ރޭ ނިމުނު އެމްޑީޕީ ބާޒާރަކީ ވަރަށް ކާމިޔާބު ބާޒާރެއް. މިފަދަ އިތުރު ބާޒާރެއް ވަރަށް އަވަހަށް ބާއްވާނެ – އާރިފް

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

އެމްޑީޕީގެ ހަރަކާތްތައް ހިންގުމަށް ފައިސާ ހޯދުމުގެ ގޮތުން އުސްފަސްގަނޑުގައި ކުރިޔަށް ގެންދިޔަ އެމްޑީޕީ ބާޒާރަކީ ވަރަށް ކާމިޔާބު ބާޒާރެއް ކަމަށާއި، މިފަދަ އިތުރު ނައިޓްމާކެޓެއް ވަރަށް އަވަހަށް ބާއްވާނޭ ކަމަށް އެ ހަރަކާތުގެ ކޯޑިނޭޓަރ މުހައްމަދު އާރިފް (ބޭބެ) ވިދާޅުވެއްޖެއެވެ.

މި ނޮވެމްބަރު މަހުގެ 15 ވީ ބުރާސްފަތި ދުވަހު ހަވީރު އެމްޑީޕީގެ ހޯދުންތަކާއި ސިޔާސަތު އެކުލަވާލުމާއިބެހޭ ކޮމެޓީގެ މުގައްރިރު އަދި އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ މަހުމޫދު ރާޒީ ހުޅުއްވައިދެއްވި މި ބާޒާރު 4 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިއުމަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް މި ބާޒާރު ފަހުން ވަނީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން އިތުރު ދެ ރޭ ކުރިޔަށް ގެންގޮސްފައެވެ.

ވިޔަފާރިވެރިންގެ ޖަމްޢިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ ނައިޓް މާކެޓް ހިންގާ ގޮތަށް އާންމުންނަށް މޭޒު ވިއްކައިގެން ކޮންމެ ދުވަހެއްގެ ހަވީރު 5 ން ފެށިގެން ރޭގަނޑު 11 ޖެހުމާއި ހަމައަށް ކުރިއަށްގެންދިޔަ މި ނައިޓް މާކެޓް ފަދަ ނައިޓް މާކެޓެއް ލަސްވެގެން މީގެ 3 މަސް ފަހުން ބާއްވާނޭ ކަމަށް އާރިފް ވިދާޅުވިއެވެ.

“އެމްޑީޕީ ބާޒާރު ހިނގަމުންދިޔައީ ލަވައަށް ރިކުއެސްޓް ކުރުމާ އިޝްތިހާރު ކުރުމުގެ ފުރުސަތު ވެސް ހުޅުވާލައިގެން. ފަހު 2 ރޭ ސައުންޑް ބޭނުންކުރުމުގައި ޓެކްނިކަލީ ބައެއް ދަތި ދިމާވި ނަމަވެސް އޯވަރރޯލްކޮށް މި ބާޒާރަކީ ހަމަ ވަރަށް ކާމިޔާބު ބާޒާރެއް. މި ބާޒާރަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކޮށް، ވިޔަފާރިކޮށްފައިވާކަން ވެސް އަޅުގަނޑު އުފަލާ އެކު ފާހަގަކުރަން. އަދި މި ނައިޓް މާކެޓް ހިންގުމަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.” އާރިފް ވިދާޅުވިއެވެ.