ވެރިކަމުގެ ނިޒާމު ގަޑުބަޑުކޮށްލާ ކޮންމެ ކަމަކީ ބަޣާވާތެއް – ރައީސް ނަޝީދު

dheythin fahethi n. velidhoo jalsa 210413 (87)

ވެރިކަމުގެ ނިޒާމު ގަޑުބަޑުކޮށްލާ ހަމަ ކޮންމެ ކަމަކީ ބަޣާވާތެއްކަމަށާއި އެއީ ޑިމޮމޮކްރަސީއާ ދެކޮޅަށް ހިންގޭ އިދިކޮޅު އަމަލެއްކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫގައި ބޭއްވި އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ. އަދި ޑިމޮކްރަސީއެއްގައި ވޯޓު ވިއްކުމާއި ރިޝްވަތު ހިފުމުގެ މައުޟޫޢުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ “އެއީ ތަނަވަސްވުމަށް އެޅޭ ހުރަހެއް. އެއީ ތަރައްޤީއަށް އެޅޭ ހުރަހެއް” ކަމުގައެވެ. އެހެންކަމުން، ވަގުތީ ފައިދާއަށްޓަކައި ވޯޓް ވިއްކާލާ ރައްޔިތު މީހާއަކީވެސް އެސަފުން ފާހަގަވާނެ މީހެއްކަމަށާއި، ތިބޭފުޅުންގެ ވޯޓާއި ވިސްނުމާއި އަދި މުސްތަޤްބަލް ވަގުތީ ފައިދާއަކަށްޓަކައި ވިއްކާ ނުލެއްވުމަށް އެންމެހާ ދިވެހި ރައްޔިތުންނަށް ރައީސް ނަޝީދު އިލްތިމާޞްކުރެއްވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ބައެއް މަހުޖަނުންނާއި ވިޔަފާރިވެރިން ސިޔާސީ ޕާޓީ ހެދުމުގެ ނަމުގައި ރައްޔިތުން ވިއްކަމުން ގެންދާކަމަށާއި، އަދި އެބޭފުޅުން ސިޔާސީ ޕާޓީ ހައްދަވާފަ ދޮލަނގަކަށް ލައިގެން ގޮސް ކޯލިޝަން ހެދުމަށް ވެރިންނަށް ވިއްކަމުންދާކަމަށެވެ. އަދި ކޯލިޝަން ހައްދަވާއިރު އެކަން އެޕާޓީތަކުގެ އާންމު މެންބަރުންނަށް ނޭނގޭކަމަށާއި އެކަން ކުރައްވަނީ ނަގޫ ގޮއްޖެހިފައި ތިބި ޕާޓީތަކުގެ ވެރިންކަމަށާއި، ޝައިޠޯނާއާއި އެކު ނަގޫ ގޮއްޖަހައިގެން ސުވަރުގެ ދެވޭކަމެއް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދު ރާއްޖޭގެ ވެރިކަމަށް އަރާހުންނެވި ކުރީގެ ނާއިބު ރައީސް ޑރ.މުޙަންމަދު ވަޙީދުއަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ޚަރާމްކުރައްވާފައިވާ ކަމެއްކަމަށްވާ ބަޣާވާތެއްކޮށްގެން ވެރިކަމަށް އަރާހުންނެވި ބޭފުޅެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އަދާލަތު ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމަކީ ލާދީނީ ވެރިކަމެއްކަމަށް ވިދާޅުވި ބޭފުޅުން މިއަދު ކޯލިޝަން ހައްދަވައިގެން އެ ހުންނެވީ އެމްޑީޕީ ސަރުކާރުގެ ނާއިބު ރައީސްއާ ކަމަށާއި، އެބޭފުޅާ ކުރެއްވި އިތުރު ހެޔޮ ކަމެއް އެމަނިކުފާނަށް ފެނިވަޑައިނުގަންނަވާ ކަމަށާއި ކުރެއްވިހާވެސް ކަމަކީ، އިސްލާމްދީނުގައި ޚަރާމްކުރައްވާފައިވާ ބަޣާވާތެއްކުރެއްވުންކަމަށެވެ. ދެ ދުނިޔެ ގެއްލިގެން ދިއުމަށް ވަރިހަމަކޮށްގެން އަޅުގަނޑުމެންނަށް ތިބެވެން ނޯންނާނެކަމަށާއި، ބަޣާވާތުގެ މައްޗަށް ބަޣާވާތެއް އަޅުގަނޑުމެން ނުކުރީ އެކަމުން ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެތީވެކަމަށްވެސް، ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވިދާޅުވީ، އަޅުގަނޑުމެންނަކީ ޑިމޮކްރަސީއަށް މަސައްކަތްކުރާ ބައެއްކަމަށާއި އަޅުގަނޑުމެން ވެރިކަމަށް އަންނާނީ އިންތިޚާބު މެދުވެރިކޮށް ވޯޓުލައިގެން ކަމަށެވެ. އަދި އަޅުގަނޑުމެންގެ އަމާޒަކީ އިރާދަފުޅާއެކު، މިއިންތިޚާބު އެއް ބުރުން ކާމިޔާބުކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކުރިމަތިލާފައިމިވަނީ، ސިޔާސަތުތަކަކާއެކުކަން ފާހަގަކުރައްވަމުން، އެ ޕާޓީއިން މިހާތަނަށް އިޢުލާންކުރައްވާފައިވާ ގެސްޓްހައުސް ހިންގުމުގެ ވިޔަފާރިއާއި މެރިކަލްޗަރ ވިޔަފާރި ހިންގުމުގެ ސިޔާސަތުގެ މައްޗަށްވެސް އަލިއަޅުވާލައްވާ ރައީސް ނަޝީދު ވާހަކަފުޅުދެއްކެވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ހިންގުމުގެ ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ޤުދުރަތީ ވަޞީލަތްތައް ރާއްޖޭގެ ފަޅުރަށްރަށެކޭ އެއް ގޮތަށް މީހުން ދިރިއުޅޭ ރަށްރަށުގައިވެސް އެބަހުރިކަމަށެވެ. އަދި މިވިޔަފާރި ހިންގުމަށް ރާއްޖެ އޮތީ ފަހިވެފައިކަމަށާއި މިކަމުގެ ސަބަބުން އެތައް ހާސް ވަޒީފާގެ ފުރުޞަތުތައް އުފެދި، ރާއްޖޭގެ ރަށްތައް ތަނަވަސްވެ އާންމު އިޖްތިމާޢީ ހާލަތު އެތައް ތަނަކުން ރަނގަޅުވެގެން ދާނެކަމުގައި ރައީސް ވިދާޅުވިއެވެ. ގެސްޓްހައުސް ހިންގުމުގެ ވިޔަފާރީގެ ފައިދާ އެންމެ ބޮޑަށް އެނގޭ އެއް ބަޔަކީ ވެލިދޫގެ ރައްޔިތުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ވޭތުވެދިޔަ 40 އަހަރުތެރޭގައި ދިވެހިރާއްޖޭގައި އެންމެ ކާމިޔާބުކަމާއެކު ފައިދާލިބޭ އެއް ވިޔަފާރީގެ ގޮތުގައި ހިންގިފައިވަނީ ޓުއަރިޒަމްގެ ވިޔަފާރިކަމަށާއި ނަމަވެސް އެވިޔަފާރި މީހުން ދިރިއުޅޭ ރަށްރަށުގައި މީގެ ކުރިން ހިންގުމަށް ހުރަސްއަޅާފައިވަނީ ޚީލަތްތެރި ރޭވުމެއްގެ ދަށުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އޭގެ އެންމެ ބޮޑު އެއް ބޭނުމަކީ ރައްޔިތުން ނިކަމެތިކޮށް، މަދު މީސްކޮޅެއްގެ ގާތަށް ރައްޔިތުން ސަލާންޖެހުމަށް ދާންޖެހޭ ގޮތަށް ކަންކަން ރޭވުންކަމަށެވެ.
ރާއްޖޭގައި މެރިކަލްޗަރ ވިޔަފާރި ހިންގުމުގެ އެމްޑީޕީ ސިޔާސަތުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މަސްވެރިކަމާ ޓުއަރިޒަމްގެ ވިޔަފާރިން މިހާރު ލިބޭ އާމްދަނީއާ ގާތްގަނޑަކަށް އެއްވަރުގެ އާމްދަނީއެއް، މެރިކަލްޗަރގެ ވިޔަފާރިންވެސް ހޯދެން އެބައޮތްކަމަށެވެ. އަދި އަޅުގަނޑުމެންގެ ސަރުކާރުގެ 5 އަހަރު ތެރޭގައި މިވިޔަފާރި ހިންގުމަށް ބޭނުންވާ އުމްރާނީ ވަޞީލަތްތައް ޤާއިމްކޮށްދެއްވާނެކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މެރިކަލްޗަގެ ބާވަތްތައް އެކްސްޕޯޓްކޮށްގެން ރާއްޖެއަށް ގާތްގަނޑަކަށް އެއް ބިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ލިބެން އެބަ އޮތްކަމުގައިވެސް ރައީސް ވިދާޅުވިއެވެ. މިއީވެސް ރަށްރަށުގައި ވަޒީފާގެ ފުރުޞަތުތައް ތަނަވަސްވެގެންދާނެ ވިޔަފާރިއެއްކަން ރައީސް ފާހަގަކުރެއްވެވިއެވެ.

މިއަދު ރާއްޖޭގެ ވެރިކަމަށް އަރާވަޑައިގެން ހުންނެވި ކުރީގެ ނާއިބު ރައީސް ޑރ.މުޙަންމަދު ވަހީދު ރާއްޖޭގެ ރަށްރަށަށް ވަޑައިގެން ފަޅު ފުންކޮށް ބަނދަރު ހައްދަވައިދެއްވާނެކަމަށް ވިދާޅުވާއިރު، އެ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ފައިސާއާއި ވަޞީލަތް ނެތްކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވަނީ ފަޅުފުންކޮށްދެއްވާފަ ބަނދަރު ހައްދަވައިދެއްވާނީ ޑރ.ވަހީދުގެ އަމިއްލަފުޅު އަތުން ކޮނެދެއްވައިގެންތޯ ސުވާލުކުރައްވާފައެވެ. މިއަދު ރާއްޖޭގެ ރައްޔިތުން ވަކިން ޚާއްޞަކޮށް ރާއްޖޭގެ ނިކަމެތި ރައްޔިތުން ވެރިކަން ކިލަނބުކޮށް ގަޑުބަޑުކޮށްގެން ތިއްބެވި ބޭފުޅުންގެ ފަހަތްޕުޅުން ދިއުމަށް ބޭނުންނުވާކަމަށާއި އެ ރައްޔިތުން ބޭނުންވަނީ އެމްޑީޕީގެ ވެރިކަމެއްކަމަށެވެ. އަދި އެމްޑީޕީއިން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރާނީ އިރާދަފުޅާއެކު އެއް ބުރުން ކަމަށް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވިއެވެ