ ބޭނުން ކުރުމުގައި ހައްދުފަހަނަ އަޅާފައިވާތީވެ އިއްޔެ މިގައުމުގައި ދީނީ އެއްބައިވަންތަކަން ނަގާލައި މީހުން މަގުފުރައްދަމުން ގެންގޮސް ބަޢާވާތް ގެނައުމުގައި ހަމައެސޭޓަށް ބޮޑުބައިކުޅެދިން ހައްދުން ބޭރުވެފައިވާ ތުބުޅިގުރޫޕުވެސް ނިވައިފަތް ގަޑެއްގެ ގޮތުގައި މިއަދު ބޭނުން ކުރަމުންދާ މީހެއްކަމުގައި އެންމެންހެން ގަބޫލުކުރެއެވެ.
ދީނަށްޓަކައޭ ، ގައުމަށްޓަކައޭ ގޮވަމުން ދުވި ދީނީ އިލްމުވެރީންނޭ ކިޔާބަޔަކު މިއަދު އެމީހެއްގެ އަޅުވެތިކަމުގެ ދަށުގައި ވަދެނިވާވެ ތިބިއިރު އެމީހާއީ މިގައުމުގައި އެންމެގިނަ ބަގުރަލާއި އޫރުމަސް ވިއްކުމުގެ އިތުރުން މަސާޖުޕާލާތައް ހިންގަމުން ގެންދާ ސޭޓުގެ ފޮށާގަނޑުގެ ދަށުގައި މޫނުފޮރުވައިގެން ތިބިތިބުމަކީ އެފަދަ އިލްމުވެރީންގެ އިއްޒަތާ ކަރާމަތަށް އެމީހުން އެގިތިބެ ކުރާ މަލާމާތެއް ކަމުގައި އެންމެންވެސް ގަބޫލުކުރެއެވެ. ދީނީ އިލްމުވެރީންނަކީ ނަބީބޭކަލުންގެ ވާރިސުން ކަމުގައި ބަޔާންވެ އެގޭއިރު މިގައުމުގައިތިބި އެފަދަ މީހުންނަކީ އިބިލީހުގެ އަޅުންކަމުގައި ބުނާބަޔަކުވެސް މަދެއް ނޫނެވެ.
ތިންވަނަ ކެންޑީޑޭޓަކީ މަގުތަކުގައި މަށަންދަތި އަޅައިގެންވެސް އޭނާގެ ޕާޓީއަށް ސުމެއްވެސް އިތުރު ނުކުރެވިގެން އެންމެފަހުން ނަމުން ބޮޑު އެކަމަކު ފެނުމުގައި ނެތް ބޮޑުކޯލިޝަނެއް ހަދައިގެން ނުކުމެ ހުރިއިރު ވެރިކަމަށް ޓިކެޓުހޯދާނެ ޕާޓީއެއް ވުޖޫދުގައި ނެތް ރައްޔިތުންގެ ލޯބި ކޯދުމަކީ ފުލުހުންނާއި ސިފައިން ނެރެގެން މަގުމަތީގައި ރައްޔިތުން ތަޅާރޯނާ ގެންނެވުން ކަމުގައި ހީކޮށްގެންހުރި އަދި މިއިންތިޚާބުގައި އަޅާބާވެފައިވާ އިންޑިޔާސްޓައިލްގެ އިސްތަށިނުފަޅާ ޓޯޕީއަކާއި އަބިމީހާވެސް ހުރިގޮތެއް ޔަގީންނުވާ ބޮޑުބާޣީ ކާޅުގެ ނަމުން ގައިމުވެސް ދިވެހީންގެ ތިންބައިކުޅަ އެއްބައި މީހުންނަށްވުރެ ގިނަމީހުން ގޮވާއުޅޭ މީހެކެވެ. މިއަދުވެސް ފެންނަ ފެނުމަށް ބަލާއިރު އިންތިޚާބުގެ ކުރީންވެސް މިގައުމުދޫކޮށް ފިލައިގެން ހިގައިދާނެ ކަމުގައި އެއްބަޔަކު ބުނާ މީހެކެވެ.
ވެރިކަމުގައި އެހުރި ވަހީދު ހަސަންމަނިކުގެ ވެރިކަން ފަރުމާކޮށް މިއަދުވެސް އެވެރިކަން އެބައެއްގެ ބާރާއި ނުފޫޒުގައި ހިންގަމުން ގެންދާ ކަމުގައި ބުނާ ފުލުހުންނާއި ސިފައިންގެ ވެރީންގެ ގޮތުގައިތިބި ނާޒިމްއާއި ރިޔާޒަކީ ގައިމުވެސް ޓީވީޗެނަލްތަކުން އެފެނުނު މަންޒަރުތަކަށް ބަލާއިރު ، ބަޣާވާތަކަށް ސިއްކަޖެހިގެންދާއިރު ސަލާމަތެއް އަމުދުން ނެތް މިންވަރަށް ބަޣާވާތުގައި މެކިގެންތިބި އަނިޔާވެރި ދެޚާއިނުން ކަމުގައި ދިވެހީން ގަބޫލުކުރެއެވެ. އަދިމިއަދު އެމީހުންނާއި އެދުވަހު ބައިވެރިވެއުޅުނު ކަމުގައި އަމިއްލަޔަށް ފަޚުރުވެރިވެ ބުނެއުޅޭ މާސްސަލީމުފަދަ ބޭރުގެ ޕުލެނެޓުތަކާއި ގުޅިފައިވާ ކަމުގައި އަމިއްލައަށް ބުނެއުޅޭ މީހުންވެސް އެދަނީ ޗާޓުން ބޭރުވިވާހަކަ ގޮވަމުންނެވެ.
ޑިފެންސް މިނިސްޓަރަކަށް އެހުރި ނާޒިމް މިހާރު އޭނާގެ ވޯޓުލުންވެސް މެލޭޝިޔާގައި ރަޖިސްޓްރީ ކޮށްފައިވާއިރު އެކަމަކީ ފިލައިގެން ދިއުމަށް މަގުކޮށުން ކަމުގައި އެންމެންވެސް ގަބޫލު ކުރެއެވެ . އަދި އެމްޑީޕީގެ ޗެއަރ ޕާސަންގެ ބަހުރުވައިންނަމަ މުޅިގައުމުގެ މައްޗަށް އަނިޔާވެރިވެ ދިވެހި ދައުލަތުގެ މުދަލަކުން ވަށްކަންކޮށްގެންހުރި ބާޣީ ރިޔާޒު މިއަދު ގެންދަނީ ދެންހަދާނެ އެއްވެސް ގޮތެއް ނެތިގެން ރަށްރަށަށް އޭނާގެ އަޅުންގެ ގޮތުގައިތިބި ފުލުހުންގެ ބައިގަނޑެއް ފޮނުވައިގެން އެރަށްރަށުގައި ތިބި ސަރުކާރަށް ތާއީދު ނުކުރާ މީހުންނާއި ޚާޢްސަކޮށް އެމްޑީޕީގެ މެންބަރުންނާއި ސަޕޯޓަރުން ތަޅާ ރޯނާގަންނުވައި ހިފައި ހައްޔަރުކޮށް ކުޑަގޮޅީގައި އަނިޔާދެމުންނެވެ.
މޫސަގެންދަވަނީ މިފަހަކަށް އައިސް ޕޮލިސް ކޮމިޝަނަރ ޢަބުދުﷲ ރިޔާޒުއަށް ވަރަށް ހޫނުކޮށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ. އެގޮތުން އަބުދުﷲ ރިޔާޒަކީ ކަނޑައެޅިގެން ސާބިތުވާންއޮތް ވަށްކަމެއް ދިވެހިދައުލަތުގެ މުދަލަކުން ކޮށްގެންހުރި މީހެއް ކަމުގައި މޫސަގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ވެރިކަން ބަދަލުކުރި ދުވަހު ގާނޫނީ ހަމަތަކާއި އިދިކޮޅަށް ރައީސްއޮފީހަށްވަދެ އެއޮފީހުގެ ރަސްމީ ލިއުމެއް ، ދައުލަތުގެ ސިއްރެއް ޢަބުދުﷲ ރިޔާޒު ވަގަށް ނަގައިގެން މަގުހިގާފައި ޕިޔޯނެއްހެން ދިޔަތަން އެންމެންގެ ލޮލަށް ފެންނާން އެހެރީ ކަމަށާއި ކޮންމެ ކޯޓަކުން އެކަން ބެލިޔަސް ސާބިތު ކޮށްދެއްވާނެ ކަމުގައި މޫސަވިދާޅުވެއެވެ.
އަދި ހަމައެހެންމެ މިފަދަ އަނިޔާވެރި ގޮތެއްގައި ފުލުހުން ނެރެގެން ކުށެއްނެތް ރައްޔިތުންގެ ގިނަބަޔަކަށް އަނިޔާކުރަމުން ގެންދާއިރު އެއަނިޔާވެރިކަން ދެކޭން ރައްޔިތުން އަތްއުރާލައިގެން ނުތިބޭނެކަމާ އެފަދަ ދުވަހަކުން ކަންވެގެން ހިގައިދާނެ ގޮތެއްގެ އިންޒާރު މޫސަގެންދަވަނީ އަބަދުވެސް ދެއްވަމުންނެވެ. އަދި މިފަދަ އަނިޔާވެރި ކަންކަމުގެ ސަބަބުން ގައުމުތަކުގައި އަހުލީ ހަގުރާމަތައް ފެށި މުޅީން ފުޑުފުޑު ވެގޮސްފައިވާކަން ގަބޫލުކޮށް މިފަދަ ކަންކަމުން ދުރުވުމަށް މޫސަގެންދަވަނީ ފުލުހުންގެ މުއައްސަސާއަށް ގޮވާލައްވަމުންނެވެ. އަދި މިކަންކަމުން އެމުއައްސަސާ ދުރުކޮށް އިސްލާހުކުރުމަށް މަސައްކަތް ނުކުރާނަމަ އޭގެ ހިތިނަތީޖާ ޢަބުދުﷲ ރިޔާޒު ދެކޭން ޖެހޭނެ ކަމުގެ އިންޒާރު ރީކޯ މޫސާމަނިކު ގެންދަވަނީ ތަކުރާރުކޮށް ދެއްވަމުންނެވެ.
ފުލުހުން ނުކުމެ ވަރަށް އަވަހަށް ދުވެފަހައި ޢަބުދުﷲ ރިޔާޒު ހައްޔަރު ކުރާނެ ކަމަށާއި އެއީ މީހެއްގެ މަރުގެ މައްސަލައިގައި ކަމުގައިވެސް ދާދިފަހުން ބޭއްވި އެމްޑީޕީގެ އެއްވުމެއްގައި މޫސަވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެކަމުގެ ތަފްސީލެއް މިހާތަނަކަށް މޫސަ އެއްވެސް ފަރާތަކަށް ދެއްވާފައެއް ނުވެއެވެ.
ރާއްޖޭގައި މިފަހަރު މިބޭއްވޭ ރިޔާސީ އިންތިޚާބަކީ މާވާދަވެރި އިންތިޚާބަކަށް ނުވާނެ ކަމުގައި ގިނަބަޔަކު ބުނަމުން ގެންދަނީ މިއިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ފިޔަވައި ދެންތިބި ކެންޑިޑޭޓުންނަކީ ރައްޔިތުންގެ މެދުގައި މަގުބޫލުކަން ގެއްލިފައިވާ ބައެއް ކަމުގައި ވާތީއެވެ. އަދި އިންތިޚާބަކަށް މަސައްކަތް ކުރަން ޖެހޭމިންވަރާ ގާތައްވެސް އެހެން ކެންޑިޑޭޓުންންށް މަސައްކަތް ކުރެވިފައި ނުވާތީއެވެ.
ކޮންމެއަކަސް މިފަހަރުގެ ރިޔާސީ ރޭސް ނިންމަން ފަހުރޮގާއި ދިމާލަށް ދާއިރު އެމްޑީޕީން ބުނަނީ އެވެރީން އެތިބީ ކަމަރުއަޅައި ތައްޔާރުވެގެން ކަމަށެވެ . ދަތުރު ނިންމާލާނީ ވެރިކަމުގެ ހުވާކޮށްފައި ކަމުގައެވެ. އެހާ ޔަގީންކަމާއެކުގައި އެމްޑީޕީން އެހެން ބުނާއިރު އެހެން ކެންޑިޑޭޓުން ބުނަނީ ދެވަނަ ބުރަކަށް ދާންޖެހޭނެ ކަމަށެވެ. ހަމަ އެއްބުރުން މިކަން ނިންމާލެވޭނެ ކަމުގެ އެއްވެސް އުންމީދެއް އެވެރީންނަކަށް ނެތެވެ. ފުއާދު ވިދާޅުވާހެން ރައްޔިތުންގެ ކައިރިއަށް ގޮސް އެންމެ ބޮޑަށް ރައްޔިތުންނާއި ގުޅިގެން އުޅޭ ކެންޑިޑޭޓަކަށް މިއިންތިޚާބު އެއްބުރުން ކާމިޔާބު ކުރުމަކީ ކުރެވިދާނެ ކަމެއް ކަމުގައި މޭރުންވާ ގޮތަށް އޭނާވެސް ވަނީ ވާހަކަ ދަށްކަވާފައެވެ.
މިރޭސް ނިމޭއިރު ދިވެހީންގެ އެންމެން ތިބޭނީ ފިސާރި ރަނގަޅަށް ތައްޔާރުވެ ނަތީޖާއަށް ބަލާށެވެ. އެނަތީޖާއިން ޑިމޮކްރެސީއަށް ކާމިޔާބު ވާނެތޯ ނުވަތަ ނުވާނެތޯ ބަލައި ވަޒަން ކުރުމުގެ ދުވަސް މިހާރު މިވަނީ ކައިރީގައެވެ. އެނގޭނީ ވޯޓުގުނާލުމުންނެވެ.