އެމީހުން ހަމަ މިކަން ނުދަންނަނީއެވެ!

ފުނަމާ

ދިވެހިރާއްޖެއަކީ ގުދުރަތުން އެތަކެއް ނަސީބުތަކެއް ހަދިޔާ ކުރެއްވި ގައުމެކެވެ. ގަދީމީ ތާރީޚެއް އޮތުމާއެކު މޮށިއުޅޭނެ އަމިއްލަ ބަހަކާއި، ލިޔެއުޅޭނެ އަމިއްލަ އަކުރެއް ގެންގުޅޭ ބައެއްގެ އިތުރުން މިދުނިޔޭގައި އިންސާނީ މުޖުތަމަޢަކަށް ﷲތަޢާލާ ދެއްވާނެ އެންމެ މަތިވެރި ނަސީބު ކަމުގައިވާ އިސްލާމީ ނޫރުން ހިތްތަކަށް އަލިކަން ދެއްވާފައިވާ މީސްތަކެއް ޒަމާނުއްސުރެ ދިރިއުޅެމުން އަންނަ ގައުމެކެވެ. މިއަދު ދުނިޔޭގެ މަޝްހޫރު ލިޔުންތެރީންގެ ދިރާސާ ލިޔުންތަކުން އެނގޭ ގޮތުގައި ﷲތަޢާލާ އެބޭކަލަކަށް ނިދާ އިއްވެވި ޒުލްގަރްނައިނި ފަދަ ބޭފުޅުންގެ ފައިންޕުޅު ބީއްސެވިކަމުގައި ބެލެވޭ ގައުމެކެވެ.

ގައުމަކަށް ލިބިފައިވާ ކުރީންދެންނެވި އެންމެހައި ނިޢުމަތް ތަކުގެ އިތުރުން، ގައުމެއްގެ އެންމެބޮޑު ރައުސުލްމާލެއް ކަމުގައި މިބެލެވެނީ އެގައުމެއްގެ ކުދި ޅަދަރީންނާއި، ޒުވާނުންނެވެ. ގައިމުވެސް މިގައުމުގެ އާބާދީގެ ބޮޑުބަޔަކީ ޒުވާނުންނާއި ޅަކުދީންނެވެ. މިފަދަ މުޖުތަމައެއްގައި އެންމެ ފުރިހަމަ ގޮތުގައި އަޚުލާގީ ރިވެތި ގަހަނާ އެޅިގެން ބޮޑުވެދާ ޒުވާނަކަށްވުރެ ނަސީބުގަދަ އެހެން މީހަކު ގައިމުވެސް ނުވާނެއެވެ. ޢިލްމީގޮތުން ފުރާފުރިހަމަވެ، ދީނީ މަގުން ފައިހަރުކޮށް ތެދުވެ ހިންދަމާލެވުމުގެ ނަސީބު ގައިމުވެސް ލިބުމުގެ އެންމެހެޔޮ ފުރުސަތުތައް މިގައުމުގެ ޒުވާން ޖީލަށް ގުދުރަތުން ލިބިދެއްވާފައިވާކަމީ ދެބަހެއް ވެވޭނެ ކަމެއް ނޫނެވެ.

މިއަދު މިގައުމުގައި އުމުރުން ތިރީހާއި ސާޅީހުގެ އަހަރުތައް ގުނަމުން ގެންދާ އެންމެންނަކީވެސް އެމީހުންގެ މުޅިޙަޔާތުގެ ބޮޑުބައި ގައިމުވެސް ދުނިޔޭގެ މަޝްހޫރު ޑިކްޓޭޓަރެއްގެ ވެރިކަމުގައި ހޭދަކޮށްލަން ލިބިފައިވާ ބައެކެވެ. ތިރީސްއަހަރުގެ ޚުދުމުޚުތާރު އަމިއްލަ އެދުންބޮޑު ވެރިކަމުގައި ގައިމުވެސް މިގައުމުގައި ހިންގާފައިވާ އެންމެބޮޑު ޖަރީމާއަކީ ކޮބައިތޯ އަހައިފިނަމަ ބުނާންއޮތީ މިގައުމުގެ މުސްތަގުބަލު ކަމުގައިވާ ޒުވާންޖީލު ބީތާކޮށް، ހަނާއަރުވާލުމެވެ. މިޔަކީ ނޭނގިތިބެގެން ވަމުންއައި ކަމެކޭ ބުނެވޭނެ ޖާގައެއް ނެތެވެ.
މިގައުމުގައި މިއަދު ޢަމަލު ކުރެވެމުންމިދާ ގާނޫނުއަސާސީގެ ކުރީން ހަމަގައިމުވެސް ރައްޔިތުންނަށް ބާރުވެރިކަމެއް ދެވުނު އެހެން ބަޔާނެއް ދިވެހީންގެ އަތަކު ނުޖެހެއެވެ. ވެރިމީހާ ބޭނުންކަމެއް ބޭނުންގޮތަކަށް ކުރެވޭނެ ހުރިހައި މަންބަޢެއް ފުރިހަމަކޮށް ޚުދުމުޚުތާރުހައި ގޮތްތަކުން ދަހަނާ އަޅުވާފައިހުރި ވެރިޔަކު މިގައުމުގައި ތިރީސްއަހަރު ވެރިކަން ކުރިއެވެ. އޭނާ ބޭނުންވުމުން އޭނާ ދިރިއުޅޭ ގެއާއި ހަމަޔަށް އުންޑައެއް ފޮނުވޭނެ ހިސާބުގައި ހުރިއްޔާ ހުރި މީހުންގެ އަމިއްލަ ގޯތިތައްވެސް ނަގާ އުކާލެވުނެވެ. އޭނާގެ އާއިލާގެ އުފަލަށްޓަކައި ބިނާކުރި ގަނޑުވަރުގެ ފައުންޑޭޝަން އެޅުމަށްޓަކައި ފުރަމާލޭގައި ދިރިއުޅެމުންދިޔަ ލައްކައެއްހައި މީހުންނަށް ލިބެމުންދިޔަ ބިމުގެ އަޑީގެ ފެންރޯދި ތަޣައްޔަރު ކޮށްލިއެވެ. މުޅިގައުމުގެ ބައިތުލްމާލް އޭނާގެ އާއިލާއަށާއި އެކުވެރީންނަށް ސަބީލަކުރިއެވެ. ވީއިރު މުޅިގައުމުގެ ޒުވާންޖީލު މަގުމަތީގައި ބޮއެގެން ބިއްޖެހިފައި ތިބިއިރު އެކަން ނުހުއްޓުވުނީ ކީއްވެހެއްޔެވެ؟

އިސްލާމީ ރިވެތި އާދަކާދަތައް މިގައުމާއި ބީރައްޓެހިކޮށް މުޅިގައުމުގައި އެންމެހައި ފާޙިޝް އަމަލުތައް ހިންގުމަށް ހުޅުވާލި ދޮރުތަކުން މާސިންގާ ބޮޑެތި ބުދުތަކަށް ދާންދެން ވައްދައި މިގައުމުގައި ފައްޅިއެޅިގެން ދިއުމަށް މަގުފަހި ކުރުވީ އެއިރުއެވެ. މަސާޖުޕާލާތަކުގެ ނަމުގައި ހަށިވިއްކާ ޚާނާތައް މިގައުމުގައި ބިންގާއެޅި އުސްވެ މަންޒަރު ބަދަލުކުރީ އެވެރިކަމުގައެވެ. ގައުމުގެ ޒުވާނުންގެ އަގުނެތިވެ މަގުމަތީގައި މުގޯލިއަޅާ ބައެއް ކަމުގައި ވީހިނދު ބިދޭސީން މިގައުމުގައި ރުކުރުވާލީ ޑިކްޓޭޓަރުގެ ދަރިގޮއްޔެގެ ފިރިމީހާ އަކީ ބަންގާޅީއަކަށް ވީމާކަން އެންމެންވެސް ދަނެއެވެ. ދިވެހި ކޮންމެ ރައްޔިތަކަށް ބިދޭސީއަކު ރާއްޖެ ގެނެސް މިގައުމުގެ މަގުތައް ފުރާލައި ބަސްމޮށެއުޅޭ އުޅުމަށް ބަދަލު ގެނުވީވެސް ކާކުގެ ވެރިކަމެއްގައިކަން ދިވެހީންނަކަށް ނޯޅޭނެއެވެ. ލަދުހަޔާތުގެ ކަންފުޅެއްނެތި އެންމެފަހުން ގޭތެރޭގެ އަރާރުން މަގުމައްޗަށް ނެރެ އަނބިގޮއްޔެ ވަރިކޮށް ފަށްކަނޑައި، އިސްލާމީ ހުކުމްތަކަށް ޖޯކުޖަހައި ހެދީ ކޮންވެރިއެއްތޯ ސުވާލުކޮށްފިނަމަ އޮޅުމެއްނެތި ދޭނެ ޖަވާބު ދިވެހީންނަށް އެނގޭނެއެވެ. ރައްޔިތުން ފާޅުގައި ބަޑިޖަހައި މަރައި ސުންނާފަތި ކުރީ ކާކުކަން އެންމެން ދަނެއެވެ. ދީނުގެ ޙައްގުބަސް އިއްވާ ކޮންމެމީހަކު ޕެރަލައިޒް ކޮށްލަން ފުލުހުންނަށާ ސިފައިންނަށް އޯޑަރުދިނީ ކާކުކަންވެސް އެންމެން ދަންނާނެއެވެ.

ދެހާސް ހަތްވަނަ އަހަރާ ހަމަޔަށް ދިވެހީންނަށް މުސީބާތަކަށް ވެފައިވާ އަދި، އެވެރިކަމެއްގައި ސުނާމީއަރައި މުޅިގައުމު ދޮވެލި އަބާއްޖަވެރި ވެރިކަން ދިވެހީން ބަދަލުކުރީ ކެތްތެރިކަން ކޮޅުންލުމުންނެވެ. އަނިޔާވެރި ވެރިއެއްގެ ނުބައި ނުލަފާ އެންމެހައި ކަންކަން ލޮލުންދެކި އަތުން ހިފުމަށް ފަހުގައެވެ. ހަމައެހެންމެ ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ޑިމޮކްރެޓިކް ސަރުކާރުގެ ހުންގާނު ގ. ކެނެރީގޭ މުޙަންމަދު ނަޝީދާއި ދިވެހީން ހަވާލުކުރީ އިންތިހާ އުންމީދުތަކުން ފުރިގެން ތިބެއެވެ. ކަންވީވެސް އެހެންނެވެ. ރައްޔިތުން ހަމަހަމަވެ ވެރީންނާއި އެއްސަފެއްގައި ތިބެލެވޭނެ ފުރުސަތުތަކުގެ އިތުރުން މުޅިރާއްޖޭގެ އެންމެންނަށް އެކިއެކި ޚިދުމަތްތައް އެވެރިކަމުގައި ފުޅާވެގެންދިޔައީ ހީނުކުރާހާ އަވަހަށެވެ. އެމްޑީޕީ ސަރުކާރުގެ ޖޯޝުހުރީ ރައްޔިތުންގެ އުންމީދުތަކަށްވުރެ އެތައްހާސް ބައެއް ކުރީގައެވެ. މިކަންކަން ކުރީގެ އަނިޔާވެރީންނަކަށް ގައިމުވެސް ހަޖަމެއް ނުކުރެވުނެވެ. ނުކުމެ އޮޑާލައި ފުރައްސާރަކޮށް އެންމެ ފަހުން މިގައުމުގެ ކޮންމެ ރައްޔިތެއްގެ މޫނުމަތީގައި ވަރުހުރި ތަފާލެއް ޖަހައިފިއެވެ. މަކަރުވެރި ރޭވުމެއްގައި މިގައުމުގެ ރައްޔިތުންގެ ވެރިކަން ބަދަލުކޮށްލައި ރައްޔިތުން އިނދަޖައްސާލީއެވެ. ދިވެހި ދައުލަތް ޣަސްބުން ފޭރިގަތީއެވެ. ނަތީޖާއަކީ ކޮބައި ހެއްޔެވެ؟

ބާޣީންގެ ނުބައިނުލަފާ ރޭވުން ދިވެހީންނަށް އެނގުމުން އެމީހުންނާއި ކުރިމަތިލުމަށް މިއަދު މިތިބީ ރައްޔިތުން ފޫގަޅައި ދަމާ ވާން ކޮށްގެންނެވެ. ބާޣީންނަށް މިގައުމުން އެންމެ އިންޗިއެއްވެސް ދިނުމަކީ ދިވެހި އުންމަތް ގަބޫލުކުރާނެ ކަމެއް ނޫނެވެ. އަދި އެމީހުންނަށް އަރާމުގައި ހަމައެންމެ ނޭވާއެއްވެސް ހަށީގެ ތެރެއަށް ފޮނުވާލުމުގެ ފުރުސަތެއް ދޭކަށް ދިވެހީން ބޭނުމެއް ނޫނެވެ. އާޚިރުގައި ރައްޔިތުންނާއި ކުރިމަތި ލުމަކީ އެމީހުންނަށް ގާނޫނީ ހަމަތަކުގެ މަތީން ކުރެވޭނޭ ކަމެއް ނޫންކަން އެނގި ދިއުމުން މުގުރުތަކާއި މިނޫންވެސް ހުރިއްޔާ ހުރި ހަތިޔާރެއް ހިފައިގެން ނުކުމެ ރައްޔިތުން އެގެންދަނީ ތަޅާ މުގުރާ އަވަދި ކުރަމުންނެވެ. އެމީހުންގެ ފުލުގައި އެލިފައި ތިބިބަޔަކު މެނުވީ މިގައުމުގައި ދިރިތިބިޔަ ނުދިނުމަށް އެގެންދަނީ މަސައްކަތް ކުރަމުންނެވެ. ފިރުއައުނުގެ ޒަމާނުގައި ބަނީ އިޒުރާއީލް ބާގައިގެ ފިރިހެންދަރީން މެރިހެން މިގައުމުގެ ހެވާއި ލާބަޔަށް ނުކުތް ކޮންމެ މީހަކު މަރައި ހުސްކުރުމަށް މިއަދު ބާޣީން އެތިބީ އަތުކުރި އޮޅާލައިގެންނެވެ. މިގައުމު މިހާތަނަށްދުށް އެންމެނުލަފާ ޖައްބާރު ޖާހިލު ވެރީންނަކީ ކޮބައިތޯ އަހައިފިނަމަ އެމީހުންނަކީ މިއަދު މިގައުމުގެ ވެރިކަން ފޭރިގަނެގެން މިތިބަ މަލްޢޫނުން ކަމުގައި ފަހެއްނެތި ބުނެވޭނެއެވެ.

ބާޣީންގެ ހަމައެކަނި ބޭނުމަކީ އެމީހުންގެ ވެރިކަން ރަސްދުކޮށް މަތުރައި ހިފެހެއްޓުމެވެ. އެނޫންކަމެއް އެމީހުންގެ ފިކުރަކު ނެތެވެ. މިކަމުގެ ނާޖާއިޒު ފައިދާ ނަގައި އެމީހުންނާއި ގުޅިފައިވާ މީހުންނުކުމެ މުޅިގައުމު މަސްތުވާ އެއްޗެތީގެ ހާއްޔަކަށް އަލުން ބަދަލުކޮށްލައިފިއެވެ. އެމްޑީޕީގެ ސަރުކާރުން މިގައުމުގައި ވާވަދެފައި ތިބި ޒުވާނުން މުޖުތަމައަށް ނެރުމަށް ހިންގާންފެށި ހުނަރު ޕުރޮގްރާމްއަކީ ކޮންފަދަ މަތިވެރި މަގުސަދެއްގައި ހިންގާންފެށި ކަމެއްކަން އަމުދުންނޭގިތިބި ޖާހިލުން މިއަދު އެގެންދަނީ ގައުމު ހަލާކުކުރަމުންނެވެ. ބަޣާވާތުގެ ސަބަބުން މުޅިގައުމު ދުވަހަކު ސިޔާސީ ގޮތުން ނުވެއްޓޭ ހިސާބަށް ވެއްޓިއްޖެއެވެ. އަރާރުމާ މާރާމާރީއާއި ގަތުލު، އާންމު ވެއްޖެއެވެ. އަންހެން ދަރީންގެ އިއްފަތް ތެރިކަން ފޭރިގަތުމަކީ ފެންބޮއެފައި ވައިލުން ކަމުގައި މިއަދު ވެއްޖެއެވެ. ކޮންމެ ދުވަހަކު ޅަދަރިޔަކުގެ އިއްފަތްތެރިކަން ފޭރިގަނެވޭ ވާހަކައާއި، ކޮންމެވެސް މީހެއްގެ ފުރާނަ ދުއްވާލިވާހަކަ އެއިވެނީއެވެ. ބިރެއް ސިހުމެއް އަމުދުން އެކަކުގެވެސް ނެތޭ ބުނާވަރަށް މިގައުމު ފަސާދަވެއްޖެއެވެ.

މުސްލިމުންނަކީ މުންކަރާތްތައް ނަހީކުރާ ފަޚުރުވެރި ބައެކެވެ. އަހަރެމެންނަކީ މުސްލިމުންނެވެ. އިސްލާމް ދީނަކީ ﷲގެ ދީނެވެ. ފިތުރަތުގެ ދީނެވެ. އިބުރާހީމްގެފާނާއި އެންމެހައި ނަބީބޭކަލުންގެ ދީނެވެ. މިދީން ފުރިހަމަ ކޮށްދެއްވީ އަހަރެމެންގެ ކައުނަބިއްޔާ މުޙަންމަދު ސޢވ އެވެ. އަހަރެމެންނަކީ ފިސާރި ކެރިތިބެ މިރިސާލަތު އިއްވުމުގައި އަށްސަތޭކަ އަހަރު ފާއިތުވި ކާބައިންގެ ދަރީންނީމުއެވެ. ވީއިރު ބާޢީންގެ ސަފުތަކުގެ ދަށުވެ ޗިސްޗިސް ވިޔަސް އަހަރެމެން ނުސިހޭނަމެވެ. މަތިވެރި ދީނުގެ ހައްގުގައި، މިލޮބުވެތި ވަތަން ދިފާޢުކޮށް މިބާޣީންގެ އަތުން އަހަރެމެންގެ ވެރިކަން އަހަރެމެން އަނބުރާ އަތުލާނަމެވެ. މިކަމުގައި އަހަރެމެންގެ ބޯތައް ކަނޑައި މޭތައް ފޫއަޅުވާލުމުގައި މިއަދުގެ ބާޣީ ސަރުކާރުން ކިތަންމެ ހިތްވަރެއް ކުރިނަމަވެސް އަހަރެމެން އެންމެ ފުކެއްވެސް ފަހަތަކަށް ނުޖެހޭނަމެވެ. އަހަރެމެންގެ ހަށިތައް ނެތިދިޔަސް އަހަރެމެންގެ މިއަޑު މިފަޒާގައި އަބަދުވެސް ގުގުމާނެއެވެ. ކޮންމެ ބާޣީއަކަށް މިއަޑު އިވޭނެއެވެ. އަހަރެމެންނަށްފަހު ތެދުވާނެ ކޮންމެ ދަރިޔަކަށް އަހަރެމެންގެ ފުށުން ހިތްވަރު ލިބޭނެއެވެ. އަހަރެމެންގެ ޒިކުރާ މިގައުމުގައި އާކުރާނެ ޖީލެއް ނޯންނާނެވަރަށް ފަނާކޮށްލެވޭހައި ބާރެއް ހަކަތައެއް، ހިތްވަރެއްވެސް ބާޣީންގެ ކިބަޔަކު ނެތެވެ. އެމީހުންގެ ކިބައިގައި ހަމައެކަނި ހުރިނަމަ ހުރީ އަނިޔާވެރިކަމާއި ދަހިވެތި ކަމެވެ. ނިފާގާއި ޣީރަތްތެރި ކަމެވެ. އެމީހުން ހަމަ މިކަން ނުދަންނަނީއެވެ.