އެމްޑީޕީ މެރިކަލްޗަރ ވިޔަފާރި ސިޔާސަތާއިގުޅޭ ޑިސްކަޝަން ޕެނަލް ރޭގައި ބާއްވައިފި

އެމްޑީޕީ މެރިކަލްޗަރ ސިޔާސަތާއި ގުޅޭ ޑިސްކަޝަން ޕެނަލް ރޭގައި ބާއްވާފިއެވެ. ރޭ އުސްފަސްގަނޑުގައި ބޭއްވި މި ޑިސްކަޝަން ޕެނަލްގައި މައުލޫމާތު ދެއްވީ އެމްޑީޕީ ކެމްޕެއިން ކޮމިޓީގެ ނައިބް ޢަބްދުލް މާޖިދު، މެރިކަލްޗަރގެ ދާއިރާއިން ތަޢުލީމް ހާޞިލްކުރައްވާފައިވާ ހުދާ އަޙްމަދު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު އެވެ.

ރޭ ކުރިއަށް ގެންދިޔަ މި ޑިސްކަޝަންޕެނަލްގައި އެމްޑީޕީ މެރިކަލްޗަރ ސިޔާސަތު އެކުލަވައިލި ގޮތާއި އެކަމުގައި ރައްޔިތުންނަށް ހުރި މަންފާތަކާއި ފުރުޞަތުތަކާއި ބެހޭގޮތުން ޕެނަލްގެ ބޭފުޅުން އާއްމުންނާއި މައުލޫމާތު ހިއްސާކުރެއްވިއެވެ. ރާއްޖެޓީވީން ވަގުތުން ލައިވްކޮށް ދެއްކި މި ޑިސްކަޝަން ޕެނަލްގައި އާއްމު ރައްޔިތުން ސާފުކުރައްވަން ބޭނުންވާ މައުލޫމާތު ތަކަށް ޕެނަލްގެ ބޭފުޅުން ޖަވާބު ދެއްވަމުން ގެންދެވިއެވެ.

ރޭގެ ޑިސްކަޝަން ޕެނަލްގައި ވާހަކަފުޅު ދައްކަވަމުން ހުދާ ވިދާޅުވީ އެމްޑީޕީގެ މި ސިޔާސަތުތަކުގެ ބޭނުމަކީ ދިވެހިންނަށް ޚާއްޞަކޮށް ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އާމްދަނީ ލިބޭނެ ފުރުޞަތުތަކެއް ޤާއިމް ކޮށްދިނުންކަމަށެވެ. އަދި މެރިކަލްޗަރ ވިޔަފާރިއަކީ ހަމައެކަނި ލަނޑާ އާލާކުރުން ނޫންކަމަށާއި މެރިކަލްޗަރއަކީ ކިތަންމެ ކިތަންމެ ބާވަތެއް އާލާކޮށް ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށް ގެންދެވިދާނެ ވިޔަފާރިއެއްކަމަށް ވިދާޅުވިއެވެ. އަދި މަސައްކަތް ކުރަންބޭނުންވާ ފަރާތްތަކަށް ކުޑަގޮތަކަށްވެސް މަސައްކަތް ފަށައިގަނެވިދާނެ ކަމަށާއި އެމްޑީޕީ ސަރުކާރުން އެފަދަ ވަޞީލަތްތައް ޤާއިމްކޮށްދޭނެ ކަމަށެވެ.

އެމްޑީޕީ ކެމްޕެއިން ކޮމިޓީގެ ނައިބް ޢަބްދުލްމާޖިދު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ކުރުމަށްޓަކައި ރަނގަޅު ފެންވަރެއްގެ އިންވެސްޓްމަންޓް ބޭންކެއް ޤާއިމް ކުރެވޭނެ ކަމަށާއި އެބޭންކް މެދުވެރިކޮށް ރަށްރަށުގައި މެރިކަލްޗަރ ވިޔަފާރި އާއި އެނޫންވެސް އިޤްތިޞާދީ މަސައްކަތް ކުރާފަރާތްތަކަށް ފަސޭހަ ގޮތަކަށް ކުޑަ އިންޓަރެސްޓެއްގައި ލޯން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމެށެވެ. އަދި މީގެ ކުރީގައި ރާއްޖޭގައި ކޮލިޓީ ކޮންޓްރޯލް ނިޒާމެއް ޤާއިމްވެފައި ނެތުމާއި އެކްސްޕޯޓް މާކެޓަށް ވިސްނާފައި ނެތުމުން ނުރަގަޅު ކަންކަން ހިނގަމުންދާ ކަމަށާއި އަދި އެމްޑީޕީގެ ސަރުކާރުން މިކަން ބަދަލުކޮށް މި ވިޔަފާރިވެސް ރާއްޖޭން ބޭރަށް އެކްސްޕޯޓް ކުރުމަށް އަމާޒުކޮށް ކޮލިޓީ ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ޤާއިމް ކުރާނެކަމަށެވެ.

ޑިސްކަޝަން ޕެނަލްގައި އާއްމުންގެ ސުވާލަކަށް ޖަވާބު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ވިދާޅުވީ އެމްޑީޕީގެ މެރިކަލްޗަރ ސިޔާސަތު ހިންގުމުގެ ގޮތުން ކަމާބެހޭ ޤާނޫނު ތަކާއި ޤަވާއިދުތައް ހަދާނެ ކަމަށާއި އަދި އެމަސައްކަތް ބަލާ މޮނީޓަރ ކުރެވޭނެ ނިޒާމުތަކެއް އެމްޑީޕީގެ ސަރުކާރުން ޤާއިމް ކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި މެރިކަލްޗަރ ވިޔަފާރި ކުރިއަށް ގެންގޮސް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ކޮލިޓީ ކޮންޓްރޯލް ނުވަތަ ކަރަންޓީނު ފެސިލިޓީސްތަކާއި ހެޗަރީތައް ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ޤާއިމް ކުރާނެ ކަމަށް ވިދާޅުވިއެވެ.