ކެންޑީޑޭޓުކަމުގެ ފޯމުތަކާއި ގުޅޭގޮތުން ހުރިހާ މައްސަލަތަކެއް ކޯޓުތަކުން ސާފުވެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

JAD_2091

ސެޕްޓެމްބަރ 7 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލުމަށް މިހާރު ހުރަހެއް ނެތް ކަމަށާއި އެކަމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތައް މިހާރު ދައުލަތުގެ ހުރިހާ މުވައްސަސާތަކުންވެސް ލިބިވަޑައިގެންފައިވާކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކްފާން މިހެން ވިދާޅުވީ މިއަދު ހަވީރު މޫކާއި ސުއީޓްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކްފާނުގެ ކެންޑިޑަސީއަށް އަސަރުކުރާނެ އެއްވެސް މައްސަލައެއް ކޯޓުތަކުގައި ނުވާކަމަށް އެފަރާތްތަކުން އަންގަވާފައިވާކަމަށާއި މާދަމާއިލެކްޝަންސް ކޮމިޝަނަށް ކެންޑިޑަސީއާއި ގުޅޭ ފޯމުތައް ހުށަހަޅުއްވާނެކަމުގައެވެ. އެމަނިކްފާނުގެ ނަންފުޅު ކެންޑިޑޭޓުންގެ ލިސްޓުގައި އޮންނާނެކަމުގައިވެސް ވިދާޅުވިއެވެ. އަދި ކެންޑިޑަސީ ޔަގީން ކުރުމަށް އެމްޑީޕީގެ މެމްބަރުންނާއި ދިވެހިރާއްޖޭގައި އިސްލާހަށާއި ޑިމޮކްރަސީއަށް ތާޢީދު ކުރައްވާ ހުރިހާ ބޭފުޅުންނަށް ޝުކުރުއަދާކުރެއްވިއެވެ. “އަޅުގަނޑުގެ ނަން ކެންޑިޑޭޓުންގެ ލިސްޓުގައި ބޭއްވުމަށް ކުރެއްވި ބުރަ މަސައްކަތާއި ކުރެއްވި އިޙްތިޖާޖު، އެ ހުރިހާކަމަކަށް ހުރިހާ ބޭފުޅުންނަށް ކުރެއްވި ޖިހާދާއި ކޮށްދެއްވި ހުރިހާ ކަމަކަށް ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރުދަންނަވަން” ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ވަކިން ޚާއްޞަކޮށް އެމަނިކްފާނުގެ ޤާނޫނީ ޓީމަށް ޝުކުރުއަދާކުރައްވަމުން ބައިނަލް އަޤްވާމީ ދުނިޔެއިން ވެދެއްވި އެހީތެރިކަމާށާއި ނޫސްވެރިންވެސް އެމަނިކްފާނުގެ ކެންޑިޑަސީގެ މައްސަލާގައި ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދެއްވިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

ކެންޑިޑަސީގެ އިތުރުން މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައި ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކު ރިޔާސީ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލެއްވުމަށް ނިންމަވާފައިވާތީ ކޯލީޝަންގެ ރަނިންގމޭޓް ކަމުގައި ހުންނެވި ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު އަޙްމަދު ތަސްމީން ޢަލީ ތަމްސީލް ކުރައްވަނީ ޑީއާރުޕީ ނޫނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައިކަމާމެދު ރައީސް ނަޝީދު ސުވާލު ކުރެއްވިއެވެ. “ޑރ. ވަޙީދު އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލައްވާއިރުގައި، ޑީއާރޕީވެސް އެ ކޯލިޝަނުން ވަކިވެ ތަސްމީނު އަމިއްލައަށް އަދި އަމިއްލަ ހައިސިއަޔަތުން ކުރިމަތި ލައްވާކަން އަޅުގަނޑު މެނަށް އެބަ ފާހަގަވޭ” ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި މިހާރު ފެންނަމުން އަންނަނީ ސިޔާސީ ކަންކަން އޮލަނބު ވަމުން އަންނަތަން ކަމަށާއި 2008 ވަނަ އަހަރެކޭ އެއްގޮތަށް ޖުމްހޫރީ ޕާޓީއާއެކު އަދާލަތު ޕާޓީން މަސައްކަތްކުރުމަށް ނިންމާފައިވާކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. “އަޅުގަނޑުމެންނަށް ފާހަގަ ވަމުން މި އަންނަނީ ރިޔާސީ އިންތިޚާބަށް އަޅުގަނޑުމެން ދާއިރުގާ، މީގެ ކުރީގައި މި ރާއްޖޭގައި ސިޔާސީ ޕާޓީތައް ނެތްއިރުގަ ސިޔާސީ ބޭފުޅުންގެ ގޮތުގައި އިސްބޭފުޅުންގެ ގޮތުގައި ފާހަގަވަމުން އަޅުގަނޑުމެންނަށް އައީ ގޭގެ ޕާޓީތަށް، އެންމެ ކުރީ ޒަމާނުގައި ކަކާގެއާއި އަތިރީގެއާއި އެއްގަމުގެއާއި ހެންވޭރުގެއާއި …ފަހުން އައިސް އަޅުގަނޑުމެންނަށް ފާހަގަ ވަމުން އައީ އެންދރިމާގެއާއި ކާމިނީގެ. އަޅުގަނދުމެނަށް މި ރިޔާސީ އިންތިޚާބަށް ދާއިރުގައި އެންދެރިމާގޭ ބޭފުޅުން ޕީޕީއެމްއާ ވަކިވެވަޑައިގަންނަވާ ވަކި ޕާޓީއަކާއި ގުޅިވަޑައިނުގަންނަވާ ތިއްބަވާ ކަމީ އަޅުގަނޑު މިދަންނަވާހެން ސިޔާސީކަންކަން އޮލަނބުވަމުންދާއިރުގައި ފާހަގަވާ ކަމެއް” ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ކުރިން ކޮންމެ ސިޔާސީ ފިކުރެއްގައި ހުރިކަމުގައިވީނަމަވެސް އެމްޑީޕީން އަބަދުވެސް އެބޭފުޅުންނަށް މަރުހަބާކިޔާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީ އަބަދުވެސް ދެކެނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ ކަމުގަ ހުންނަވާ ބޭފުޅަކީ ރައްޔިތުންގެ ރުޙުމާއި، ރައްޔިތުންގެ ވޯޓުން ތާއިދު ލިބިވަޑައިގަންނަވައިގެން ހުންނަވަންޖެހޭ ބެފުޅަކަށް ވާންޖެހޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދުގެ ރަނިންގެމޭޓާ ގުޅިގެން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ

އެއްވެސް ސަބަބަކާ ހުރެ ރައީސުލްޖުމްހޫރިއްޔާކަމުގަ މަޤާމު ހުސްވެއްޖެނަމަ ރައްޔިތުންގެ ރުހުން އޮތް މިންވަރު ސާފުކުރަން ޖެހޭނެކަމަށާއި ރައްޔިތުން ގެ ވޯޓަކުން ކަންކަންސާފު ވާންޖެހޭނެކަމަށެވެ. އަދި އެމްޑީޕީން އަވަސް އިންތިޚާބަކަށް އަޑުއުފުލަމުން ގެންދިޔައީވެސް އެ ސަބަބަށްޓަކައިކަމަށް ވިދާޅުވިއެވެ. އަދި އެމަނިކްފާން ދެކިވަޑައިގަންނަވާ ގޮތުގައި ޑރ.މުޞްޠަފާ ލުޠުފީއަކީ ތެދުވެރި ވަފާތެރި ބޭފުޅެއްކަމުގައިވެސް ވިދާޅުވިއެވެ.