އެމްޑީޕީގެ ގޮފި ހިންގާ ގަވާއިދު އިސްލާޙްކޮށް ދާއިރާ އަދި ޕްރޮވިންސް ގަވައިދު އެކުލަވާލުމުގެ މަސައްކަތް އެޕާޓީން ފަށައިފި

އިބްރާހީމް ރާމިޒް

އެމްޑީޕީގެ ގޮފި ހިންގުމަށް މިހާރު އަމަލުކުރަމުންދާ ގަވައިދު އިސްލާޙްކޮށް، އެ ޕާޓީ ހިންގުމުގެ އޮނިގަނޑުގައި އަލަށް ހިމަނާފައިވާ ދާއިރާތަކާއި، ޕްރޮވިންސްތައް ހިންގުމުގެ ގަވައިދު އެކުލަވާލުމުގެ މަސައްކަތް އެޕާޓީން ފަށައިފިއެވެ.
މިކަމަށްޓަކައި މިއަދު އެމްޑީޕީ ސެކްރެޓޭރިއަޓްގައި އެމްޑީޕީގެ ގަވައިދު ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި، 5 ޑްރާފްޓެއް ތައްޔާރުކޮށްފައިވާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ނައިބު އިދާރީ މުޙަންމަދު އިމްތިޔާޒް (އިންތި) ވިދާޅުވިއެވެ.
އިންތި އިތުރަށް ވިދާޅުވީ މި ޑްރާފްޓްތައް ދާއިރާ ރައީސުންނަށް ހުށަހެޅުމަށްފަހު ދާއިރާ ރައީސުން މި ޑްރާފްޓްތަކަށް ހުށަހަޅުއްވާ އިސްލާޙްތަކާ އެކު އެމްޑީޕީގެ އެންމެ އިސް ގުނަން ކަމަށްވާ ގައުމީ މަޖިލީހަށް ހުށަހަޅުއްވާނޭ ކަމަށެވެ. އަދި މިގަވައިދު ފާސްކުރާނީ ގައުމީ މަޖިލީހުން ކަމަށް އިންތި ވިދާޅުވިއެވެ.
މި ގަވައިދުތައް ޑްރާފްޓްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ އެކަމަށްޓަކައި ނަގާފައިވާ ކުޑަ ކޮމިޓީއަކުން ކަމަށާއި، އެ ކޮމިޓީގައި ތިއްބަވަނީ އެމްޑީޕީ މާމިގިލި ދާއިރާގެ ރައީސް އިބްރާހީމް ރަޝީދު އާއި، ވިލިމާފަންނު ދާއިރާގެ ރައީސް އަރުހަމް ޙުސައިން އާއި، ވައިކަރަދޫ ދާއިރާގެ ރައީސް އަޙުމަދު ހާޝިމް އާއި، ފުނަދޫ ދާއިރާގެ ރައީސް މުޙައްމަދު ޝާހިދުގެ އިތުރުން މާފަންނު އުތުރު ދާއިރާގެ ނައިބު ރައީސް އުސާމަތު އައްބާސް އެވެ.