ފުނަމާ
ލޯކަލް ކައުންސިލް އިންތިޚާބު ނިމި ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުން ތަޢާރަފް ކުރެއްވި ލީޑަރެއްގެ ލަޤަބު މިއަދުގެ ރައީސް ނަޝީދުއަށް ކަށަވަރުވެ ތާރީޚްގައި ރަންއަކުރުން ލިޔެވިގެން މިދިޔައީއެވެ. މިއަކީ އެހެން މީހަކަށް ދެން ކިތަންމެ ބޭނުމަސް ލިބޭނޭ ޝަރަފެއް ނޫނެވެ.
މިފަހަކަށް އައިސް ދިވެހީން ރާއްޖެއަށް މިގެންނަންފަށާ ކޮންމެ ބަދަލަކީ ދިވެހީންނަށް ކިތަންމެ އާބަދަލުތަކެއް ކަމުގައި ވިޔަސް މިބާވަތުގެ ކަންކަމަކީ ދުނިޔޭގެ ނިސްބަތުގައި އާބަދަލުތަކެއް ނޫނެވެ. ނަމަވެސް ދިވެހީންނަށް 21 ވަނަ ޤަރުނުގެ އަލިވިލުނު އިރުވެސް މިތިބެވުނީ މާބޮޑުތަނުން ފަހަތުގައެވެ. ވެރިކަން ކުރުމުގެ ސަޤާފަތުގައި އެކުވެ ލާމެހިފައިވާ ޣައިރު ޒިންމާދާރު ކަމާއި އަމިއްލަ އެދުމާ އަނިޔާވެރިކަމުގެ ސަބަބުން ދިވެހީން މިދެކެމުން ދިޔައީ 18 ވަނަ ޤަރުނުގެ ކުލަނޫން ފިލްމެއް ކަމުގައި ދަންނަވަން ޖެހެއެވެ.
ރައީސް ނަޝީދުގެ ނަންފުޅު ދިވެހި ތާރީޚްގެ ތެރެއަށް ވަދެގެން މިއައީ 2008 ގެ ރިޔާސީ އިންތިޚާބް އަށް ފަހުގައެއް ނޫނެވެ. ރާއްޖޭގެ ސަރުކާރު ހިންގުމުގެ ބޯދާ ވައްޓަފާޅި އާއި އަމިއްލަ އެދުމުން ފުރިގެން ކަންހިންގަމުން އައި ވެރީންނާއި އިދިކޮޅަށް ސާބިތު ކަމާއިއެކު އެންމެ ފުރަތަމަ ކެރިގެން ހިންދަމާލައި ތެދުވެންނެވި ލީޑަރަކީ ކާކުތޯ ސުވާލު ކޮށްލައިފިނަމަ ދަންނަވަން ޖެހެނީ އެއީ ގ ކެނެރީގޭ މުޙައްމަދު ނަޝީދު ކަމުގައެވެ. އުނދަގުލާއި ތުރާލާއި އެކު ވެލެއްވި އެތަކެއް ޤުރުބާން ތަކަކަށްފަހު މިއަދު ރައީސް ނަޝީދު އެހުންނެވީ ﷲގެ މިންވަރުފުޅުން މިޤައުމައިގެން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ސަފަށް ދަތުރު ކުރައްވާ މާލިމީއެއްގެ ގޮތުގައެވެ. ” ފޭލިއަރުން” ކިތަންމެ ތުންފިއްތިޔަސް މިޙަޤީޤަތް ބަދަލެއް ނުކުރެވޭނެއެވެ.
މިހިނދުގައި ކުރެވޭ ސުވާލަކީ ރާއްޖެއަށް މިގެންނަ ބަދަލުތަކަކީ އެންމެ އެކަށޭނަ ބަދަލުތައް ހެއްޔެވެ؟ މަލްޓިޕާޓީ ޑިމޮކްރަސީ އާއި މިނޫންވެސް ކަންކަމަކީ މިރާއްޖެއަށް އެންމެ ގުޅޭ ކަންކަން ހެއްޔެވެ؟ ލާމަރުކަޒީ އުސޫލުން ރާއްޖެ އަމާން އޮމާންކޮށް ހިންގައި ކާމިޔާބު ކުރެވިދާނެ ހެއްޔެވެ؟
ޑިމޮކްރެޓިކް ވެއްޓަކަށް ރާއްޖެ ފުރޮޅުނު ހިސާބުން މިފެންނަ ކުލަވަރުތަކަކީ ދިވެހީންގެ ބަޔަކަށް އަދި މާކަ ހިތްގައިމު މަންޒަރުތަކެއް ނޫނޭ ދެންނެވިދާނެއެވެ. ދެކޮޅުހެދުމާއި އަރާރުން ވުމުގައި ސަރުކާރާ އިދިކޮޅު ފަރާތްތަކާ ދެމެދު ހިނގަމުންދާ ހަނގުރާމަ ދިވެހީންނަކަށް ކަމަކު ނުދެއެވެ. ކޮންމެ ދުވަހަކަށް އިރުއެރީއްސުރެ ، އިރުއޮއްސުނީއްސުރެ އިރުއަރާންދެކަށް ސަރުކާރު ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން އެކުރާ މަސައްކަތް ގައިމުވެސް ގިނަ ބަޔަކަށް ކަމަކު ނުދެއެވެ. މިކުޅިގަނޑު އެންމެ ފާޅުކޮށް ކުޅެނީ އިދިކޮޅު މީހުންގެ ބާރުގެ ދަށުގައި އެއޮތް މަޖްލީހުގައެވެ. އަނެއްކާ މިކަން މިހެން އޮއްވައި ލޯކަލް ކައުންސިލްގެ ގިނަ ގޮނޑިތަކެއް އިދިކޮޅު ފަރަތްތަކުން ބުނެވޭ ގޮތުގައި” ހޫނުކުރާން” ފަށަނީއެވެ.
ސަރުކާރު ވައްޓާލުމަށް ނަމުގައި ހިއްވަރު ދީގެން ގޮނޑިތަކަށް ގެނައި ކައުންސިލް މެންބަރުން މިއަދުތިބީ ވީނުވީއެއް ނޭނގިފައެވެ. ސަރުކާރު އޮތީ ޕޮޕިއުލަރ ވޯޓުން ކުރިހޯދައިގެން ފިސާރި ސާބިތު ކަމާއެކުގައެވެ. ތިންހާސް މީހުންނަށް ދިހަމީހުން ހަމަނުވާ ރައްރަށަށާއި ތިންސަތޭކަ ހަމަނުވާ ރައްރަށަށްވެސް ފަސް ކައުންސިލަރުން ހޮވި ގޮނޑީގެ އަދަދުން ތިމަންމެނަށް ކާމިޔާބު ވެއްޖެކަމުގައި އިދިކޮޅު ފަރާތްތަކުން ބުނެ ގޮވާނަގާއިރު ފަސްގޮނޑީގެ ދެރަށުގެ އާބާދީއާ ދެން އަތޮޅުގައި އޮތް ދިހަރަށުގެ އާބާދީއާ ނުބައްދަލު ކިތަންމެ ގޮނޑިއެއް ވެރިކަންކުރާ ޕާޓީއަށް ލިބިފައި ވާއިރު ރާއްޖޭގެ އާބާދީގެ އެންމެ ބޮޑު ހިއްސާއެއްއޮތް މާލެއާއި އައްޑޫ ސިޓީ އެއޮތީ ސަރުކާރު ހިންގާ ޕާޓީގެ ބާރުގެ ދަށުގައެވެ. އަދި ޤާނޫނީ ހަމަތަކުން ބަލާއިރު އިދިކޮޅު ފަރާތްތަކަށް އަޣުލަބިއްޔަތު ލިބުނު ކޮންމެ ރަށެއް އަދި ކޮންމެ ދާއިރާއަކީވެސް މައިސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި އޮންނާނޭ ތަންތަނެވެ. އެހެން ކަމުން އެބުނާ އެއްކަމަކުންވެސް ސަރުކާރަކަށް ހާސްކަމެއް ނެތެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުގެ ނޭއްގާނިކަން ކުރިޔައް ނެރެފިނަމަ އެރަށެއްގެ ރައްޔިތުންނަށް ނިކަމެތިކަން ލިބޭނެ ރަށްތަކެއް ހުރެދާނެއެވެ. އެހެންކަމުން ދަންނަވަން ޖެހެނީ މިބަދަލުތައް މިއޮތީ ގެނެވިފައެވެ. ވަޅެއްކޮނެ ވަޅުފައްތައި ދެތިންފަހަރަކު ދިޔަހިއްކާލައިގެން މެނުވީ ވަޅުގެ ފެންގަނޑު ސާފުނުވާނޭ ބީދައިން އާކަންކަމުން ބައެއްފަހަރު އެންމެ ފުރަތަމަ ހިތްއެދޭހާ ކަމެއް ހާސިލް ނުވެދާނެއެވެ. ނަމަވެސް އާއިންޖީނެއް ވުޖޫދައްގެނެސް ހިންގަން ފަށާއިރު ހުންނަ ކުދިކުދި މައްސަލަތައް މަޑުމަޑުން ރަނގަޅުކުރާން އެއިންޖީނު އުފެއްދި ބަޔަކަށް އެނގޭނެއެވެ.
ކޮންމެއަކަސް ރައީސް ނަޝީދުގެ ތަސައްވުރު މިދަނީ ދިވެހީން ޤަބޫލުކުރަމުން ސަރުކާރަށް އެއްދުވަހުން އަނެއްދުވަހަށް ތާއީދު އިތުރުވަމުންކަން ގައިމެވެ. މިޙަޤީޤަތައް ފަސް އަޅާނެ ޖާގައެއް ނެތެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރުންގެ ތެރޭގައިވެސް ކޯޅުންގަނޑު ބޮޑުވެ ހައިޖާނުވެ އެކަކު އަނެކެއްގެ ލެޔައް ފެންބޮވާފައިވާއިރު ނިސްބަތްވާ އަތޮޅުންވެސް ފޭލިވެފައިވާ ބަޔަކާ ކޯލިޝަންއެއް ހެދުމަކީ “މިލަމޫނެއްގައި ފުށްޖެހުން ކަހަލަ ” ކަމެކެވެ. އެއަކީ ވެރިކަން ކުރާ ޕާޓީއަށް ބައިޑަރުވެސް އޮތްކަމެއް ނޫނެވެ.
މިހާރު މާލޭގެ މޭޔަރ ކަމަށް ދެންހަމަ ފަހުފިޔަވަޅު އަޅުއްވާން ކަމަރު ބަންނަވައިގެން އެހުންނެވި ސަރަނގު އާދަމްމަނިކުގެ ކެމްޕެއިން ޖަގަހަ ހުޅުއްވައި ދެއްވިރޭގައި ރައީސް ނަޝީދު ނުހަނު އާދޭހާއިއެކު މައުމޫނުގެ ކިބައިން މިސިޔާސީވެށި ކިލަނބު ކުރުމަށް މިތަނަށް ނާންނާށޭ ނުކުމެދާނެ ނަތީޖާއަކަށް ބައްލަވައި ވިދާޅުވި ވިދާޅުވުން ދުނިޔެއަށް ނުފެތޭފަދަ ޖަރީމާއަކަށް އިދިކޮޅުމީހުންނާއި ރާއްޖޭގެ ބައެއް މީޑިޔާއިން ހަދައި ހަންފެތުރިކަން ހަނދުމަފުޅު އެބަހުރި ދޮގެއްތޯއެވެ؟ އެލީކުވި އޯޑިޔޯއިން އެބުނެވިދިޔަ ގޮތައް ކަންހިނގިނަމަ ޒިންމާ އުފުލާނީ ކާކުބާއެވެ. އެހެންކަމުން މައުމޫނަށް އިޚްލާސްތެރީ ކޮންބައެއްކަންވެސް އަދި ޑީއާރުޕީއަށް އިޚްލާސްތެރީ ކޮންބައެއްކަންވެސް މިއަދު ދިވެހީންނަށް މިއޮތީ ފެންނާށެވެ.
ދިވެހީން މިހިނދައް ނިންމާންވީ ނިންމުން މިއޮތީ ނިންމާފައެވެ. މިނިންމުމުގެ ނަތީޖާ ފެނިގެންދާނީ އަދި ދުވަސްކޮޅެއް ފަހުންނެވެ.