Maldivian Democratic Party » އިޚްލާސްތެރިކަމާއެކީގައި ރައްޔިތުންނަށް ޚިދުމަތްކުރުން ނޫން ގޮތަކަށް މިސަރުކާރަކު ޖާގައެއް ނޯންނާނެ – ރައީސް ނަޝީދު

Thursday, February 18, 2010

އިޚްލާސްތެރިކަމާއެކީގައި ރައްޔިތުންނަށް ޚިދުމަތްކުރުން ނޫން ގޮތަކަށް މިސަރުކާރަކު ޖާގައެއް ނޯންނާނެ – ރައީސް ނަޝީދު

18 ފެބްރުއަރީ 2010

a-tifisal-17-02-10-30

މިސަރުކާރުގައި ތިބެ ނާޖާއިޒް ފައިދާނަގައި، ނޭދެވޭ އެއްވެސް އަމަލެއް ހިންގައިފިނަމަ އެބަޔަކަށް ހައްގު އަދަބުދެއްވާނޭ ކަމަށާއި، އިޚްލާސްތެރިކަމާއެކީ ރައްޔިތުންނަށް ޚިދުމަތްކުރުން ނޫންގޮތަކަށް މިސަރުކާރުގައި ޖާގައެއް ނޯންނާނޭ ކަމުގައި ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބޯކޮށް ވެހެމުންދިޔަ ވާރޭގައި އެމްޑީޕީން ބުދަ ދުވަހުގެރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ވާރެޔާތެމިވަޑައިގެން ހުންނަވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ” އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް ޔަގީންކޮށް އަރުވަން ބޭނުންވަނީ އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިރާއްޖޭގެ ޚަޒާނާގެ ލޯލާރިއެއްގައިވެސް ނުޖެހޭނަމޭ. މިސަރުކާރުން ނާޖާއިޒް ފައިދާއެއް، ނޭދެވޭ އެއްވެސް އަމަލެއް ހިންގައިފިނަމަ އެކަމެއް ހިންގި ބަޔަކަށް ވަގުތުން ހައްގު އަދަބުދެވޭނެޔޭ. ”
ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން ހެޔޮވެރިކަމެއްކޮށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަވައިދެއްވާނޭ ކަމުގައެވެ. އަދި ސަރުކާރުގެ މައިގަނޑު 5 ވައުދު މިހާތަނަށް ފުއްދިފައިވާ މިންވަރުގެ މައްޗަށް ވެސް ރައީސްގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ. އެގޮތުން މަސްތުވާތަކެއްޗަށް ހުޅުވު ދޮރުތައް ބަންދުވަމުންދާ ކަމަށާއި، ބޭސް ސިޓީއަށް ސަލާންޖެހުން ކުޑަވަމުން ދިއުމުގެ އިތުރުން ރާއްޖޭގެ ރަށްތައް ދަތުރުފަތުރުން ގުޅާލުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ބޯހިޔާވަހިކަމާއި، ދިރިއުޅުމުގެ އަގުތައް ތިރިކުރުމުގެ ވައުދުވެސް ފުއްދަވައިދެއްވާނޭ ކަމުގައި ރައީސް ވިދާޅުވިއެވެ.
” އަޅުގަނޑު ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަށް ވެސް އަދި ޕާޓީގެ ޗެއާޕާސަނަށް ވެސް ޔަގީންކޮށް އަރުވަން ބޭނުންވަނީ އަޅުގަނޑުމެންނެއް އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ހައްގުތަކަށް އަރައިނުގަންނާނަމޭ. އަޅުގަނދުމެން ހެޔޮގޮތުގައި ވެރިކަންކޮށްދީ، ވެފައިވާ ވައުދުތައް ފުއްދައިދޭނަމޭ.” ރައީސް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ފޭދު ދާއިރާގެ މެންބަރު އަލްހާން ފަހުމީ އާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާއާއި ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި އިއްޒަތްތެރިއެއްގެ މަގާމުގައި މިހާރު ހުންނެވި އަހުމަދު ޢަބްދުﷲގެ އިތުރުން އެމްޑީޕީގެ އިސް ސަފުގައި ކުރިން ހަރަކާތްތެރިވި ބޭފުޅެއް ކަމުގައިވާ މިހާރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވެސް އެމްޑީޕީއާ ގުޅިވަޑައިގަތެވެ. އަދި މީގެ އިތުރުން ގިނައަދަދެއްގެ ޢާންމު މެންބަރުންވެސް ރޭގެ ޖަލްސާގައި އެމްޑީޕީއަށް ފޯމުފުރާފައިވެއެވެ.

5 Comments »

  1. ޙަގީގަތުގައި ދެއަކަކިލޯ މީޓަރު ހަމަނުވާ މާލެއަށް ރާއްޖޭގެ އެތައްބަޔަކު ހިޖުރަކުރަން ޖެހުމުގެ ސަބަބުން، ދިވެހި އެތައް ޢާއިލާއެއްގެ އިއްޒަތާއި ގަދަރު ޙަރާބުވެ ބޮޑު ވެގެންވާ އިޖުތިމާޢީ ހުސްކަމެއްގެ ތެރެއަށް ގައުމު ވެއްޓި ރާއްޖޭގެ އުތުރާއި ދެކުނުފަޅުވެ ގިނަ އައިލާތަކުގެ މެދުގައި ފަގީރުކަން އާއްމުވުމުގެ ސަބަބުން އާއިލީ ލޯބި ގެއްލި މުޅި މުޖުތަމަޢު އަޙުލާގީ ގޮތުން ޚަރާބުވުން އަޅުގަނޑު ސިފަކުރަނީ، އުއްމަތުގެ ބޮޑުބައެއްގެ މައްޗަށް ކުރީގެ ސަރުކާރުން ހިންގި ބޮޑު ޖަރީމާއެއް ކަމުގައެވެ. ދިވެހިދައުލަތުގެ މަތިވެރި އަމާނާތް ރައްޔިތުންގެ މައްޗަށް އަދާ ކުރުމުގައި ގައުމުގެ ސިޔާސަތު ރާވާ ހިންގެވި ވެރިންގެ ދޯދިޔާ ވިސްނުމުގެ ސަބަބުން އުއްމަތުގެ މައްޗަށް ލިބުނު ކެހިވެރިކަމަކީ، އެކަމުގެ ހިތިކަން ދިގު ތާރީޚަކަށް ދެމިގެން ދާނެކަމަކަށް ވީހިނދު، މިއީ މަޢާފު ކުރެވޭނެ ކަމެއް ހެއްޔެވެ؟
    އެހެންކަމުން މިއަދު ދިވެހި ދައުލަތުގެ މަތިވެރި އަމާނާތް އަދާ ކުރުމުގެ ގާނޫނީ ވާޖިބު އަދާކުރަން އޮތް އެމްޑީޕީ އިއްތިހާދީ ސަރުކާރުގެ އެންމެ އިސްވާޖިބަކީ، އިޖުތިމާޢީ އަދާލަތު ގާއިމުކުރުމުގައި މިގައުމު ވެއްޓިފައިވާ ފުންވަޅު ގަނޑުން ސަލާމަށްކޮށް، ކުޑަސިޓީ ހެދުންފަދަ ޖާހިލު ވިސްނުމާއި އެފަދަ ސިޔާސަތުން ދުރުވެ އަލުން މިގައުމު އާރާސްތު ކުރެވޭތޯ ރަނގަޅު ސިޔާސަތުރާވާ ހިންގުމެވެ. ލާމަރުކަޒީ އުސޫލުތަކުގެ މައްޗަށް ދިވެހި ދައުލަތް ހިންގުމެވެ. ހަގީގަތުގައި ރާއްޖެއަކީ ކުޑަ ގައުމެއް ނޫނެވެ. ތިލަދުންމަތީ ތުރާކުނުން އައްޑޫގެ ނިޔަލަށް 95000 އަކަކިލޯ މީޓަރު އެބަހުއްޓެވެ. ރާއްޖޭގެ ބޮޑުބަޔަކީ، ކަނޑު ކަމަށްވާއިރު، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ޟަރޫރީ ކަންކަމާއި ވަޒީފާ އަދާކުރުމާއި، ވަޒީފާ ލިބިގަތުމާއި ތަޢުލީމު ލިބިގަތުމާއި ސިއްޙީ ޚިދުމަށް ލިބިގަތުމީ ޒަމާންގެނުވި ތަހުޒީބު ބަދަލުތަކުގެ ތެރެއިން ދިވެހި ރައްޔިތުންގެ މައްޗަށް އުނިވެފައި އޮތް އަސާސީ ހައްގުތަކެވެ. ގައުމެއްގައި ސަރުކާރެއް ދެމިއޮތުމުގެ ބޭނުމަކީ، ރައްޔިތުންގެ މައްޗަށް ދައުލަތުގެ މަތިވެރި އަމާނާތް އަދާކުރުމާއެކު، ރައްޔިތުންނަށް ޚިދުމަތްކުރުމެވެ.
    ހަގީގަތުގައި ދިވެހިރައްޔިތުންގެ ހަމަޖެހުމާއި މިގައުމުގެ މުސްތަގުބަލް ބިނާވެގެން ވަނީ، އާބާދީ އެއްފަސް ކުރުމާއިއެކު، މިގައުމުގެ ވެރިކަން ލާމަރުކަޒީ އުސޫލުން ހިންގައި ދިވެހިދައުލަތުގެ މަތިވެރި އަމާނާތް އާއްމުކޮށް ރާއްޖޭގެ އެންމެހާ ރައްޔިތުންގެ މައްޗަށް ފުރިހަމައަށް އަދާ ކުރެވި ގެންނެވެ. އަދުގެ ސަރުކާރުން މިފަދަ ލާމަސީލު ސިޔާސަތެއްގެ މައްޗަށް ދިވެހިދައުލަތް ހިންގުމުގެ ތައްޔާރީތައް ވަމުންދާއިރު، މުޅިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ފަހިވެގެންދާނެ މިފަދަ ހަރުދަނާ ސިޔާސަތު ތަކާއިމެދު ވިސްނުމެއް ނެތި އިދިކޮޅަށް ފާޑުކިޔުމީ އުއްމަތުގެ ހެވާއި ލާބަޔަށް ބަޔަކު ހުރަސް އެޅުމެވެ. އެހެނީ، ދިވެހި ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީ މިއުސޫލުގެ މައްޗަށް ދިވެހިދައުލަތް ހިންގުމުގެ މައްޗަށް ހުރަސްއަޅާ ނަމަ، އަވަހަށް އެމަގު ގާނޫނީ ގޮތުން ހުއްދަ ކުރާށެވެ. 2500 އަހަރުވީ ބޯދާ ގައުމެއްގެ ކުރިއެރުމާއި ތަރައްގީ ރައްޔިތުންނަށް މުސީބާތަކަށްވީ، ނާޤަވާރު ސިޔާސަތުގެ ތެރެއިންނެވެ.

    Comment by Hassan Mahir / Huludoo — Saturday, February 20, 2010 @ 2:51 am

  2. އެމްޑީޕީގެ ސަމާލުކަމަށް” ގަބޫލު ކުރަންޖެހޭ ވަރަށް ބޮޑު ހަގީގަތެއް އެބައޮތެވެ. ޕާޓީ ނިޒާމުގެ ތެރޭގައި އޮންނަން ޖެހޭ، ސިޔާސީ މަސްދަރެއް އުނިވެ އެބައޮތެވެ. އެހެނީ، ޑިމޮކްރަސީ ވެރިކަމަކީ، ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ އެބައި މީހުންގެ ބާރަކަށް ވީހިނދު، އެވެރިކަމަކީ ރައްޔިތުންނާއި، މަޝްވަރާ ކޮށް، ވެރިކަމުގެ ބާރު ތަންފީޒް ކުރަންޖެހޭ ކަމެކެވެ. ޙަގީގަތުގައި ޕާޓީތަކުގައި ގޮފިތަށް އޮތުމުގެ ބޭނުމަކީ، ރައްޔިތުންނާއި ގާތުން ވެރިކަން ކުރުމުގެ މަގުޞަދެވެ. ގޮފިތަކުގެ ހަގީގީ ބޭނުމަކީ، ވެރިކަން ހިނގާ ގޮތުގެ މައްޗަށް ރައްޔިތުންނާއި، މަޝްވަރާ ކޮށް، އެބައި މީހުންގެ ޚިޔާލުތައް ޕާޓީ މެދުވެރި ކޮށް ސަރުކާރަށް ފޯރުކޮށް ދިނުން ކަމުގައި ވީހިނދު، މަހަކު އެއްފަހަރު ކީއްކުރަންތޯއެވެ އަހަރަކު އެއް ފަހަރުވެސް މެންބަރުންނާއި، މަޝްވަރާ ނުކުރެވެއެވެ. އެންމެ ރަނގަޅެވެ’ އެމްޑީޕީގެ ގޮތިތަށް ރާއްޖޭގެ ކަންކޮޅު ތަކުގައި ހަރަކާތްތެރި އެބަ ވޭތޯއެވެ؟ ޔަގީނެވެ’ ރާއްޖޭގެ ކަންކޮޅު ތަކުގައި ތިބި ގޮފިތައް ތިބީ ނިދާފައެވެ. ނުވަތަ އެފަދަ ގޮތިތައް ހިންގޭނެ އެއްވެސް މާލީ ތަނަވަސް ކަމެއް ނެތުމުގެ ސަބަބުން އެގޮފިތައް ވަނީ، ގެއްލިފައެވެ.
    ސިޔާސީ ނަޒަރަކުން ވިސްނާ އިރު، ސިޔާސީ ޕާޓީތަކުގެ ތެރޭގައި ސިޔާސީ ގޮފިތަށް އޮތުމުގެ އެންމެ ބޮޑު ބޭނުމަކީ، ރައްޔިތުން ހިއްސާކޮށް، ވެރިކަން ހިންގާކަމުގެ އިހުސާސްތައް ރައްޔިތުންނަށް ދިނުމެވެ. މިހިކުމަތުން އެއްކިބާވެ ނަމެއްގައި ގޮފިތަށް އޮތުމުގެ ސަބަބުން ރައްޔިތުންނާއި، ޕާޓިއާއި، ދެމެދު އޮންނަން ޖެހޭ، ވެރިކަން ހިންގުމުގެ ޝޫރާގެ ގުޅުންވަނީ ކެނޑިފައެވެ. ނަތީޖާއަކަށް ވަނީ، އާއްމު ރައްޔިތުންގެ މެދުގައި ޕާޓީގެ މައްޗަށް އޮންނަ ލޯބި ގެއްލުމެވެ. އެހެންކަމުން މެންބަރުންގެ ޝަކުވާއަކީ ޕާޓީއެއްގެ ފޯމުގައި ސޮއިކުރުންނޫން އެހެން އެއްވެސް ހައިސިއްޔަތެއް ތިމެންމެންގެ ކިބައިގާ އެބަ އޮތްތޯއެވެ؟ ތެދެކެވެ’ ނެތެވެ. އެހެންކަމުން ޕާޓީގެ ގޮފިތައް އަލުން މުރާޖާޢަކޮށް ގޮފިތަށް ހިންގުމަށް އެމްޑީޕީއަށް ގޮވާލަމެވެ. މިކަމުގައި އަޅުގަނޑު މެންގެ މިސާލީ ދިވެހި ގައުމީޕާޓީގެ މިސާލެވެ. އެޕާޓީގެ ވެސް އެއްވެސް ގޮތްޕެއް ނެތެވެ. މާދަމާ އެޕާޓީގެ ފަރާތުން މުޒާހަރާއެއް ކުރަން ޖެހުންސް ހަމައެކަނި ނިކުންނާނީ، އިމާދުސޯލިހާ ޑރ މުހައްމަދު ޖަމީލު އަހުމަދެވެ.

    Comment by Hassan Mahir / Huludoo — Saturday, February 20, 2010 @ 12:44 pm

  3. މައުމޫނު އަބްދުލް ޤައްޔޫމުގެ ޒަޢާމަތުގައި ރާއްޖޭގެ އުތުރާއި، ދެކުނަށް ޚާއްޞަކޮށް އައްޑޫ ލޮބުވެތި ރައްޔިތުންނަށް 30 އަހަރު ތެރޭގައި ގެނަސް ދެއްވި ތަރައްގީގެ އުސްއަލިތައް ކުރުކޮށް ގެނަސް ދިނުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. ބޮޑުޅޮސް ގަހަކުން ދޭފަތެއް ނެހެދުނު ބީދައިން ހަރުދަނާ ދެމެހެއްޓެ ނިވި ސިޔާސަތެއް ނެތި މިދައުލަތް 30 އަހަރު ވަންދެން ހިންގުމުގެ މުސިބާތް މުޅި ރާއްޖޭގެ ރައްޔިތުންނާއި ޚާއްސަކޮށް، އައްޑޫ އަތޮޅުގެ ރަށްތަކުން ފެންނާނެއެވެ. ބޭކާރުވެ ދިޔަ 30 އަހަރުގެ ގެއްލުމުގެ ޒިންމާ އުފުލަނީ ކާކުހެއްޔެވެ؟ މިހަގީގަތް ބޮޑަށް ފެނިގެން ދާނީ އައްޑޫ އަތޮޅުގެ ރަށްތަކުގެ ތެރެއިން، ހުޅުދޫ އިންނެވެ. ރަސްކަލެއްގެ ސިފަ ކުރިއަށް ނެރެ ރަސްރަސް ކަލުންނަށް ގައުމުގެ ވެރިކަމާއި ބާރު ވާރުތަވާ ބީދައިން، މިގައުމުގެ ވެރިކަން 30 އަހަރު ވަންދެން ހިންގުމުގެ މިސީބާތް އަޅުގަނޑުމެން ތަޖުރިބާ ކޮށްފީމެވެ. އެކަމަކު މިހަގީގަށް ގަބޫލު ކުރާނީ ބުއްދީގެ އަހުލު ވެރިންނެވެ. ގައުމީ ނާގަވާރުން ގަބޫލު ނުކުރާނެއެވެ.
    ތާވާތޫރު ގޮތެއްގައި އައްޑޫ އަތޮޅުގެ ތާރީޚުގެ ތެރެއަށް ނަޒަރު ހިންގާ އިރު، ފުއައް މުލަކަށް ލެއްގި އިބުނު ސޫޠާނުލް މިސްރީގެ ދަރިކަލުން އަލް އައްލާމާ ޙަޞަން ތަކުރުފާނުލް މުލަކީގެ ދަރިކަލުން އަލް އައްލާމާ އަލްގާޞީ މުޙައްމަދު ޝަމުސުއްދީނުލް އައްޑުވިއްޔި ގެ ތާޜީޚީ ލިއުއްވުންތަކުން ވެސް އައްޑޫ އަތޮޅުގެ އެއިރުގެ ހާލަތާއި ވިޔަފާރިއާއި އާއްމު ހާލަތު އޮތްގޮށް ވަރަށް ރަނގަޅަށް ސާބިތުކޮށް ދެއެވެ. މީގެ އިތުރަށް އެޗްސީޕީ ބެލްގެ މޮނަގުރާފުން ވެސް އެނގެއެވެ. ކަންއޮތީ މިހެންކަމުގައި ވީހިނދު، އައްޑޫ ލޮބުވެތި ބޯދާ ކާބަފައިންގެ އާއްމު ދިރިއުޅުން ވަޠަނުގައި ތިބެ ހަމަޖެއްސި ގޮށް ކުރުކޮށް ތަހުލީލީ ނަޒަރަކުން ބަލާލުމަކީ، މިވަގުތު ވަރަށް މުހިއްމު ކަމެކެވެ. ޔަގީނުން ވެސް މުސްކުޅި ކާބަފައިންނަކީ އަމިއްލައަށް އިންޕޯރޓް އެކްސްޕޯޓް ކުރިބައެކެވެ. މީގެ 69 އަހަރު ކުރިން އަލް މަރުޙޫމު ޢަބްދުއްﷲ އަފީފު ދީދީ އިނގިރޭސި ރާނީއަށް ފޮނުވި ސިޓީއެއްގައި އޮތެވެ. އައްޑޫ އަތޮޅުގައި މީހުން ދިރިއުޅޭތަން 2000 އަހަރު ވެދާނެއެވެ. އެކަމަކު ދައުލަތުގެ ވާޖިބު ރައްޔިތުންގެ މައްޗަށް ސުމެކެވެ. ޔަގީންވާ އެއްކަމެއް އެބައޮތެވެ. އަމިއްލަ އަރުމާޒް އޮޑި ފަހަރުގައި އޮޅުދޫ ކަރައިން، ހިންދު ކަރައިން، ސީނު ކަރައިން ގޮސް އަރަބުސްތާނުގެ ރަށްތަކުން އެފްރިކާގެ ބައްރުތަކަށް ދަތުރުކޮށް، ބޮޑު ހަނގުރާމަ ފެށެންދެން ރާއްޖެއިން ބޭރުން އަމިއްލަ އޮޑި ފަހަރުގައި ބޭރަށް ދަތުރުކޮށް ދިރިއުޅުން އާރާސްތުކޮށް އުފަލުގައި ދިރިއުޅުނު ބަޔަކަށް ވީހިނދު، އެ ދިރިއުޅުމުގެ މައްޗަށް ބަދަލުއައީ ބޮޑު ހަނގުރާމަ ފެށުމުންނެވެ. ނަމަވެސް 1941 އަހަރު ރޮޔަލް ނޭވީ ބޭސް ގަމުގައި ގާއިމުކުރި ހިސާބުން އައްޑޫ އަތޮޅުގެ ދިރިއުޅުން ރަނގަޅުވިއެވެ. އެކަމަކު 31 މާރޗް 1976 ގައި އައްޑޫ ގަމުން އިނގިރޭސިން ފޭބިއިރު، އަޅުގަނޑުގެ އުމުރުން އެންމެ 14 އަހަރެވެ. ނަމަވެސް މައިން ބަފައިންނާއި، މުޖުތަމަޢުގެ މެދުގައި އޮތް އުފާވެރި ދިރިއުޅުމާއި، އެމީހުންގެ އުފާވެރި ހަޔާތް ދުށީމެވެ. ލިބޭ އެއްޗަކުން ފުދި ނަފްސާނީ ގޮތުން ދުޅަހެއު ދިރިއުޅުމެއް ކަޑައްތު ކުރުމުގެ ނަސީބު އޮތެވެ. ރައްޔިތުންގެ މެދުގައި ނަފްސާނީ ދުޅަހެއުކަން ދެމިއޮތެވެ. މިއަދު އެހެންތޯއެވެ’ ރަމްޒީ ތަރައްގީގެ ތެރެއިން އުއްމަތުގެ މައްޗަށް ބަލާ ޖެހުންނޫން އެހެން އެއްވެސްކަމެއް ވީހެއްޔެވެ؟ މުޅި ރާއްޖޭގެ އުތުރާއި ދެކުނު ފަޅުކޮށް މާލެއަށް ހިޖުރަކުރުމުގެ ސަބަބުން އުޅޭ ތަންތަނުގެ ކުލި ބޮޑުވެ ލިބޭ އާމްދާނީއަށް ވުރެ ޚަރަދު ބޮޑުވެ އަނބުންނާއި، ފިރިންނާއި ޖެހި ދަރިންނާއި މައިންބަފައިންނާއި ޖެހި ރަހުމަށް ތެރިންނާއި މިތުރުން ކެނޑި ޑިޕްރޭޝަން ބޮޑު ދިރިއުޅުމަކަށް އުއްމަތުގެ ބޮޑު ބައެއްވަނީ ވެއްޓިފައެވެ. އިނގިރޭސި ހަރުބަހެއްގައި އޮންނަ ފަދައިން، * ވެންދި ޕަވަޓީ ކަމްސް ތުރޫ ދަވިންޑޯ ލައުފުލާއިސް އައުޓް އޮފްދަ މެއިންޑޯ މިހާލަތުގެ މައްޗަށް ގައުމުވަނީ ވެއްޓިފައެވެ.
    1978 އަހަރު މައުމޫނު ރާއްޖޭގެ ވެރިކަމާއި ހަވާލުވެ އަނގައިން އައްޑޫ ތަރައްގީ ކުރި ތަފްސީލް.
    • އައްޑޫ ޑިވެލޮޕް މަންޓް އޮތޯރިޓީ އުފެއްދުން،
    • ގަމުގައި ގާރމެންޓް ފެކްޓަރީތައް ގާއިމުކޮށް އަވާ މެންދުރު ދެއްކުން،
    • 25 އަހަރު ވަންދެން އަނގައިން އައްޑޫ އަތޮޅަށް ޓޫރިޒަމް ގެނައުން،
    • ގަމުގެ އިންފްރާސްޓް ރަކްޗަރ ފުނޑުފުނޑު ކުރުން،
    • އިނގިރޭސިން ގަމަށް ދޫކޮށް ދިޔަ ދައުލަތުގެ އިންފުރާސް ޓްރަކްޗަރ ގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަންނޭގުން،
    • އެމްޑީޕީ އިއްތިހާދީ ސަރުކާރުން ގައުމު ތަރައްގީ ކުރުމަށްޓަކާ އެކަށައަޅާފައި ހުރި ސިޔާސަތުތައް
    • ދައުލަތް ލާމަރުކަޒީ އުސޫލުން ހިންގުން،
    • ރާއްޖޭގެ ކަންކޮޅުތަކަށް ޓޫރިޒަމް ފުޅާކުރުން،
    • ވިޔަފާރި ހަރުދަނާކޮށް، ހަރުދަނާ އުސޫލެއްގެ ތެރެއިން ވިޔަފާރިން ޓެކްސް ނެގުން،
    • ދައުލަތުގެ ފައިސާއަށް ޚިޔާނާތް ތެރިވުން ކުޑަކުރުމުގެ ގޮތުން އޮފީސްތަކަށް ބަޖެޓް ދޫކުރުމުގެ ބަދަލުގައި ސީދާށް އެމްއެމްއޭ އިން އޮފީސްތަކުގެ ޚަރަދުގެ ކަންކަމަށް ބޭނުންވާ ފައިސާ ޗެކުން ދޫކުރުން،
    • ދައުލަތުގެ ޚަރަދު ކުޑަ ކުރުމުގެ ގޮތުން ސަރުކާރުގެ ދެންނެވުމާއި، އިއުލާން ފަދަ އެންގުންތައް ނޫސްތަކުގައި ޝާޢިޢު ކުރުމުގެ ބަދަލުގައި ރައީސުލް ޖުމުހޫރިއްޔާގެ އޮފީހުން ސަރުކާރުގެ ގެޒެޓް ނެރުއްވުން،
    • ދައުލަތުގެ ޚަރަދު ކުޑަކޮށް ބައިނަލް އަގުވާމީ މާލީ އިދާރާތަކުގެ އިރުޝާދާއި، އެއްގޮތަށް ދައުލަތުގެ މާލީ ކަންކަން ބެލެހެއްޓުން،
    • 30 އަހަރުވީ އިރު، ކުރީގެ ސަރުކާރުން ރާއްޖޭގެ އުތުރާއި، ދެކުނުގެ ރައްޔިތުންނަށް ސާފް ބޯފެނުން މަހުރޫމުކޮށް، ނަރުދަމާ ނިޒާމުން އެއްކިބާ ކޮށްފައި އޮތުން މިސަރުކާރުން ދާދި އަވަހަށް ނުމުމަކަށް ގެންނާނެއެވެ.

    Comment by Helavan / Huludoo — Saturday, February 20, 2010 @ 4:11 pm

  4. އަދުލު އިންސާފުގެ މައްޗަށް ފަނޑިޔާރުން ރައްކާތެރިވުން މިއީ ވަރަށް މުހިއްމު ސިފައެކެވެ. ކޯޓުތްކުގެ އިމާރާތް ކުޑަވެ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅޭ ނަމަ، މިއީ ފިލިގަސްދޮށު މާލިމީގެ ޠަބީޢީ ބަހުރުވައެވެ. މިއަދު މުސްކުޅިންނާއި، ހަރުމީހުންނާއި، ޒުވާނުންގެ ޝަކުވާއަކީ، މުޖުތަމަޢުގެ ތެރެއިން ކުށްކުރާ މީހުންގެ މައްޗަށް ކުށް ސާބިތުނުވެ އެފަދަމީހުން މިނިވަންކަމާއެކު މުޖުތަމަޢުގެ ތެރޭގައި ދިރި އުޅެމުންދާ ވާހަކައެވެ. ފަހަކަށް އައިސް ރާއްޖޭގައި ބޮޑެތި ޖިނާޢީ މައްސަލަތައް ސާބިތުނުވެ، އެފަދަ ބޮޑެތި ކުށްކުރާ މީހުންގެ މައްޗަށް ޙުކުމް ތަންފީޒް ނުކުރެވި މުޖުތަމަޢުގެ ތެރެއަށް ދޫވެފައި ވާ މައްސަލައަކީ، ބިރުވެރިކަމުން ފުރިގެންވާ ކަމެކެވެ. ޚާއްސަކޮށް، މިވަގުތަކީ، ދިވެހި ސަރުކާރުން ޑުރަގުގެ ވަބާއިން މިގައުމު ސަލާމަތް ކުރެވޭތޯ އިޚްލާސްތެރި ކަމާއެކު ރާއްޖޭގެ ސިފައިންނާއި ފުލުހުން މަސައްކަތް ކުރައްވަމުން ދާ ދުވަސްވަރަކަށް ވީހިނދު، މުޖުތަމަޢުގެ ތެރޭގައި ތަފާތު މައްސަލަތައް ނުހަނު ބޮޑުވާނެއެވެ. އެހެންކަމުން މިވަގުތަކީ އުއްމަތައްޓަކާ މުޅި މުޖުތަމަޢު އެކަތި ގަނޑަކަށްވެ ގައުމުގައި ފަނޑިޔާރުންގެ ނިޔާ ގާނޫނާއި އެއްގޮތް ވާގޮތުގެ މަތިން ޙިކުމަތުގެ މައްޗަށް ރުޖޫޢަވާން ޖެހޭ ވަގުތެކެވެ. ނޫންނަމަ، އަދުލު އިންސާފުގެ ތަސައްވުރު ހަޑިވެ އަދި ވެރިކަމުގެ މައްޗަށް ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ގެއްލި ދިއުމުގެ ބިރު އެބައޮތެވެ. ކަންއޮތީ މިހެންކަމުގައި ވިޔަސް އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރަކީ، ގާނޫނީ ގޮތުން މިއަދު ސަރުކާރުގެ ބޮޑުންނަށް ނުފޫޒު ފޯރުވޭނެ ކަމެއްނޫނެވެ. އެހެނީ ދިވެހި ޖުމުހޫރިއްޔާގެ ގާނޫނު އަސާސީގެ 7 ވަނަ މާއްދާގައި ވަނީ އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރު ލިބިގެން ވަނީ ދިވެހި ރާއްޖޭގެ ކޯޓްތަކަށެވެ. ވީހިނދު، ގައުމުގެ އެންމެ އިސްވެރިޔާ އަށް ޖިނާޢީ ބޮޑެތި ކުށް ކޮށްފައިވާ މީހުންގެ މައްޗަށް ކުށް ސާބިތުނުވެ ދޫކުރެވޭ މައްސަލަ ތަކުގެ ތެރެއަށް ރައީސުލް ޖުމުހޫރިއްޔާ އަށް ބާރު ފޯރުވޭނެ ހެއްޔެވެ؟
    ހަގީގަތުގައި ދައުލަތް ހިންގުމުގެ މުހިއްމު ބާރުތައް ނުވަތަ މިނިވަން މުއައްސަސާތައް ޑިމޮކްރަސީ އެއްގައި ވަކިވެއޮތުމުގެ ޙިކުމަތަކީ، އެއްބާރުން އަނެއްބާރެއްގެ މައްޗަށް ފާރަވެރިވެ ނުފޫޒުން އެއްކިބާވެ ޢަދުލުވެރިކަން ގާއިމުކުރުމުގެ ޙިކުމަތް އިސްކުރުން ކަމަށް ވީހިނދު، ދިވެހި ދައުލަތް ހިންގުމުގެ ގާނޫނީ ބާރުތަކުގެ ތެރޭގައި މިޙިކުމަތް ހަރަކާތް ތެރިވަމުން ދަނީ، ޙައްގު މިސްރާބުގެ މައްޗަށް ކަސިޔާރު ވެގެންނެވެ. އެހެންކަމުން ހިތުގައި އުފެދޭ ސުއާލަކީ، ހައްޤު ގޮތުގައި ކުށްކުރާ މީހުންގެ މައްޗަށް ތަޙުގީގު ހިންގާ އެފަދަ މީހުންގެ މައްޗަށް ޙުކުމް ތަންފީޒް ކުރުމުގައި މައްސަލަ ހުރީ ޝަރުޢީ ނިޒާމުގައި ހެއްޔެވެ؟ ނުވަތަ އިންސާނާގެ އަދުލު ވެރިކަމުގައި ހެއްޔެވެ؟
    ކަންއޮތީ މިހެންކަމުގައި ވީނދު، ޢިޖުތިމާޢީ އަދާލަތު އުއްމަތެއްގެ ތެރެއިން ނެތި ދިއުމަކީ، މުޖުތަމަޢެއްގެ ހަލާކުކަމުގައި ވީހިނދު، މިކަމުގައި ކުށްވެރި ކުރަންވީ މިގައުމުގެ އިސްވެރިޔާ ހެއްޔެވެ؟ ނުވަތަ ދަޢުލަތުގެ ދުސްތޫރީ ބާރުހެއްޔެވެ؟ ނުވަތަ ފަނޑިޔާރުންނާއި، ޤާޞީން ހެއްޔެވެ؟ ދިވެހި ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ 142 މާއްދާގައި ބުނަނީ ފަނޑިޔާރުންނަކީ މުސްތަގިއްލު ބައެކެވެ. ފަނޑިޔާރުން އަމަލު ކުރަންވާނީ ޤާނޫނު އަސާސީއާއި، ޤާނޫނަށެވެ. ޤާނޫނު އަސާސިއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅައި ފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރިއްޢަތުގައި އެކަމެއް ކަނޑަ އެޅިފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތް ކުރަން ވާނެއެވެ. ފަނޑިޔާރުންގެ މަސައްކަތުގައި ޤާނޫނު އަސާސިއާއި، ޤާނޫނާ އެއްގޮތަށް ކަންތައްތައް ނިންމަން ވާނީ ވަކިފަރާތަކަށް ބުރަނުވެ، ވަކިފަރާތަކުން ދައްކައިފާނޭ ބިރަކަށް ޖެހިލުންނުވެ، ތަޢައްޞުބުން އެއްކިބާވެ ތިބެއެވެ. މިހެންނެވެ ވީހިނދު، ބޮޑެތި ޖިނާޢީ މައްސަލަތަކުގެ މައްޗަށް ހިންގާ ތަޙުގީގު ތަކުގައި ހެކިނުލިބި މިފަދަ މައްސަލަތައް ނުބެލި ބޮޑެތި މުޖުރިމުން މުޖުތަމަޢުގެ ތެރޭގައި ދޫވެތިބުމަކީ، ވަރަށް ސީރިއަސް މައްސަލަ އެކެވެ. ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޅުގަނޑުގެ އަޙް އަލްއުސްތާޛު އަބްދުއްﷲ ސަޢީދެވެ’ އަވަހަށް ފަނޑިޔާރުން ތާޒާކުރުމުގެ ކޯސް ހިންގަވާށެވެ.

    Comment by Hassan Mahir / Huludoo — Sunday, February 21, 2010 @ 2:34 am

  5. ދުނިޔޭގެ ބިޔަ ގައުމުތަކުގެ ފައްނީ މުރަށްބީން ރާއްޖެ ވަޑައިގެން މިސަރުކާރުގެ ސިޔާސަތުތަކަށް ތާއީދު ކުރައްވާކަމީ، އުފާކުރަން ޖެހޭ ކަމެކެވެ. އެހެނީ ރައީސުލް ޖުމުހޫރިއްޔާގެ ދަޢުވަތަކަށް ރާއްޖޭ ވަޑައިގަތް އިންޑިޔާގެ ކުރީގެ ރައީސް އަދި އިންޑިޔާގެ ނިއުކުލިއަރ އިންގިލާބުގެ ބާނީ ޑރ އޭޖީ އަބްދުލް ކަލާމް ރާއްޖެ ވަޑައިގެން މޯލްޑިވުސް ކޮލެޖް އޮފް ހަޔަރ އެޑްއުކޭޝަނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސުލް ޖުމުހޫރިއްޔާ އަލްފާޞިލް މުޙައްމަދު ނަޝީދު ގެންގުޅުއްވާ ކާބަން ނިއުޓަރަލް ޕްލޭނަށް އެމަނިކުފާނު ފުރިހަމައަށް ތާއިދު ކުރައްވާ ކަމަށެވެ. މިކަމުން ދައްކާދެނީ މިސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ހަރުދަނާކަމެވެ. ނަމަވެސް މިސަރުކާރުގެ ހަރުދަނާ ސިޔާސަތު ނައްތާލުމަށް ބަޔަކު އެބަ މަސައްކަތް ކުރެއެވެ. ހަގީގަތުގައި މިސަރުކާރު ދެކެ ބަޔަކު ނަފުރަތު ކުރަނީ، މިސަރުކާރުން ގެންގުޅުއްވާ ހަރުދަނާ 5 ސިޔާސަތެއްގެ ސަބަބުންނެވެ.
    • ލާމަރުކަޒީ އުސޫލުން ދައުލަތް ހިންގުން،
    • މުޅި ރާއްޖޭގެ ކަންކޮޅުތަކަށް ޓޫރިޒަމް ފުޅާކުރުން،
    • ހަރުދަނާ އުސޫލެއްގެ މައްޗަށް ބިނާކޮށް ވިޔަފާރިން ޓެކްސް ނެގުމަށް ތައްޔާރުވުން،
    • އިދާރީ އޮފީސްތަކަށް ބަޖެޓް ދޫނުކުރުން،
    • ކުރީ ސަރުކާރުން ހިންގާފައިވާ ކަމަށް ބުނާ ކުރަޕްޝަނުގެ މައްޗަށް ތަޙުގީގު ހިންގުން، މިފަސްކަމެވެ. އަޅުގަނޑު މިސަރުކާރަށް ގޮވާލަނީ، ރާއްޖޭގެ ގާނޫނު އަސާސީއަށް ހުރުމަތް ތެރިވެ މިހާރު މިސަރުކާރުން އެކަށަ އަޅުއްވާފައި ހުރި ސިޔާސަތާއި، 5 ވަޢުދު ފުއްދުމުގައި ދިވެހި ރައްޔިތުންގެ ލާބައާޢި މަންފާޢަށްޓަކައި ތަންފުކެއް ވެސް ފަހަތަށް ނުޖެހި ކުރިއަށް ދާށެވެ.

    Comment by Hassan Mahir / Huludoo — Sunday, February 21, 2010 @ 2:42 pm

Leave a comment