Maldivian Democratic Party » އެމްޑީޕީ އަކީ އެތެރޭގެ ޑިމޮކްރަސީ ވަރަށް ހަރުދަނާ ޕާޓީއެއް ކަމުގައި ރާހުލްގާންދީ ވިދާޅުވެއްޖެ
dhaaira2010

Monday, February 8, 2010

އެމްޑީޕީ އަކީ އެތެރޭގެ ޑިމޮކްރަސީ ވަރަށް ހަރުދަނާ ޕާޓީއެއް ކަމުގައި ރާހުލްގާންދީ ވިދާޅުވެއްޖެ

8 ފެބްރުއަރީ 2010
އެމްޑީޕީއަކީ އެތެރޭގެ ޑިމޮކްރަސީ ވަރަށް ހަރުދަނާ ޕާޓީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ދައުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިޔާގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރު އަދި އޯލް އިންޑިޔާ ކޮންގްރެސް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ ރާހުލް ގާންދީ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު ދަރުބާރުގޭ ހަކުރާ މާލަމުގައި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުމަކީ އިންޑިޔާގެ ކޮންގްރެސް ޕާޓީ ހިނގާގޮތާއި، އެޕާޓީ ކުރިއެރުވުމަށް ކުރާ މަސައްކަތްތައް އެމަޖިލީހުގެ މެންބަރުންނާ ހިއްސާކޮށްލެއްވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ. މީގެ އިތުރުން އިންތިޚާބެއް ކާމިޔާބުކުރުމުގައި ގެންގުޅެންޖެހޭ އުޞޫލުތަކާއި، ޑިމޮކްރަސީއެއްގައި ޒުވާނުންގެ ދައުރާ ބެހޭގޮތުން ވެސް މިބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.
ރާހުލް ގާންދީގެ ވާހަކަފުޅުގައި އެމްޑީޕީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާކަން ފާހަގަކުރައްވައި އެމްޑީޕީއާއި ކޮންގްރެސް ޕާޓީ އާއި ދެ ޕާޓީގެ ވެސް ކާމިޔާބީގެ ޙަޤީޤީ ސިއްރަކީ އެ ދެޕާޓީގެ ވެސް އެތެރޭގެ ޑިމޮކްރަސީ ހަރުދަނާކަން ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ދެ ޕާޓީގެ މެދުގައި ތަޖުރިބާ ހިއްސާކުރުމުގެ ގޮތުން ކުރާނޭ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކޮށް، ކުރިޔަށް އޮތްތަނުގައި ދެޕާޓީގެ މެދުގައި ޑިމޮކްރަސީއާގުޅޭ ތަފާތުއެކި ޕްރޮގްރާމްތައް ރާވައި ހިންގަވާނޭ ކަމުގައި ރާހުލް ގާންދީ ވިދާޅުވިއެވެ. ރާހުލް އިތުރަށް ވިދާޅުވީ ކޮންގްރެސް ޕާޓީގެ އަމާޒަކީ އިންޑިޔާގެ އެންމެ ފަގީރު، އެންމެ ބަލިކަށި އަދި އެންމެ ދުރުގައިވާ ރަށްފުށު ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނާ ހަމަޔަށް ޑިމޮކްރަސީ ވާޞިލްކޮށްދެއްވުން ކަމަށާއި، ކުށުގެ ރެކޯޑު ނެތް، ދީނީގޮތުން ހައްދު ފަހަނައަޅާފައިނުވާ ކޮންމެ މީހަކީވެސް ކޮންގްރެސްޕާޓީ ގައި އެމީހެއްގެ ސިޔާސީ ހަޔާތްކުރިޔަށް ގެންދިޔުމުގެ ފުރުޞަތު އޮތްމީހެއް ކަމުގައި ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީއަކީ ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި ކޮންގްރެސް ޕާޓީ ގެންގުޅޭ ރީތި ހަމަތަކާއި އުޞޫލުތަކާ އެއްގޮތަށް އެމްޑީޕީން މަސައްކަތްކުރުމުގެ ސަބަބުން ލިބުނު ކާމިޔާބީއެއްކަން ފާހަގަކުރެއްވެވިއެވެ.
ރާހުލް ގާންދީ ރާއްޖެއަށް ޒިޔާރަތްކުރައްވައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރެއްވުމަކީ އެމަނިކުފާނު ވަރަށް އުފާފުޅުކުރައްވާ ކަމެއްކަމުގައި އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހީމް ހުސައިން ޒަކީ ވިދާޅުވިއެވެ. އަދި ރާއްޖެއަށް ޒިޔާރަތެއްކުރެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދައުވަތު ދެއްވި ކަމަށްޓަކައި ރައީސް ނަޝީދަށް ރާހުލްގާންދީ ޝުކުރު އަދާކުރެއްވިއެވެ.

5 Comments »

  1. ޙަގީގަތުގައި ރާޙުލް ގާދީގެ ލޮބުވެތި ބައްޕާފުޅު މަރުޙޫމު ރަޖީވު ގާނދީ އަކީ މިރާއްޖޭގެ ވެރިކަމުގެ ބޯދާ އުސޫލުތައް ނައްތާ ލެއްވުމަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ދުނިޔޭގައި ހުރިނަމަ، ޔއގީނުންވެސް މިގައުމުގެ ވެރިކަން ހަރުދަނާ ކުރުމަށް ނުވަތަ ޑިމޮކްރަސީ ގާއިމުކުރުމަށް އެހީތެރިކަން ދެއްވީހެވެ’ މަރުޙޫމު ރަޖީވު ގާނދިއަކީ، އިންޑިޔާއިން ތަފާތު ކުރުންތައް ނައްތާ ލެއްވުމަށް މަސައްކަތް ކުރެއްވި ވަރުގަދަ ސިޔާސީ ލީޑަރެކެވެ. އައުހާރުވީ ޙާދިސާއިންވެސް އެނކަން އެނގެއެވެ. އެހެނީ، އިންޑިޔާއަކީ، ކާސްޓް އޮންނަ ގައުމަކަށް ވީހިނދު ވެސް މެޑްރާސްގައި ކެމްޕެއިން ކުރެއްވި ދުވަހު ސަލާން ކުރެއްވި އަންހެން މީހާއަކީ، އިންޑިޔާގެ ދުބުލީ އަންހެނެކެވެ. ޙަގީގަތުގައި ދުބުލީންނަކީ، އިންޑިޔާގެ ކާސްޓަށް ބަލާއިރު، އެތާގެ އެންމެ ދަށުދަރަޖައިގެ އަންހެނެކެވެ. ރަޖީވު ގާނދީ އައުހާރުކޮށްލީ މިދުބުލީ އަންހެން މީހާ ބޮމެއް ގޮއްވާލުމުގެ ސަބަބުންނެވެ. ރާޙުލްގާންދީ ރާއްޖެއަށް ޒިޔާރަތްކުރައްވައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާ ބައްދަލު ކުރެއްވުމަކީ އެމަނިކުފާނު ވަރަށް އުފާފުޅުކުރައްވާ ކަމެއްކަމުގައި ވިދާޅުވުމަކީ، އެމްޑީޕީއަށް ލިބުނު ފަޚުރެކެވެ. އަދި ރައީސުލް ޖުމްހޫރިއްޔާގެ ދައުވަތަކަށް ރާއްޖެވަޑައި ގެންނެވިކަމީ، ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަޚުރެކެވެ. އެހެނީ އިންޑިޔާއަކީ، މިސަރަހައްދުގެ އޮތް އެންމެ ބޮޑު ބިޔަ ގައުމެވެ. އަދި ދުނިޔޭގައި އޮތް އެންމެ ބޮޑު ޑިމޮކްރަސީއެވެ.

    Comment by Mahir/ Huludoo — Sunday, February 14, 2010 @ 1:52 am

  2. މިކަމުގައި ދެވަނަ ވިސްނުމަކަށް އެބަ ދާންޖެހެއެވެ. މިއަދު އަޅުގަނޑު މެންގެ ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ކަންކަމުގެ މައްޗަށް ނަޒަރު ހިންގާއިރު، ކަރުނައަޅާ ހިސާބަށް ކަންތައް ވަނީ ގޮސްފައެވެ. އެއީ އެއްވެސް ހާލެއްގައި ގައުމަށް ގެނެވުނު އިންގިލާބީ ތާރީޚީ ޑިމޮކްރަސީ ބަދަލުތަކުގައި މައްސަލަތަކެއް ހޫރީ އެއްނޫނެވެ. މައްސަލަ ހުރީ އަޅުގަނޑުމެންގެ އަމިއްލަ ވިސްނުމުގައެވެ. ނުވަތަ ތަޢައްޞުބުގެ ސަބަބުން މިތާރީޚީ ބަދަލު ގަބޫލުކުރުމަށް ބޭނުންނުވަނީއެވެ. ހެޔޮނިއަތުގައި ދިވެހި ޤައުމަށް ވިސްނާލި ކޮންމެ މީހަކުމެ މިއީ ތެދުކަމަށް ޤަބޫލު ކުރާނެއެވެ. ރާއްޖޭގެ ވެރިކަމުގައި މީގެ ކުރިންތިބި 30 އަހަރުވީ ވެރިން އެކަހެރިކޮށް، ވެރިކަން ނިގުޅައި ގަތީއެއްނޫނެވެ. ހިތާމައަކީ މިރާއްޖޭގައި އޮތް ބޯދާ ކައްޓަރު އުސޫލުތައް ނައްތާ ޤާނޫނޫނީ ހުދޫދުތަކުގެ ތެރޭގައި ރައްޔިތުންގެ ހިތާއި، ސިކުނޑިއާއި ތާއީދު ކާމިޔާބުކޮށް، މިސަރުކާރު ވެރިކަމަށް އައީ އެކަންތައް ވެވޭނެ ޤާނޫނީމަގު ތަނަވަސް ކުރުމުގެ އުއްމީދުގައެވެ. އަދި މިކަމަށް ބޭނުންވާ ޤާނޫނީ ބާރުތައް އަދި މުޅިންފުރިހަމަ ނުވެއެވެ. ނަމަވެސް ރައްޔިތުންނަށް ވަޢުދުތަކެއްވެ އެކަންކޮށް ދިނުމަށް އަރުވާ ޖަހާއިގެންނެވެ. ރައްޔިތުންގެ ހިތްތަކަށް ބިރާއި ހަޞަދަ އުފަން ކުރުވައިގެން ޤާނޫނީ ދާއިރާއިން ބޭރުން ވެރިކަން ބަދަލުކޮށްފައި ވޭހެއްޔެވެ؟ ބަޔަކު ގަބޫލު ކުރިޔަސް އަދި ނުކުރިޔަސް މިރާއްޖޭގައި އޮތް 30 އަހަރުވީ ބޯދާ ވެރިކަމުގެ އުސޫލުތައް އެމްޑީޕީ އިއްތިހާދުން ބަދަލުކޮށް، ވެރިކަމާއި ހަވާލުވީ ޤާނޫނީ ގޮތުން ސުލްހަވެރި ކަމާއެކުގައެވެ. ހިނިތުންވަމުން ކުރިޔަށްދެވެން އޮތް ހަރުދަނާ ޤާނޫނީ މަގު ޚިޔާރުކޮށް ގެންނެވެ. ވީހިނދު، ވެރިކަމެއް ނިގުޅައި ގަތުމަށްޓަކައި ޤާނޫނުގެ ތަރަހައިން ބޭރު އުކުޅުތައް ބޭނުންކުރުމުގެ ގޮތްތަކަކީ ކޮބާހެއްޔެވެ؟ ދުނިޔޭގައި ބޮޑެތި ޚުދުމުޚުތާރު ވެރިކަން ބަދަލު ކުރަންޖެހޭ، ހަމަތައް ބަޔާންކޮށް ބޮޑެތި ފޮތްތައް ލިޔެވިފައި ހުރިކަންކަން މިވެރިކަމުގެ ދުޝްމަނުން ގަބޫލު ކުރައްވާށެވެ’ ގައުމަށް ހެޔޮއެދޭ އެއްވެސް ބަޔަކު ދައުލަތުގެ މުހިއްމު މުއައްސަސާ ތަކުގެ ޤާނޫނީ ބާރު ކަނޑުވާލުން ނުވަތަ މުހިއްމު މުއައްސަސާ ތަކަށް ރައްޔިތުންގެ އިތުބާރު ފުހެލުން ނުވަތަ އެތަންތަނަށް ލޮބުވެތި ރައްޔިތުންކުރާ އިހްތިރާމާއި، ގަދަރު ރައްޔިތުންގެ ސިކުނޑިތަކުން މުޅިން ނައްތާލުމަށް މަސަކަތް ނުކުރާނެއެވެ. އަޅުގަނޑުމެން ސަރުކާރޭ މިކިޔާ ޤާނޫނީ ބާރަކީ، އިންސާނީ މާއްދީ ލޮލަށް ފެންނަ އެއްޗެއް ނޫނެވެ. ވީހިނދު، ރައްޔިތުންގެ ސިކުނޑީގެ ތެރެއިން އެ ހައިޡިއްޔަތު ފޮހެލުމަށް ނުވަތަ ސަރުކާރުގެ ހައިބަތުގެ މުހިއްއްމު ޤާނޫނީ ސިފަ ރައްޔިތުންގެ ވިސްނުމުން ބޭރުކޮށް ލެވުމަށް ކުރީގެ އުސޫލުތަކުގެ މައްޗަށް ލޯބިކުރާ ބަޔަކު އަޑީގައިތިބެ ގަދަވެގަތުމަށް ކުރާ ޤާނޫނާއި ޚިލާފު އަމަލުތަކަކީ، މިގައުމީ ދުވަހުގައި އަޅުގަނޑު އިންތިހާއަށް ކުށްވެރި ކުރާކަމެކެވެ. ވީހިނދު، މިއަދު އަޅުގަނޑު މެންގެ ރާއްޖޭގެ ސިޔާސީ އަދި އިގުތިސާދީ އާއްމު ހާލަތައް ބަލާއިރު، އެނބުރި ބޯދާ އުސުލުތަކުގެ މައްޗަށް ވެރިކަމުގެ ބާރުތައް ނަގުލު ކުރެވޭކަށް ނެތެވެ. ސަބަބީ، ކުރީގެ ވެރިކަމުގެ އުސޫލުން މިރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ މައްޗަށް އޭގެ ޒާތުގައި ދައުލަތުގެ މަތިވެރި ވާޖިބު އަދާކުރެވިފައި ނެތެވެ.

    Comment by Boduhelavan / Huludoo — Monday, February 15, 2010 @ 2:39 pm

  3. ވޭތުވެ ދިޔަ 30 އަހަރު ތެރޭގައި ދިވެހިލޮބުވެތި ރައްޔިތުންގެ ވިސްނުމަށް އައިސްފައިވާ އިންގިލާބީ ބަދަލުތަކާއި، އެއްވަރަށް ގައުމީ މަސްއޫލިއްޔަތުގެ ތެރެއިން ގައުމުގެ އިންފްރާސް ޓްރަކްޗަރ ތަރައްގީ ކުރެވުނު ނަމަ، އުއްމަތުގެ މައްޗަށް އޮތް ގައުމީ ޝަކުވާ ކުޑަވީހެވެ’ އެންމެ ރަނަގަޅެވެ އެއިރުގެ ސަރުކާރަށް މި މަސްއޫލިއޔްތު އަދާ ނުކުރެވުނީ ކީއްވެ ހެއްޔެވެ؟ ގައުމީ ގޮތުން ހަރުދަނާ ދިރާސާތަކެއް ކުރައްވާނެ ބަޔަކު އެއިރު ނެތީހެއްޔެވެ؟ ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ޙާލުގައި ޖެހުނު އެތައްބަޔު ދައުލަތުގެ އެހީއަށް އެދިއެދި އެބަ ތިއްބެވެ. ރާއްޖޭގައި ދެމިގެން ދިޔަ 30 އަހަރުވީ ވެރިކަމުގެ ޙުކޫމަތުގެ ތެރެއިން، ދިވެހި ރައްޔިތުންގެ މައްޗަށް އުނިވެގެން ދިޔަ މިފަދަ ގައުމީ ޙައްޤުތަކާއި، ގާނޫނީ ވާޖިބުތަކުގެ މައްޗަށް އަދާ ކުރަންޖެހޭ، މަސްއޫލިއްޔަތުގެ ތެރެއިން، އުނިވެގެން ގޮސްފައިވާ ޖަމާއަތުގެ ގޮތުންނާއި ފަރުދީ ހައްގުތަކުގެ ޒިންމާ މިއަދު އުފުލަނީ ކާކުހެއްޔެވެ؟ ޒަމާނުއްސުރެ، ދިވެހިން ދަތުރުފަތުރު ކުރަމުން ދިޔަ ބޯދާ އުސޫލުތައް ބަދަލުވެ ބޮޑެތި އިންޖީނު އެޅި ބޯޓްފަހަރާއި، ދޯނި ފަހަރުތަކުގެ މައްޗަށް ދަތުރުފަތުރު ކުރުމުގެ ވަށްޓަފާޅި ބަދަލުވީ ހިނދު، އެބަދަލުތަކާއި، އެއްވަރަށް ގައުމުގެ އިންފްރާސް ޓްރަކްޗަރ ބަދަލުކޮށް ލުމުގެ ގާބިލުކަން އެއިރުގެ ސަރުކާރަށް އެނގިވަޑައި ނުގަތެވެ. ރަށްގިރުމުގެ މައްސަލާގައި، އެކަމުގެ ބިރުވެރިކަމާއި އުނދަގޫ ތަހައްމަލު ކުރަމުންދާ އަތޮޅުތަކާއި، ރަށްތައް އެބަހުއްޓެވެ. ގައުމުގެ އިޖުތިމާޢީ އަދާލަތު ހައްޤު ގޮތުގައި ލާމަރުކަޒީ އުސޫލުތަކުގެ މައްޗަށް އަދާ ނުކުރެވުމުގެ ސަބަބުން ރާއްޖޭގެ އުތުރާއި ދެކުނު ފަޅުވެ ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ތެރެއިން ގިނަބަޔަކު މާލެއަށް ހިޖުރަކުރުމުގެ ސަބަބުން އެބައި މީހުންގެ ގޯތިގެދޮރު ޚަރާބުވެ ގިނަ އާއިލާތަކުގެ މައްޗަށް ކުރިމަތިވީ ހިތްދަތިކަމާއި، މާޔޫސްކަމާއި ލިބުނު މާލީ ބޮޑެތި ގެއްލުން ތަކުގެ ޒިންމާ މިއަދު އުފުލަނީ ކާކުހެއްޔެވެ؟ ވަޒީފާތަކުގެ މައްޗަށް ބަރޯސާވެ ތިބި ކަރުނަ އަޅަމުންދާ ދިވެހިންގެ ވޭނީ އުދާސްތަކުގެ އަޑު މިއަދުއަހާ، އެ މަސްއޫލިއްޔަތުގެ ޒިންމާ މިއަދު އުފުއްލަވަނީ ކާކުހެއްޔެވެ؟
    ތެދެކެވެ’ ގައުމީ ހަޔާތުގެ ތެރެއިން، އެޤައުމެއްގެ ރައްޔިތުންގެ ހުރިހާ ބޭނުންތައް ސަރުކާރަކަށް ގޭބިސީތަކުގެ މައްޗަށް އަދާކޮށް ނުދެވޭނެއެވެ. ނަމަވެސް ގައުމުގެ އޮންނަ ޠަބީޢީ މުއްސަނދިކަމާއި، އިންސާނީ ވަސީލަތުގެ މައްޗަށް އެމްޕަވަރކޮށް، ގައުމު ތަރައްގީ ކުރުމުގެ ގާނޫނީ މަސްއޫލިއްޔަތު އުފުލަން ޖެހޭނީ، ރައްޔިތުން އެ މަސްއޫލިއްޔަތު އަދާކުރުމަށް ގާނޫނީ ގޮތުން އިންތިޙާބު ކޮށްފައި އޮންނަ ސަރުކާރަކުން ކަމަށް ވީހިނދު، މިމަސްއޫލިއްޔަތާއި، ގައުމީ ވާޖިބުތަކުގެ މަތިން ކުރިން މިގައުމުގައި ވެރިކަން ކުރެއްވި 30 އަހަރުވީ ސަރުކާރަށް ބަރީއްޢަވެވޭނެ އެއްވެސް ހައިޘިއްޔަތެއް މިއަދު ނެތެވެ. ވީހިނދު، ފަރުދީ ތަނަވަސްކަމާއި، ގައުމުގެ އަމިއްލަ ވަންތަކަމާއި، އަމިއްލަ ފުދުންތެރިކަމުގެ އަލީގައި މިގައުމު އާރާސްތު ކުރުމުގެ މަސްއޫލިއްޔަތު ޑީއާރުޕީން އުފުލަން ޖެހޭނެ ކަމުގައި ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމް ޑީއާރުޕީގެ ކޮންގުރެސް ޖަލްސާ ހުޅުވާ ދެއްވަމުން ވިދާޅުވީ ހިނދު، ތިމެން މަނިކުފާނުގެ ޒަޢާމަތުގައި އިސްވެ ނަން ގަނެވުނު ގައުމީ ތަރައްގީގެ ހުސްކަން މުޅި އުއްމަތުގެ މައްޗަށް ކުރިމަތިވީ ނުވީނަމަ، އަދި ގައުމުގެ އިންފްރާސް ޓްރަކްޗަރ ހަރުދަނާ ކުރެވުނު ނަމަ، އަދުގެ ސަރުކާރަށް ޕްރައިވަޓައިޒް ކުރުމާއި، ޕްރައިވެޓް ޕްބްލިކް ޕާޓަނަރގެ ޝިޕްގެ ތެރެއިން ގައުމީ ޚިދުމަތުގެ ކަންކަން ގެންދާކަށް ނުޖެހުނީހެވެ’ މިހެން އަމިއްލަ ފުޅަށް ވިދާޅުވީ ނަމަ، ލައްކަ ތާހިރުވީހެވެ’

    Comment by Hassan Mahir / Huludoo — Tuesday, February 16, 2010 @ 12:43 pm

  4. މައުމޫނެވެ’ ދިވެހިންގެ މަނިފަވެރި ރާއްޖެއަކީ، ދުނިޔޭގައި އޮތް އެންމެ ސުލްހަވެރި އެންމެ އަމާން އެއްޤައުމު ކަމުގައި ދިވެހިން ދިޔައީ ދަޢުވާކޮށް، އެކަމުގެ އުފާ ކުރަމުންނެވެ. އަޅުގަނޑު މެންގެ ލޮބުވެތި ވަޠަނަކީ، ވާރުތަ ވެފައިވާ ތަފާތު ނަސްލުތަކެއް ނެތް ގައުމެކެވެ. އެހެންމެ ކާބަފައިން ވާރުތަކޮށް ދެއްވި މާތްވެގެންވާ އިސްލާންދީނުގެ މަތިވެރި ހިދާޔަތުގައި ސާބިތުވެ ތިބި މައުސޫމު ރައްޔިތުން ތަކެކެވެ. ރަސްރަސް ކަލުންގެ ހިރިޔާ ފާތުރާ ދަށުން ފުރަމާނަ ވެރިކަމުގެ ކީރިތި މަހާރަދުން ރުއްސެވި މީހަކަށް ރަށްރަށުގެ ހަޠީބުކަމާއި، ނާއިބުކަން ލިބި ޒަމާންތައް ކަޑައްތު ކުރި މައުސޫމު ދިވެހިންނެވެ. ރާއްޖޭގެ ރަށްތަކަށް ލެއްގި މާވަހަރުކޮޅު ރަސްގެފާނުގެ ދަރުބާރަށް އުފަލުން ހަދިޔާކޮށް، އެކަމުގެ ޝުހުރަތުގެ މައްޗަށް ފަޚުރުވެރިވީ ދިވެހިންގެ ދަރިންނެވެ. ރާއްޖޭގެ ގޮއިފާލައްބަ ފަދަ ތަންތަން ދިވެހިންގެ ބޮޑެތި އާއިލާތަކުގެ މައްޗަށް ގޮއިވެރިޔާގެ އަތުން ފުރަބަންޑާރަ އަށް އެއްވެސް އެއްޗެއް ނުލިބޭ ގޮތުން ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ޚަރާބު ކުރެއްވި ވެރިކަމުގެ ޙުކޫމަތުގެ ތެރޭގައި ދިރިއުޅުނު ކާބަފައިންގެ ދަރިންނެވެ. ރާއްޖޭގެ އުތުރާއި ދެކުނުގެ ފަޚުރުވެރި ދަރިންގެ އިއްޒަތާއި ގަދަރު ޚަރާބުވެ ދިޔަ ކާބަފައިންގެ ދަރިންނެވެ. ރާއްޖޭގެ ލޮބުވެތި ދަރިންގެ މައްޗަށް ކުޑަސިޓީ ތަޢާރަފް ކުރި ބަޅާ ބަދުމާޝީ ވެރިކަމުގެ ހިތިރަހަ ލިބުނު ދަރިންނެވެ. ވީހިނދު، އެމްޑީޕީގެ ސިޔާސަތަކީ، މަތީގައި ބަޔާންކުރެވުނު ކައްޓަރު ބޯދާ އުސުލުތަކުގެ ތެރެއިން މުޅި ދިވެހި އުއްމަތް ސަލާމަތް ކުރުމެވެ.
    މިރާއްޖެއިން ވާރުތަ ވެފައިވާ ދައުލަތުގެ އެއްވެސް މުދަލެއް ނެތި ގަދަ ހިއްވަރާއި މިންނަތުން މިގައުމު ތަރައްގީ ކުރުމުގެ ބުރަ މަސައްކަތް މަރުހޫމް އިބްރާހިމް ނާސިރު ފެއްޓެވީ ގަދަ ހިއްވަރާއެކު ގައެވެ. މިގައުމުގައި ތަރައްގީގެ އޮށް އިންދަވާ ދެއްވީ ޔަގީނުން ވެސް މަރުހޫމު އިބްރާޙިމް ނާސިރުކަމަށް ވީހިނދު، ތަރައްގީގެ ގަސްފަޅާ އެގަހުގެމޭވާ ކެނޑީ މަނިކުފާނެވެ. ނަމަވެސް އެމޭވާތަކުގެ ހަގީގީ މަންފާޢަ ރައްޔިތުންނަށް ނުލިބުނެވެ. ސަބަބަކީ، ބޮޑު ޅޮސްގަހަކުން ދޭފަތެއް ނެހެދުނު ބީދައިން މިދައުލަތް 30 އަހަރު ވަންދެން ހިންގުމެވެ އެ މުސީބާތް ރައްޔިތުން ތަޖުރިބާ ކޮށްފިއެވެ. ސަލާމަތް ބުއްދީގެ އަހުލުވެރިން މިކަމުގެ މައްޗަށް އިންސާފު ކުރައްވާށެވެ. ރަސްކަލެއްގެ ސިފަ ކުރިއަށް ނެރެ ރަސްރަސް ކަލުންނަށް ގައުމުގެ ވެރިކަމާއި ބާރު ވާރުތަވާ ބީދައިން، ސިޔާސީ ކަންކަމުގެ މައްޗަށް މައުސޫމު ރައްޔިތުންގެ ވިސްނުމުގެ މައްޗަށް ސަވާރުވެ ސިޔަސީ ގޮތުން އުއްމަތުގެ މައްޗަށް ތިޔަކުރައްވާ އަނިޔާގެ ހިތިރަހަ ފިލައިދާނީ ކިހާދުވަހަކުން ބާވައެވެ؟ މައުމޫނެވެ’ މަނިކުފާނުގެ ވެރިކަމުގެ އެއްވެސް ދައުރެއްގައި ދިވެހިން ގާނޫނީ ގޮތުން މިގައުމުގެ ވެރިކަން އެއްވެސް ސިޔާސީ ޕާޓީއަކާ ހަވާލުކޮށްފައި ނުވާހިނދު، މައުމޫނަށް ޑީއާރުޕީގެ ތެރެއިން މިގައުމުގެ ވެރިކަން ކުރެވުނީ ކިހިނެއް ހެއްޔެވެ؟ ސިޔާސީ އެތައް ޕާޓީއެއް އުފެދިފައިވާ ތިންލައްކަ އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް ޤައުމެއްގައި ސިޔާސީ ގޮތުން މިހާ ހަލަބޮލިކަން އުފެދިފައިވާ ނާޒުކް ދަނޑި ވަޅެއްގައި ތިޔަފަދަ ސިޔާސީ ނުވަތަ ގާނޫނީ އެއްވެސް ބަރުދަނެއް ނެތް ވާހަކަފުޅެއް ދެއްކެވީތީ އަޖައިބުވެ އަންތަރީސް ވަމެވެ. މަނިކުފާނެވެ’ 30 އަހަރުވީ މަނިކުފާނުގެ ޒަޢާމަތުގައި މިރާއްޖޭގެ ސިޔާސީ އަދި އިޤުތިޞާދީ އިޖުތިމާއީ އަދާލަތުގެ މައްޗަށް މަނިކުފާނު ގެނަސް ދެއްވި ދެމެހެއްޓެ ނިވި ތަރައްގީއެއް ނިކަން ވިދާޅުވެ ދެއްވާށެވެ. މަނިކުފާނެވެ’ ދިވެހިންގެ މަނިފަވެރި ރާއްޖެއަކީ، ދުނިޔޭގައި އޮތް އެންމެ ސުލްހަވެރި އެންމެ އަމާން އެއްޤައުމު ކަމުގައި ދިވެހިން ގަބޫލުކޮށް، އެކަމުގެ އުފާ ކުރީ މަނިކުފާނު އުފެއްދެވި ސިޔާސީ ފަލްސަފާ ކަމަށްވާ އިތުރަށް ހަރުދަނާ ކުރުމާއި، ރާއްޖެތެރެ ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ފަލްސަފާގެ ތެރެއިންނެވެ. މިފަލްސަފާވީ އަވާ މެންދުރަކަށެވެ.

    Comment by Hassan Mahir / Huludoo — Wednesday, February 17, 2010 @ 2:33 am

  5. އޮނަރަރީ ޒަޢީމު މައުމޫނެވެ’ 17 ފެބްރުއަރީ ވީބުދަ ދުވަހުގެ ރޭ އެމްޑީޕީން އިންތިޒާމުކޮށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގެ ލައިވު ކަވަރޭޖް ބެއްލެވިން ތޯއެވެ؟ ސ. ފޭދޫ ދާއިރާގެ މެންބަރު އަލްހާނު ފަހުމީއަށް ވީކިހިނެއް ތޯއެވެ؟ މަޖިލީހުގައި ހައްގު ފާޅުކުރުމުން އެކަން މަނިކުފާނުގެ ޒަޢީމުކަމުގެ ހިރިޔާ ފާތުރާދަށުގައި ތިބި މެންބަރުންނަށް ހަޖަމު ނުކުރެވުނެވެ. މަނިކުފާނެވެ’ ދިވެހިން މިއަދު ވަނީ، 21 ވަނަ ޤަރުނަށް ކުރިމަތި ލާފައެވެ. ހެޔޮ ވިސްނޭ ބައެއްގެ ގޮތުގައެވެ. ފިނި ހަނގުރާމަ ނިމި އިއްތިޙާދީންގެ މެދުގައި އދ އުފެދި ދުނިޔެ ކޮލޮނައިޒް ކުރުމުގެ އިސްތިޢުމާރީ ނުބައި އަމަލުން ދުނިޔޭގެ ބާރުގަދަ ޤައުމުތަށް އެކަހެރި ވެއްޖެކަން ޤަބޫލުކުރާ ބައެއްގެ ގޮތުގައެވެ. ފަރަންޖީނާއި، ޕޯޗްގީޒުންގެ ބިރުވެރިކަން ރާއްޖެއިން ނެތި، ވޯރާ ވިޔަފާރިވެރީން މިޤައުމުން ހިނގައްޖެކަން ޤަބޫލުކުރާ ބައެއްގެ ގޮތުގައެވެ. ވީހިނދު، ބޯދާ ވިސްނުމާއި، ޖާހިލު ފިކުރުތަކުގެ އަލީގައި ވިސްނުން ދޯހަޅި މީހުންގެ ބޮލަށް ސަވާރުވުމަށް މަސައްކަތް ނުކުރަށް ވާށެވެ. ގައުމެއްގެ އިންފްރާސް ޓްރަކްޗަރ ޕްރައިވަޓައިޒް ކުރުމާއި، ޕްރައިވެޓް ޕަބްލިކް ޕާރޓަނަރ ޝިޕުގެ ދަށުން ދައުލަތުގެ މުއައްސަސާތައް ހިންގުމަކީ، ދައުލަތުގެ ހަރުމުދާ ވިއްކުމެއް ނޫނެވެ. މިސާލަކަށް މަނިކުފާނު އަހަރުމެންގެ ދަމާސް ޞާލިޙުބެއްޔާ އަށް ކުއްޔަށް ދެއްވާފައިވާ ކިބިގަސް ދޮށުގޭ ގުދަންހުރީ ވިއްކާފަ ތޯއެވެ؟ މަނިކުފާނެވެ’ 1978 އަހަރު ރާއްޖޭގައި ބިންގާ އެޅުނު މަނިކުފާނުގެ ވެރިކަމަކީ، ރާއްޖޭގެ އުތުރާއި، ދެކުނު ސުންނާ ފަތި ކޮށްލި މަކަރުވެރި ވެރިކަމެކެވެ. އުއްމަތައް ޢަދަރު ވެރިވީ މިވެރިކަން ރައްޔިތުން އިންޤިލާބު ކޮށްލީ، ޒަމާނީ ޑިމޮކްރަސީގެ ހެޔޮވިސްނުން ލިބިގަށް އެމްޑީޕީ އިއްތިޙާދަށް ތާއިދުކުރި ދިވެހި ރައްޔިތުންނާއި، އެހެނިހެން ފަރާތްތައް ޝާމިލް ވެގެންނެވެ. އެހެންކަމުން މިޙަޤީޤަށް އޮޅުވާ ލުމަށްޓަކާ މަނިކުފާނާއި، މަނިކުފާނުގެ އަޢުވާނުން މިޤައުމުގައި ކިތަންމެ ވަރަކަށް ނަޢަރާކުރި އަސް، ޙައްޤުއެއީ ބާޠިލް އެއްޗަކަށް ނެހެދޭނެއެވެ. ﷲ އަށް ޙަމްދާއި، ޝުކުރު ކުރަމެވެ. އިންސާނުން ހޮހަޅުތަކުން ނިކުމެ ފަޒާގައި ދަތުރުކޮށް، ތަރައްޤީގެ އިތުރު ކުރިއެރުންތައް ހޯދަމުން ދާއިރު، 30 އަހަރު މަނިކުފާނު މިޤައުމުގައި ކުރެއްވި ވެރިކަމުން އުއްމަތައް ޙާސިލްވީ ކުރިއެރުން ތަކަކީ، ކޮބާއިތޯއެވެ؟ އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް މިއަދު ސުއާލު ކުރަން އެބަޖެހެއެވެ. އަޅުގަނޑުގެ ނަޒަރުގައި، މާޡީވެދިޔަ 30 އަހަރު މިޤައުމު ހިންގި ބަދުމާޝީ ވެރިކަމުގެ މިސާލީ، ޔަތީމު ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމެވެ. ކަންއޮތީ މިހެންކަމުގައި ވީހިނދު، އަދުގެ ސަރުކާރުގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ގައުމީ އަމާނާތެއް އެބައޮތެވެ. އެއީ 30 އަހަރު މިޤައުމުގައި ހިންގި ބަދުމާޝީ ވެރިކަމުގެ ސަބަބުން އުއްމަތުގެ މައްޗަށް ގާއިމު ނުކުރެވުނު އިޖުތިމާޢި އަދާލަތު އަވަހަށް ގާއިމުކޮށް ދިނުމެވެ. މިކަން ﷲގެ ވާގި ފުޅާއެކު، މިސަރުކާރުން ކުރައްވާނެއެވެ.
    އިންޓަރ ނޭޝަނަލް ބެސްޓް ޕްރެކްޓިސް މިސިޔާސަތުގެ މައްޗަށް ރިޢާޔަށްކޮށް، މަލްޓި ޕާޓީ ނިޒާމުގެ މައްޗަށް ދަޢުލަތް ހިންގާ ޤައުމެއްގައި ސިޔާސީ ޕާޓިތަކުން އަދާކުރަން ޖެހޭ، ސިޔާސީ ދަޢުރުތަކަކީ ކޮބާއިކަން މިއަދު މިވަނީ، ބައެއް މީހުންގެ މެދުގައި އޮޅިފައެވެ. ސަބަބަކީ، ޤައުމެއްގެ ސިޔާސީ ޙަޔާތުގައި ސިޔާސީ ޕާޓީތަކުގެ ދައުރުތަކަކީ، ކޮބާއިކަން އޮޅުން އަރާ ފަދަ، ގޮތެއްގެ މައްޗަށް ސިޔާސީ ކަންކަމުގައި ޝާމިލުވާ ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ގެންދަތީއެވެ. ސިޔާސީ ނަޒަރަކުން ވިސްނާއިރު، ޤައުމެއްގެ ސިޔާސީ ޙަޔާތުގައި ސިޔާސީ ޕާޓީތަކުން އަދާ ކުރަންޖެހޭ، އެންމެ އިސްދަޢުރަކީ، ވާދަވެރި ރޫޙެއްގައި ޤައުމުގައި ބާއްވާ ރިޔާސީ އިންތިޙާބު ތަކުގައި ބައިވެރިވެ، ރައްޔިތުންނަށް ސަރުކާރު ހިންގާދޭނެ ސިޔާސަތު ޙާމަކުރުމާއި، ރައްޔިތުން ދަޢުލަތް ހިންގުމުގެ މަސްޢޫލިއްޔަތު ޕާޓީއަކާއި، ހަވާލު ކޮށްފިނަމަ، އެޕާޓީއަކުން ޤައުމަށް ގެނަސް ދެއްވާނެ ތަރަށްޤީއާއި، ކުރިއެރުންތައް މެނިފެސްޓޯ އެއްގެ ގޮތުގައި ޙާމަކުރުން ކަމުގައި ވީހިނދު، ސިޔާސީ ޕާޓީތަކުން ހުށަހަޅާ މެނެފެސްޓޯގެ ތަކުގެ ޙަޤީޤީ ބޭނުމަކީ، ވާދަވެރި ރޫޙެއްގައި ޤައުމުގައި ބާއްވާ އިންތިޙާބު ތަކުގައި ބައިވެރިވެ އެންމެ ރަނގަޅަށް ދަޢުލަތް ހިންގާދޭނެ ބަޔަކު ނުވަތަ ޕާޓީއެއް ޚިޔާރު ކުރުމުގެ ފްރުޞަތް ރައްޔިތުންނަށް ފަހިކޮށް ދިނުމެވެ. ކަމުގެ ޙިކުމަތަކީ، ފުރޭނިގެން އެންމެ ރަނގަޅަށް ދަޢުލަތް ހިންގާދޭނެ ބަޔަކު ނުވަތަ ޕާޓީއެއް ހޯދުންކަމަށް ވީހނދު، ރައްޔިތުން ވޯޓްދޭނީ، އެންމެ ރަނގަޅު ހުށަ ހެޅުންތައް ހުށަހެޅި ޕާޓީއަކަށެވެ. މިނަން ގަނެވުނު އުސޫލުން ދުނިޔޭގެ ކަންކޮޅު ތަކުގައި ސިޔާސީ ޙަރަކާތްތައް ގެންދިއުމުގެ އުސޫލު ސިޔާސީ މުފަތްކިރުން ތަޢާރަފް ކުރުމުގެ ޙިކުމަތަކީ، އެއްވެސް ޙާލެއްގައި ދުނިޔޭގައި ޑިމޮކްރަސީ އުސޫލުން ވެރިކަން ހިންގާ ޤައުމު ތަކުގައި ފިތުނަ އުފެއްދުމެއް ނޫނެވެ. ސިޔާސީ ޙަރަކާތްތައް ވާދަވެރި އުސޫލުން ގެންދިއުމުގެ އެއްމެ މުޙިއްމު ބޭނުމަކީ، ޠަބީޢީ ގޮތުން އެފަދަ ކަންތައްތައް ރަނގަޅު ކުރުމެވެ. އެކަމަކު މަނިކުފާނުގެ ވިސްނުން ފުޅުގައި މިޙިކުމަތް ނެތެވެ. މަނިކުފާނެވެ’ ސ. ފޭދޫ ދާއިރާގެ އަލްހާނު ފަހުމީއަށް ވީކިހިނެއް ތޯއެވެ؟ މަޖިލީހުގައި ހައްގު ފާޅުކުރުމުން މަނިކުފާނު މެންނަށް އެކަން ހަޖަމު ނުކުރެއްވުނީ ތާއެވެ’

    Comment by Hassan Mahir / Huludoo — Thursday, February 18, 2010 @ 1:39 am

Leave a comment