އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ފަރާތުން 2013 އަށް ކުރާ ދަތުރަށް ތައްޔާރު – ޝިޔާމާ

އިބްރާހީމް ރާމިޒް

އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ފަރާތުން 2013 އަށް ކުރާ ދަތުރަށް މިހާރު ތައްޔާރު ކަމަށާއި އެހެން ނަމަވެސް ދަތުރަށް ފެށޭނީ ފަޅުވެރިން ހަމަކޮށްގެން ކަމަށް އެ ރޫޙްގެ ރައީސާ ޝިޔާމާ އަހުމަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ސެކްރެޓޭރިއަޓްގައި އަންހެނުންގެ ރޫޙްގެ ހިންގާ ކޮމިޓީ އެކުލަވާލުމާ ބެހޭ ގޮތުން މިއަދު ބޭއްވި ބައްދަލުވުމެއްގައި ޝިޔާމާ ވިދާޅުވީ “އަންހެނުންގެ ދޯންޏަށް” ފަޅުވެރިން ހޯދުމަށް 2 ބާވަތުގެ އިންތިޚާބު ބާއްވަން ޖެހޭ ކަމަށާއި، އެއީ ދާއިރާގެ އަންހެނުންގެ ކޮމިޓީގެ އިންތިޚާބާއި، އެމްޑީޕީގެ ރަށު ރައީސާ ކަމުގެ އިންތިޚާބު ކަމަށެވެ.
އެގޮތުން ރާއްޖޭގެ އިންތިޚާބީ 77 ދާއިރާގެ ތެރެއިން ކޮންމެ ދާއިރާއަކުން 5 މެންބަރުންގެ އަންހެނުންގެ ކޮމިޓީއެއް ހޮވާނޭ ކަމަށާއި، މި ކޮމިޓީގައި ރައީސާ އަކާއި، ނައިބު ރައީސާ އަކާއި، ޚަޒާންދާރަކާއި، ސެކްެރެޓަރީ އަކާއި، ސެކްރެޓަރީގެ ނައިބެއް ހުންނަވާނޭ ކަމަށެވެ.މީގެ އިތުރުން ރަށްރަށުގައި ތިއްބެވި އެމްޑީޕީގެ އަންހެން މެންބަރުންގެ ދައުރު ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ މީހުން ދިރިެުޅޭ ކޮންމެ ރަށަކުން އެމްޑީޕީ ރަށު ރައިސާ އަކު ހޮވަން ޖެހޭ ކަމަށް ޝިޔާމާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ޝިޔާމާގެ އިތުރުން އެމްޑީޕީގެ ރައީސް ޑރ.އިބްރާހީމް ދީދީ އާއި، އެޕާޓީގެ ޗެއަރޕާސަން ނައިބު އިދާރީ މުޙަންމަދު އިމްތިޔާޒް އާއި އެމްޑީޕީ އަންހެނުންގެ ރޫޙްގެ ނައިބު ރައީސާ ޚަދީޖާ އަބޫބަކުރު (އާނިޔަތު) ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ،