ވަހީދުގެ އިތުބާރު ނެތްކަމަށް ޔާމީން ހުށަހަޅުއްވައިފިނަމަ އެމްޑީޕީން ވޯޓް ދޭނެ- ޗެއަރޕާސަން މޫސަ

usfasgandun harugethakah silsila feshun 260513 (10)

ބަޣާވާތަކުން ރާއްޖޭގެ ވެރިކަމާއި އަރާވަޑައިގެން ހުންނެވި ވަހީދު ހަސަން މަނިކު ވެރިކަމުން ދުރުކުރުމަށް އިތުބާރު ނެތްކަމުގެ ވޯޓް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމު ހުށަހަޅުއްވައިފިނަމަ އެމްޑީޕީން ވޯޓް ދޭނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ. މޫސަ މިހެން ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން އެމްޑީޕީ ކާމިޔާބު ކުރުމަށްޓަކައި “އުސްފަސްގަނޑުން ހަރުގެތަކަށް އެއްބުރުން” ނަމުގައި ސިލްސިލާ ޖަލްސާތަކެއް ފެށުމުގެ ގޮތުން ރޭ އުސްފަސްގަނޑުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީގެ މަރުގެ ތުހުމަތު އެމްޑީޕީ އާއި އެމްޑީޕީގެ އެންމެހާ މެންބަރުންގެ ބޮލުގައި އަޅުވަމުންދާތީ އެކަމާއި މެދު ފިޔަވަޅު އަޅުއްވާނެ ކަމަށާއި އަދި އެމްޑީޕީއަކީ އެއްވެސް ހާލެއްގައި އަނިޔާވެރި ކަމަކަށް ނުވަތަ ލާއިންސާނީ އަނިޔާއެއް ދިނުމަށް މަސައްކަތް ކުރާނެ ޕާޓީއެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީއަކީ އަނިޔާއާއި ދެކޮޅަށް މަސައްކަތް ކުރާ ޕާޓީއެއް ކަމަށާއި ރާއްޖޭގައި އެކިގޮތްގޮތުން މާރާލާފައިވާ މީހުންގެ މަރުގެ ތަޙްޤީޤް ހެޔޮގޮތުގައި ހިންގާ އިންސާފުގެ މަގުންގޮސް އަނިޔާވެރިކަން ނެތިދިއުމަކީ އެމްޑީޕީން އަބަދުވެސް ބޭނުންވާ ގޮތްކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަގެ ވާހަކައިގާ ޕޮލިސް ކޮމިޝަނަރ ކަމުގެ މަޤާމުގައި ހުންނެވި ޢަބަދުﷲ ރިޔާޒަށް ފާޑުވިދާޅުވެ ޥާހަކަ ދައްކަންވަމުން ވިދާޅުވީ ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ރިޔާޒް ހުންނަވައިގެން ކުރައްވާ އެއްވެސް ތަހުގީގެއް ކުރިޔަސް މުޅި އުމުރުގައި ވެސް ގަބޫލު ނުކުރައްވާނޭ ކަމަށެވެ. އަދި އެފަދަ ތަހުގީގެއް އިންސާފުވެރި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ކުރީގައި ހިނގާފައިވާ ބައެއް ކަންކަމަށް އަލި އަޅުއްވާ ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ މައުމޫން ދައުރުގައި މަރާފައިވާ 114 މީހުންގެ މަރުގެ ތުހުމަތުގެ ތެރޭގައި ފުރަތަމަ ހައްޔަރުކުރަން ޖެހޭ މީހުންގެ ލިސްޓުގައި އަބްދުﷲ ރިޔާޒްގެ ނަން ނީންނާނެ ގޮތެއް އެއީ ނެތް ގޮތެއްކަމަށް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި މޫސަ ވަނީ ކޯލިޝަންގެ ފަރާތުން ދާރުބާރުގޭގައި ބޭއްވި ޖަލްސާގައި ބައެއް ބޭފުޅުން ދެއްކެވި ވާހަކަތަކަށާއި އާޓިފިޝަލް ބީޗްގައި އަދާލަތުޕާޓީގެ ރައީސް ދެއްކެވި ވާހަކަ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.