އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ތިލަދުންމަތީގެ ބައެއް ރަށްރަށަށް ވަޑައިގަންނަވައިފި

އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް ރައީސް މުހައްމަދު ނަޝީދު މިހާރު ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތިލަދުންމަތީ އުތުރުބުރީ ބައެއް ރަށްރަށް ވަޑައިގަންނަވައިފިއެވެ. އެގޮތުން މިއަދު ރައީސް ނަޝީދު އެންމެ ފުރަތަމަ ވަޑައިގެންނެވީ ހއ. ފިއްލަދޫއަށެވެ. ފިއްލަދޫއަށް ރައީސް ނަޝީދު ވަޑައިގަތުން ފިއްލަދޫގެ ރައްޔިތުންވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ.

ރައީސް ނަޝީދު ފިއްލަދޫއަށް ވަޑައިގެން ފިއްލަދޫގެ ރައްޔިތުންގެ ހާލުބެއްލެވުމަށް ގޭގެއަށް ޒިޔާރަތް ކުރައްވާ އެރަށުގެ ރައްޔިތުންނަށް ވާހަކަ ދައްކަވާ މައުލޫމާތު އޮޅުންފިލުއްވިއެވެ. އަދި އެމްޑީޕީގެ ސަރުކާރުގައި ރައްޔިތުންނަށް ފޯރުކޮށްދެއްވަމުން ގެންދެވި އިޖްތިމާޢީ ރައްކާތެރިކަމުގެ މަޢުލޫމާތާއި އެމްޑީޕީން ކުރިއަށް ގެންގޮސްފައިވާ ބައެއް މަސައްކަތްތައް ރައްޔިތުންނާއި ހިއްސާ ކުރެއްވިއެވެ. އަދި މިހާރު އެމްޑީޕީ ރައްޔިތުންނަށް ހުށަހަޅަމުން ގެންދާ ސިޔާސަތު ތަކާއި ބެހޭ މައުލޫމާތު ފިއްލަދޫގެ ރައްޔިތުންނާއި ހިއްސާ ކުރެއްވިއެވެ.

ރައީސް ނަޝީދުގެ މިއަދު ފިއްލަދޫއަށް ކުރެއްވި ދަތުރުފުޅުގައި ފިއްލަދޫގައި ހަރަކާތްތެރިވާ އެމްޑީޕީގެ ދޭތިންފަހެތި ކެންޕެއިން ޓީމްއާއި ބަދަލުކޮށް ކަމާގުޅޭ މައުލޫމާތާއި އިރުޝާދު ރައީސް ނަޝީދު ދެއްވިއެވެ. އަދި މިއަދު ފިއްލަދޫ އިން އެމްޑީޕީއާއި މެންބަރުން ގުޅިވަޑައިގަތުމަށް ބޭއްވި ހަފްލާއެއްގައި ބައިވެރިވެވަޑައިގެން އެ މެންބަރުންގެ މެންބަރޝިޕް ފޯމުގައި ހެކިވެރިއެއްގެ ގޮތުގައި ސޮއި ކުރެއްވިއެވެ.

ރައީސް ނަޝީދު ފިއްލަދޫއަށް ފަހު ދެން ވަޑައިގަތީ ހއ. ބާރަށަށެވެ. ބާރަށަށް ރައީސް ނަޝީދު ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ ރައީސް ނަޝީދަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ. ބާރަށަށް ވަޑައިގެން ރައީސް ނަޝީދު ވަނީ ބާރަށު އެމްޑީޕީ ހަރުގޭގައި ބޭއްވި ބައްދަލުވުމެއްގައި އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ނަޝީދުގެ ވާހަކަ ފުޅުގައި އެމްޑީޕީން މިހާރު ރައްޔިތުންނަށް ހުށަހަޅުއްވަމުން ގެންދަވާ ސިޔާސަތު ތަކުގެ މައުލޫމާތު ދެއްވިއެވެ. އަދި އެމްޑީޕީ ސަރުކާރުގައި ކުރިއަށް ގެންގޮސްފައިވާ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމް ތަކާއި އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީގެ މައުލުމާތާއި އެކަންކަން ވަރުގަދަ ކުރެއްވުމަށް އެމްޑީޕީ ސަރުކާރެއްގައި ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ބައެއް ކަންކަމާއި ގުޅޭ މައުލޫމާތު ވަނީ ހިއްސާ ކުރައްވާފައެވެ.

ރައީސް ނަޝީދު ހއ. ބާރަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންގެ ހާލުއަހުވާލު ބެއްލެވުމަށް ގޭގެއަށް ޒިޔާރަތް ކުރައްވާ ރައިތުންގެ ކައިރިން މައުލޫމާތު އޮޅުންފިލުއްވެވިއެވެ. އަދި އެމްޑީޕީ ސަރުކާރުގެ އިޖްތިމާޢީ ރައްކާތެރި ކަމުގެ ޕްރޮގްރާމް ތަކާއި ގުޅޭ ގޮތުން މައުލޫމާތު އައްސަވައި އޮޅުން ފިލުއްވެވިއެވެ.

ރައީސް ނަޝީދުގެ މިއަދު ބާރަށަށް ކުރެއްވި ދަތުރުފުޅުގައި ބާރަށުގައި ހަރަކާތްތެރިވާ އެމްޑީޕީގެ ދޭތިންފަހެތި ކެންޕެއިން ޓީމްއާއި ބަދަލުކުރައްވައި ކަމާގުޅޭ މައުލޫމާތާއި އިރުޝާދު ދެއްވިއެވެ. އަދި މިއަދު ބާރަށުން އެމްޑީޕީއާއި މެންބަރުން ގުޅިވަޑައިގަތުމަށް ބޭއްވި ހަފްލާއެއްގައި ބައިވެރިވެވަޑައިގެން އެ މެންބަރުންގެ މެންބަރޝިޕް ފޯމުގައި ހެކިވެރިއެއްގެ ގޮތުގައި ރައީސް ނަޝީދު ސޮއި ކުރެއްވިއެވެ.

ރައީސް ނަޝީދު ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. ފިއްލަދޫއަށާއި ބާރަށަށް ވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ވަނީ އިއްޔެ ހދ. ކުޅުދުއްފުއްޓަށާއި ހއ. ކެލަށް ވަޑައިގެންފައެވެ. އަދި ހދ. ކުޅުދުއްފުށީގައި އެމްޑީޕީގެ އެގްރިވިޔަފާރީގެ ސިޔާސަތު ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވައި އެއަށްފަހު ހއ. ކެލައަށް ވަޑައިގެން އެމްޑީޕީން ކެލާގައި “އެއްބުރުން” މިނަމުގައި ބޭއްވި ޖަލްސާގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ނަޝީދު ތިލަދުންމައްޗަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދުގެ އިރާކޮޅުގެ ވަގުތެއްގައި މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.