މަދަނީބައެއް ޖަމިއްޔާތަކާ ޢަދާލަތު ޕާޓީގެ ފަރާތުން ބޭއްވި އެއްވުމަކީ ޓެރަރިޒަމަށް ހުޅުވާލިދޮރެއް

ފަހަލަސަޢީދު

ރާ ވިއްކާ މީހުންނާއި ހަށިވިއްކުމުގެ ވިޔަފާރި ހިންގާ މީހުނާއި، މުރުތައްދުވެފައި ތިބިމީހުންނާއި، ކާފަރުވެފައިވާ މީހުންނާއި، މިއުޒިކު ކުޅުންތެރިންނާއި، ދަންނަބޭކަލުން ގުޅިގެން ބާއްވާނީ ކޮންކަހަލަ މުޒާހަރާއެއްކަން ރައްޔިތުންނަކަށް ނުއޮޅެއެވެ.
މިރާއްޖޭގެ އަމަންއަމާންކަން ނަގާލައި، ހުރިހާ ދީންތަކަށް މިގައުމު ހުޅުވާލުމުގެ ވިސްނުމުގައި ދުރާލާ ރާވައިގެން މިރާއްޖޭގައި ތިބި ޙައްދުފަހަނަޅާފައިވާ ބަޔަކު ހިންގަން އުޅުނު ބަޣާވާތުގައި ބައިވެރިވި ގިނަމީހުންނަކީ އެއްވުމުގެ މަގުޞަދު އޮޅިގެން އެސަރަޙައްދަށް ދިޔަ މީހުންކަމަށް ވެއްޖެއެވެ.
އިސްލާމްދީން ޙިމާޔަތް ކުރަން ބަޔަކު ނުކުންނަންޏާ ނުކުންނަން ވާނީ އިސްލާމްދީން ނޫން އެހެންދީނަކަށް ސަރުކާރުން ގޮވާލާ ރައްޔިތުންނަށް މަޖުބޫރު ކުރާނަމައެވެ. މިރާއްޖޭގައި އޮތީ އިސްލާމް ދީނެވެ. ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީންކަން ގާނޫނުއަސާސީގައި ވަރަށް ޞަރީހަކޮށް އެވަނީ ބަޔާން ކުރެވިފައެވެ.
ގާނޫނީވެރިކަމެއް ކުރާ ގައުމެއްގައި ބަޔަކު މަގުތަކަށްނުކުމެ ސަރުކާރުން ޢަމަލުކުރަން ވާނީ އެވަނި ގޮތަކަށޭ ނުވަތަ އެހެން ގޮތަކަށޭ ބުނުމުގެ އެއްވެސް ޙައްގެއް މިރާއްޖޭގެ ރައްޔިތަކަށް ގާނޫނު އަސާސީއިން ލިބިދީފައި ނުވާއިރު ގާނޫނުއަސާސީ އާ ޚިލާފް ކަންތައްތަކެއް ތަންފީޒް ކުރުވުމަށް ސަރުކާރަށް މަޖުބޫރު ކުރެވޭނެ އެއްވެސް ދިވެއްސަކު ނުހުންނާނެއެވެ.
މައުމޫނަކީ ކުފުރު ވެފައިވާ މީހެއްކަމަށް ބުނި މީހުންނާ ހަސަންސަޢީދަކީ މުރުތައްދުވެފައިވާ މީހެއްކަމަށް ބުނި ދަންނަބޭކަލުންނާ މިޔުޒިކަކީ ޙަރާމްއެއްޗެއްކަމަށް ގަބޫލު ކުރާ ދަންނަބޭކަލުންނާ މިރާއްޖޭގައި އެންމެ ގިނަ ބަނގުރާވިއްކާ އަދި ހަށިވިއްކައިގެން ފައިސާ އެއްކުރާ އެކަކު ކުރިއަށްނެރެ އޭނާ ހޯދާފައިވާ އެ ނުސާފް ފައިސާ ބޭނުންކޮށްގެން އިސްލާމްދީން ޙިމާޔަތްކުރުމުގެ ނަމުގައި މިރާއްޖޭގައި ހިންގާން އުޅުނު ޓެރަރިޒަމްގެ ނުރައްކާތެރި ޖަރީމާގެ މައްސަލަ އިންޞާފްވެރިކަމާއެކު ބަލައި މިގައުމަށް ބަޣާވާތެއްގެންނަން ރޭވި އިސްފަރާތްތަށް ޝަރީޢަތުގެ ކުރިމަށްމަށްޗަށް ޙާޒިރުކުރުމަށް ގޮވާލަމެވެ.
ޝޭޚުންނަށް އަޅުގަނޑު ގޮވާލަނީ ތައުބާ ވުމަށެވެ. ތިޔަބޭފުޅުންނަކީ އިސްލާމްދީން ހިތުގެ އަޑިން ގަބޫލޫކުރާ ބަޔަކުނަމަ ތިޔަ ފިތުނަތަކުން ދުރަށް ވަޑައިގެން މިސަރުކާރުން ތިޔަބޭފުޅުންނަށް ދެއްވާފައިވާ ދީންފެތުރުމުގެ މިނިވަންކަން ހެޔޮގޮތުގައި ބޭނުންކުރައްވައިގެން ރައްޔިތުންނަށް އިސްލާމްދީނުގައި އޮޅުންއަރާކަންތަށް ތައް ކިޔައިދެއްވާ ރައްޔިތުން ހޭލުންތެރި ކޮށްދެއްވާށެވެ.
ސިޔާސީ ބޭނުންތަކަށް ރައްޔިތުން މަގުފުރެއްދުމަކީ އިސްލާމީ މަތިވެރި އަޚުލާގުގެ ސިފައެއްނޫނެވެ. މިރާއްޖޭގައި އިސްލާމްދީން ގާއިމުވެފައިވަނީ މީގެ 800 އަހަރުގެ ކުރިން ކަމަށް ވާއިރު ތާރީޚު ހެކިދެނީ ވެރިކަން ކުރަން ބޭނުންވާ ކޮންމެބަޔަކުވެސް ދީން އައްޑަނައަކަށް ނަގާފައިވާކަމަށެވެ. ދީނެއްނެތޭ ދީނެއްނެތޭ ގުޅަކުޅޭފަސް ގަނޑަށް ދާށޭ ގޮވަމުން ގޮސްފައިވަނީ ރައްޔިތުންނަށް އޮޅުވާލައިގެން ކަމީ ތާރީޚުން ފެންނާން ހުރި ޙަގީގަތް ތަކެވެ.
ލޮބުވެތި ރައްޔިތުންނޭ! ހޭއަރައި ތިބޭށެވެ. މިރާއްޖެއަށް މަސްތުވާތަކެތި ތަޢާރުފު ކުރި ނުލަފާ މީހުން ގުޅިގެން މިރާއްޖެ އެހެންދީންތަކަށް ހުޅުވާލުމުގެ ފިކުރީ ހަނގުރާމަ އެވަނީ ސުނާމީ ބިނާސަރަޙައްދުގައި ފަށާފައެވެ. މިރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ހިންގުމުގެ ހުއަދަ ޢާންމުކޮށް އެތަށްހާސް ރައްޔިތުން އެވިޔަފާރީގެ މައްޗަށް ބަރޯސާކުރުވި ނުލަފާ ކާހިނު ކަލޭގެއާ ބައިޢަތު ހިފައި އޭނާގެ ޚިޠާބުތަކަށް ބޯލަނބާ ރައްޔިތުންނަށް އެޚިޠާބު އިއްވައިދެމުން އެދަނީ އޭނާއަކީ ކާފަރެއްކަމަށް އަޑުފެތުރި މީނުންނެވެ.
ވެރިކަމަކީ ﷲ ދެއްވާ އެއްޗަކަށް ވީއިރު އަދި މިރާއްޖޭގައި ވެރިކަން ކުރަންބޭނުންވާ ކޮންމެމީހަކަށް ކޮންމެ ފަސްއަހަރުން
އެއްފަހަރު ވެރިކަމަށް ކުރިމަތިލުމުގެ މިނިވަންކަން ލިބިދީފައިވާއިރު ﷲ ގެމަގު ދޫކޮށް އެހެންމަގަކުން ވެރިކަން ހޯދަން ކުރާމަސައްކަތުގައި ﷲ ބަރަކާތް ލައްވާނޭކަމަށް ގަބޫލެއްނުކުރެވެއެވެ. އަދި އެފަދަ މަގަކުން ވެރިކަން ހޯދުމަށް ކުރާ ދުޢާ ވެސް ހުއްދައެއްނުވާނެއެވެ. އިސްލާމް ދީނަކީ ﷲ ޙިމާޔަތް ކުރައްވާފައިވާ ދީނެކެވެ.
ސަރުކާރުން ކުރަންޖެހޭކަމަކީ ރައްޔިތުންނަށް އިސްލާމްދީނަށް އުޅެވޭނެ އެންމެހައި މަގުތަށް ކޮށާ ސާފްކޮށް ދިނުމެވެ.
ސަރުކާރުން އެވަނީ ރައްޔިތުންނަށް ދީނީނަޞޭހަތް ދިނުމުގެ ފުރިހަމަ މިނިވަންކަން މިރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް ހުޅުވާދީފައެވެ. މިސަރުކާރުން ޝިރުކަށް ގޮވާލާފައެއް ނެތެވެ. ރައްޔިތުންނަށް ދީނީ މިނިވަންކަން ދިނީވެސް މިސަރުކާރަކުން ނޫނެވެ. މިސަރުކާރު މިނިވަންކަން ދިނީ ދީނީނަޞޭހަތް ދިނުމަށެވެ. ދަންނަބޭކަލުން މިނިވަން ކޮށް ރައްޔިތުން ހޭލުންތެރިކުރުވުމަށް މިއަށްވުރެ ބޮޑަށް ޢިލްމުވެރިންނަށް ފުރުޞަތު ދިން އެހެން ސަރުކާރެއް މިރާއްޖޭގައި ތާރީޚުންވެސް ފެންނާން ނެތް ހިނދު މިސަރުކާރު ވައްޓާލަން ޢިލްމުވެރިން ނުކުތުމުން އެބޭފުޅުންގެ އިޚްލާޞްތެރިކަމާ މެދު ސުވާލު އުފެދެއެވެ.
ސޫރަވިއްކާ މީހުންނާއި، އުނގުރު ބިންދާ އަނިޔާވެރިންނާއި، ބޮޑެތިވަގުންނާއި، ކުފުރުވެފައިވާކަމަށް ތިމާމެން ބަސްބުނި މީހާއާއި، ހަމަ އެމަގުން ކުފުރުވެފައިވާ ކަމަށް ބުނި މީހާ އާއި، ﷲ މިއުއްމަތަށް ޙަރާމްކުރައްވާފައިވާ ބަނގުރަލާއި، އޫރުމަސް ވިއްކާ އަދި ހަށިވިއްކުމުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ހިންގާ މީހާވެސް ޝާމިލްކޮށްގެން އެ ޙަރާމް ފައިސާގައި ކުރާ އެއްވެސް ކަމެއް ﷲ ހުއްދަކުރައްވާނޭ އެއްވެސް ގޮތެއް އެއްވެއްސް މީހަކަށް ނުދެއްކޭނެއެވެ.
ޕާކިސްތާނުގައި ޙަރަކާތްތެރިވާ ޓެރަރިސްޓު ޖަމާޢަތާ ގުޅިފައިވާ ބައެއްގެ ބޯކާލައިގެން މިރާއްޖޭގެ ވެރިކަމާ ތޮޅި މިގައުމު އަޅުވެތި ކުރަން ކިތަންމެވަރަކަށް އުޅުނުކަމުގައި ވިޔަސް މިހާރަކު އެގޮތަކަށް ވެރިކަން ވައްޓައެއްނުލެވޭނެއެވެ. ޒަމާން މިވަނީ ބަދަލުވެ އިންސާނީ ވިސްނުން ތަރައްގީވެ ޓެކޮނޯލޮޖީގެޒަމާން މުޅިދުނިޔެއަށް އައިސްފައެވެ. ގުޅަކުޅޭ ފަސްގަނޑުން ވެރިކަން ބަދަލު ކުރެވުނު ޒަމާން މާޒީގެ ތެރެއަށް އޮބާލައިފިއެވެ. ދިވެހިން އެންމެ ލޯބިވަނީ އިސްލާމްދީނަށް ކަން އެނގި އެކަމުގެ ނާޖާއިޒް ފައިދާ ނަގަމުންއައި ދިގު ތާރީޚު ވެސް މާޒީގެ ތެރެއަށް އެވަނީ ހިޖާބުވެގޮސްފައެވެ.
ތަޢުލީމީ ގޮތުންނާ ބުއްދީގެ ގޮތުންނާ ސިޔާސީގޮތުން އާވިސްނުންތަކާ އާ ޓެކްނޯލޮޖީ ގެ ގޮތުން އިންސާނުން މިއަދު މިވަނީ ވަރަށް ބޮޑުތަން ކުރިއަރާ ގޮސްފައެވެ. ސައްބައްދަ ކެނޑިފައިވާ މުސްކުޅި އަނިޔާވެރިޔަކު ރާވާ ފިރުޢައުނީ ފަލްސަފާއެއް ގެމައްޗަށް މިރާއްޖޭގެ ވެރިކަން މިހާރަކު ނުވެއްޓޭނެއެވެ. އިޚުލާޞްތެރިކަން ހުރިބަޔަކު ނަމަ ސަރުކާރުން ދިން ދައުވަތުގަބޫލު ކޮށް މިރާއްޖޭގައި އިސްލާމްދީނާއި ޚިލާފަށް ކުރެވޭ ކަންކަމަކީ ކޮބައިކަން ރައްޔިތުންގެ ކުރިމަތީގައި ހާމަކޮށް ރަނގަޅުގޮތް ރައްޔިތުންނަށް ބުނެދޭނެއެވެ.
ކޮންމެޔަކަސް ދީނުގެ ނަމުގައި އެހިންގި ޢަމަލަކީ އިސްލާމްދީނާއި، ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ޚިލާފް ޢަމަލެކެވެ.
މިކަން އިންޞާފްގެ މަގުން ނުބަލާ މިފަދަ އިތުރު ފުރުޞަތުތައް އެފަދަ ފަރާތްކަށް ދޫކޮށްފިނަމަ މިގައުމުގައި ދެންއޮހޮރިގެން ދާނީ ދިވެހިންގެ ލެއެވެ. މިއީ ހިނިގަނޑަކުން ނިންމާލެވޭވަރަށްވުރެ ބޮޑުކަމެކެވެ.