Maldivian Democratic Party » ރައީސް ނަޝީދުގެ އަނެއް ދިވެހިރާއްޖޭގެ ތަޞައްވުރަކީ ޙަޤީޤީ ތަޞައްވުރެއްކަން ގަބޫލުފުޅުކުރައްވާ ކަމުގައި އަލްހާން ވިދާޅުވެއްޖެ

Thursday, February 18, 2010

ރައީސް ނަޝީދުގެ އަނެއް ދިވެހިރާއްޖޭގެ ތަޞައްވުރަކީ ޙަޤީޤީ ތަޞައްވުރެއްކަން ގަބޫލުފުޅުކުރައްވާ ކަމުގައި އަލްހާން ވިދާޅުވެއްޖެ

18 ފެބްރުއަރީ 2010

a-tifisal-17-02-10-103

ބޯކޮށް ވެހެމުންދިޔަ ވާރޭގެ ތެރޭގައި ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ކުލަގަދަ ހަފްލާއެއްގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ އާއި މައުމޫން ސަރުކާރުގެ ކެބިނެޓުގެ އިސްމަޤާމްތަކެއް ފުރުއްވައި މިހާރު ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި އިއްޒަތްތެރިއެއްގެ މަގާމުގައި ހުންނެވި އަހުމަދު ޢަބްދުﷲ އާއި އެމްޑީޕީގެ އިސް ސަފުގައި ކުރިން ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅެއް ކަމަށްވާ ޑރ ހުސައިން ރަޝީދު ހަސަން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ސޮއިކުރައްވައިފިއެވެ.
ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވި މިކުލަގަދަ ޖަލްސާގައި އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު އަލްހާން ވިދާޅުވީ އެމްޑީޕީގައި ހުންނެވި ކަމުގައިވީ ނަމަވެސް އަބަދުވެސް މަސައްކަތްކުރައްވާނީ ގައުމީ މަސްލަހަތަށް އިސްކަންދެއްވައިގެން ކަމަށާއި، ރައީސް ނަޝީދުގެ އަނެއްދިވެހިރާޖޭގެ ތަޞައްވުރަކީ ހަގީގީ ތަޞައްވުރެއް ކަމުގައި އަލްހާން ގަބޫލުފުޅުކުރައްވާ ކަމުގައެވެ.
ޚާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދުގެ އިތުބާރުނެތްކަމުގެ މައްސަލައިގައި ޑީއާރުޕީގެ ފިކުރަށް ތާޢީދުނުކުރެއްވީ ދިވެހި ސަރުކާރާއި ރައްޔިތުންގެ މަޞްލަހަތު ދިފާއުކުރެއްވުމަށް ކަމަށާއި، ސަރުކާރުންކުރައްވާ ހުރިހާ ކަމަކަށް ހުރަސްއެޅުމުގެ ބަދަލުގައި ސަރުކާރުން ރައްޔިތުންނަށް ޚިދުމަތްފޯރުކޮށްދިނުމަށް މަގުފަހިވާ ގޮތަށް މަސައްކަތްކުރަންޖެހޭނޭކަން ގަބޫލުފުޅުކުރައްވާތީ ކަމުގައެވެ. އަދި އެދުވަހު އެވޯޓުގެ ކަންތައް އެހެން ގޮތަކަށް ނިމިގެން ދިޔަނަމަ ޅަފަތުގައިއޮތް ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވާނޭ ކަމަށާއި އެކަމުގެ ހުރިހާ ދެރައެއް ލިބިގެންދާނީ ނިކަމެތި ދިވެހިރައްޔިތުންނަށް ކަމުގައި އަލްހާން ވިދާޅުވިއެވެ.
އަލްހާންގެ ވާހަކަފުޅު ނިންމަވާލެއްވުމުން އެމްޑީޕީގެ މެންބަރުން އަލްހާން އިށީނދެވަޑައިގެން އިންނެވި ގޮނޑިކޮޅާ ހަމަޔަށް އެމަނިކުފާނު ގެންދެވީ އުރާލައިގެންނެވެ. އަދި އެމްޑީޕީގެ އެތައް ސަތޭކަ ސަޕޯޓަރުން އެއްވެފައިވާ އެމާހައުލުން އެވަގުތު މެދުކެނޑުމެއްނެތި އިވެމުން ދިޔައީ ހޫނު އަތްތިލަބަޑީގެ އަޑެވެ.
އަލްހާންއާ މެދު ޑީއާރުޕީން ކަންތައްކުރި ގޮތަށް އިޝާރާތްކުރައްވަމުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް މޫސާ މަނިކު ވިދާޅުވީ ” ޑީއާރުޕީން އަބަދުވެސް އަޅަމުންގެންދަނީ ޅައެއްޗެހި” ކަމުގައެވެ. އަދި ޑީއާރުޕީއަކީ ހަރުދަނާ ޕާޓީއެއް ނަމަ އަލްހާން މެންފަދަ ޤާބިލް، ހަރުދަނާ ބޭފުޅުން އެޕާޓީއާ ދުރަށް ވަޑައިނުގަންނަވާނޭ ކަމުގައެވެ.
އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ” މިރެއަކީ އެމްޑީޕީގެ ހަޔާތުގައި ވަރަށް މުހިއްމު ވަރަށް އުފާވެރި ރެއެއް. މިރޭ މިކުރި ސޮއިކުރުމާ އެކީ މިޕާޓީއަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ” ކަމުގައެވެ. އަދި މިކާމިޔާބީ އަކީ އާންމު މެންބަރުންގެ ކެތްތެރިކަމާއި ހިތްވަރުގެ ސަބަބުން ލިބުނު ކާމިޔާބީ އެއް ކަމުގައި މާރިޔާ ވިދާޅުވިއެވެ. އަދި އެމްޑީޕީއަށް ދާދިފަހުން ސޮއިކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުން ކަމަށްވާ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އާއި، ކާށިދޫ ދާއިރާގެ މެންބަރު އިސްމާއީލް އަބްދުލް ހަމީދު އެމްޑީޕީއާ ގުޅިވަޑައިގެންނެވިކަން ރަސްމީގޮތުނަ މާރިޔާ އިއުލާންކުރެއްވިއެވެ.
އެމްޑީޕީއާ އަލަށް ރޭ ގުޅިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލް ޖުމްހޫރިއްޔާ އާއި، އެމްޑީޕީގެ ވަގުތީ ރައީސާއި، ޕާޓީގެ ޗެއަރޕާސަންގެ އިތުރުން ޕާލަމެންޓްރީ ގްރުޕުގެ ލީޑަރުވަނީ ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެ ޝުކުރު އަދާކުރައްވާފައެވެ. އަދި ރޭ އެމްޑީޕީ އާ ގުޅިވަޑައިގެންނެވި ރައްޔިތުންގެ މަޖިލިހުގެ 2 މެންބަރުން ވެސް ވިދާޅުވީ އެބޭފުޅުން އެމްޑީޕީއާ ގުޅި ވަޑައިގެންނެވީ އެމްޑީޕީ އަކީ އެންމެ ޑިމޮކްރަޓިކް ޕާޓީކަމަށް ވެފައި، ދާއިރާގެ ރައްޔިތުންނަށް އެންމެ އެކަށީގެންވާ ޚިދުމަތެއް ކުރެއްވޭނީ އެމްޑީޕީގައި ތިއްބަވައިގެންކަން ޤަބޫލުފުޅު ކުރައްވާތީ ކަމުގައެވެ.
މިފަހުގެ ތާރީޚެއްގައި އެމްޑީޕީން ބޭއްވި އެންމެ ކުލަގަދަ އެއް ހަފްލާ ކަމަށްވާ ރޭގެ ޚާއްޞަ ޖަލްސާ ނިންމަވާލެއްވީ ހަފްލާޔާ ގުޅޭ ޚާއްސަ ދުއާއަކުން ނެވެ. މިދުއާ ވިދާޅުވެދެއްވީ އަލްހާފިޒް އަހުމަދު ޒަކީ އެވެ.

3 Comments »

  1. 17 ފެބްރުއަރީ 2010 ވީ ބުދަދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި މިޖަލްސާގެ ތެރެއިން ފެނުނު ބައެއް މަންޒަރު ތަކުން އަޅުގަނޑުގެ ހިތަށްވެރިވި ޝުޢޫރުތަކުގެ ތެރެއިން،” އަޅުގަނޑުގެ ޚިޔާލުލިއަމެވެ.
    ދިވެހިންގެ ދީނާއި، ދިވެހިންގެ މިނިވަންކަމާއި، ދިވެހިންގެ ސިޔާދަތާއި، ދިވެހިންގެ ރަށްވެހިކަމާއި، ދިވެހިންގެ ގައުމީ ތަރައްޤީއާއި، ދިވެހިންގެ އާނަންދަވެރި މަނިފަވެރި ސިފަތަކާއި، ވެރިކަމުގެ މުހިއްމު ގާނޫނީ މަސްދަރުތައް ފުރިހަމަ ވުމުގެ މައްޗަށް އެޅިފައި އޮތް ހުރަހަކީ، ކޮބާތޯއެވެ؟ ޔަގީނުންވެސް ލާމަރުކަޒީ އުސޫލުތަކުން އެއްކިބާވެ މިދައުލަތުގެ މައްޗަށް ފުރަބަންޑާރަ ވިސްނުން އިސްކޮށް، ދައުލަތުގެ މަތިވެރި އަމާނާތް އަދާ ކުރުމަށް މިގައުމުގެ ބޯދާ ރަސްރަސް ކަލުންނާއި، އަމީރުންނާއި އަމީރާއިން އަދި ޖުމުހޫރީ ވެރިންވެސް ހައްގު ގޮތުގައި މަސައްކަތް ކުރަށްވާފައި ނެތުމެވެ. ނަމަވެސް ދިވެހިންގެ ދީނާއި މިނިވަންކަމުގެ ރަމްޒްތައް މިޙާތަނަށް ދިފާޢުކޮށް ދެއްވާފައިވާ ހަމަކޮންމެ އަބުޠާލަކަށްމެ އައްސަރިބަހާ ސާބަސް ދަންނަވަމެވެ. އަދި އެމަރުޙޫމުންގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ﷲ އަށް ދުޢާ ދަންނަވަމެވެ.
    ބޯދާ ވެރިކަމުގެ ފުރަބަންޑާރަ ޙުކޫމަތުގެ ދަށުގައި 2000 އަހަރު ކަޑައްތުކުރި ސިޔާސީ ގޮތުން މައުސޫމު ދިވެހި ލޮބުވެތި ރައްޔިތުން، ވިރާސީ ރަސްކަމުގެ ބޯދާ ސިފަތަކުން މިގައުމުގެ ވެރިކަމުގެ ބާރު އެއްކިބާކޮށް ދެއްވުމަށް އަމަލީ ގޮތުން އިސްސަފުގައި މަސައްކަތް ކުރެއްވި އަދުގެ ރައީސުލް ޖުމުހޫރިއްޔާ ފަޚާމަތުއް ރައީސް އަލްފާޞިލް މުޙައްމަދު ނަޝީދަށް އިޚްލާސްތެރި ކަމާއެކު، ޝުކުރު ދަންނަވަމެވެ. ބޯދާ ވެރިކަމުގެ އުސޫލުތައް ނުވަތަ 30 އަހަރުވީ އަލްއުސްތާޛު މަޢުމޫނުގެ ވެރިކަން ގާނޫނީ ގޮތުން ބަލިކޮށް، ރާއްޖޭގެ ވެރިކަމާއި، ހަވާލުވި އެމްޑީޕީ އިއްތިހާދަށް ޝުކުރުގެ ރަންހާރުން ވެދުން ކުރަމެވެ. އެކަމަށްޓަކައި ވިސްނުން ދޯހަޅި މީހުންގެ ތެރެއިން ފުނޑުފުނޑުވެ ގޮސްފައިވާ ޤައުމީ ލޯތްބާއި، ކަރާމާތް ތެރިކަމާއި، ކުލުނުވެރިކަން ދަމަހައްޓާ ނެގެހެއްޓުމުގެ ވަރުގަދަ އަޒުމު ކަނޑައަޅާދިން އެމްޑީޕީގެ ފަހުލަވާނުން ނަށް ބަޠަލުންގެ ރަންމެޑަލް އަރުވަމެވެ. ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ޖާހިލު އަނާޅީ ވިސްނުމުގައި ތިބެ އުއްމަތުގެ މައްޗަށް ބަލާޖެއްސި މަދު ދިވެހިންގެ މައްޗަށް ބަދަލު ނުހިފުމުގެ ރޫޙު އާލާކޮށް ދެއްވި ގ. ކެނެރީގޭ މުހައްމަދު ނަޝީދަށް ހެއުދުޢާ ކުރަމެވެ. ވިސްނުމުގެ މައްޗަށް އަޅުގަނޑުގެ ހިތުގެ ޢުމުގުން ޝުކުރު ވެރިވާ ހާލު ބަލިކަށިވެ ނުދާނެ އެމްޑީޕީގެ ސިޔާސީ ވިސްނުން ތަކުގެ ތެރެއިން މިގައުމު ލާމަރުކަޒީ އުސޫލުތަކުގެ ބިންގާ މަތީގައި ރައްޔިތުންގެ ވެރިކަން ހަރުދަނާކޮށް، އުއްމަތުގެ ޢިޖުތިމާޢީ އަދާލަތު އެންމެންގެ މައްޗަށް ހަމަހަމަކޮށް މިދައުލަތް އަލުން އާރާސްތު ކުރުމުގެ ބުރަ މަސްއޫލިއްޔަތު ކަސިޔާރުކަމެއް ނެތި މިސަރުކާރުން ކުރިއަށް ގެންދާވާނެ ކަމުގައި އުއްމީދު ކުރަމެވެ.
    އަޅުގަނޑުގެ ނަޒަރުގައި، މުސްތަގު ބަލުގައި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންގެ ކިބައިގާ ހުންނަން ޖެހޭ މުހިއްމު ސިފަތައް ތިރީގައި ބަޔާން ކޮށްލާނަމެވެ.
    • އެކުވެރި ޙިޔާލު ހުރި މާއްދިއްޔަތާއި، ނުފޫޒުން އެއްކިބާވެ ހުރި މުސްތަޤިއްލު މެންބަރަކަށްވުން.
    • ނުފޫޒެއް ނެތި މަޖިލީސް ތަމްސީލްކޮށް، ދެއްވާނެ މީހަކަށްވުން.
    • ރައްޔިތުންގެ އަސާސީ ހައްޤްތައް މަޖިލީހުގައި ދިފާޢުކުރާނެ މީހަކަށްވުން.
    • ޤައުމުގެ އެންމެ މަތީ މަސްލަޙަތު ރިޢާޔައްކޮށް އެނިޔަތުގައި މަޖުލިސް ތަމްސީލު ކުރާ މީހަކަށްވުން.
    • ޤާނޫނީ މަފްޙޫމްތައް އެނގޭ މީހެއްގެ ގޮތުގައިހުރެ، މަޖިލީސްގައި ވަކާލާތު ކުރާނެ މީހަކަށްވުން.
    • އިސްލާމީ ރިވެތި ފޭރާމުގައި ހުރެ މަޖިލީސް ތަމްސީލު ކޮށްދޭނެ މީހަކަށްވުން. މިދެންނެވި ސިފަތަކުގެ މައްޗަށް ރަށްކައުތެރިވެ މަޖިލީސް ތަމްސީލު ކުރެވިއްޖަނަމަ، ސިޔާސީ ގޮތުން އުއްމަތުގެ މައްޗަށް ފައިދާ ކުރާނެއެވެ.

    Comment by Hassan Mahir / Huludoo — Thursday, February 18, 2010 @ 2:18 pm

  2. ސާބަހޭ އަލްޙާން ފަހުމީ……!!!!! ތީ ވިސްނޭ ދިވެހި ދަރިއެއް……ރައީސް ނަޝީދުގެ ވެރިކަމަށް މަރުހަބާ…..އެމް.ޑީ.ޕީ އަށް މަރުހަބާ…!!!!

    Comment by އަޒްމީލް — Thursday, February 18, 2010 @ 3:57 pm

  3. މަރުހަބާ މަރުހަބާ މަރުހަބާ އަލްހާނަށް މަރުހަބާ!!!!!

    Comment by Anonymous — Thursday, February 18, 2010 @ 6:46 pm

Leave a comment