mdp_banner

Monday, May 15, 2017

ފާރިސް މައުމޫންގެ ޕާސްޕޯޓު ހިފެހެއްޓުން ކުށްވެރިކުރުން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ ޕާސްޕޯޓު ކުރިން އެންގުމަކާ ނުލައި ހިފަހައްޓައި އެމަނިކުފާނު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުން އެއްވެސް ހަމައެއް ނެތި މަނާކޮށްފައިވާތީ އެކަން އެންމެ ހަރު އަޑުން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ކުށްވެރިކުރަމެވެ. އަދި މިހާރުން މިހާރަށް ފާރިސް މައުމޫނަށް ފުރާވަޑައިގެންނެވޭނެ ގޮތް ހަމަޖެއްސުމަށް ދައުލަތުގެ އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ.

އިންޑިޔާގެ ބެންގަލޫރުގައި ބޭސްފަރުވާ ހޯއްދަވަމުންގެންދަވާ ޢާއިލީގޮތުން ގާތް ބޭފުޅަކަށް ޒިޔާރަތްކުރެއްވުމަށް އާދީއްތަ ދުވަހު ފުރާވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގަތުމުން ފާރިސް މައުމޫންގެ ޕާސްޕޯޓު ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ހިފަހައްޓާފައިވާކަމަށް އެންގިނަމަވެސް އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް އެމަނިކުފާނަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން އަންގާފައިނުވާކަން ފާހަގަ ކުރަމެވެ. މީގެ ކުރިން ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވީނަމަވެސް އަމުރުގެ މުއްދަތު މިހާރު ފަހަނަޅައި ދިއުމަށްފަހު އަލުން ޕާސްޕޯޓު ހިފެއްޓިކަމުގެ އެއްވެސް މައުލޫމާތެއް ދީފައިނުވާކަން ފާހަފަ ކުރަމެވެ. އެފަދަ ކަމެއް ކުރުމުގެ އެއްވެސް ސަބަބެއް ދައުލަތުގެ އެއްވެސް މުވައްސަސާއަކުން ހާމަކޮށްފައިނުވާކަންވެސް ފާހަގަ ކުރަމެވެ.

ފާރިސް މައުމޫންގެ ޕާސްޕޯޓު ހިފަހައްޓައި އާއިލާގެ ބޭފުޅަކަށް ޒިޔާރަތްކުރުމަށް ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިއީ އެއްވެސް ހަމައެއް ނެތް ގޮތުގައި ސަރުކާރާ ވާދަވެރި ސިޔާސީ ފަރާތްތަކަށް ދުއްތުރާ ކުރުމުގެ ތެރެއިން ކުރެވޭ ރަހުމް ކުޑަ ކަމެއް ކަމުގައި ޤަބޫލުކުރަމެވެ.

ސިޔާސީގޮތުން ސަރުކާރު ބަލިކަށިވެ އެއްވެސް ފަރާތަކާ ވާދަކުރުމުގެ ހިއްވަރު ނެތުމުން މި ސަރުކާރުގެ ކޮންމެ ޢަމަލަކީ މިހާރު ޚުދުމުހުތާރު ވެރިކަމެއް ދަމަހައްޓަން ކުރާ ކަމެކެވެ. ކޯޓުތައް ބޭނުންކޮށްގެން ޤާނޫނު އަސާސީއަށް ބަދަލު ގެނައުމާއި، ސިޔާސީ ލީޑަރުން ޖަލަށް ލުމާއި، އަސާސީ ޙައްޤުތަކުން މަހުރޫމް ކުރުވުމާއި، ސިޔާސީ ޕާޓީތަކުގެ ބާރު ކަނޑުވާލުމާއި، މަޖިލިހާއި މުވައްސަސާތައް ހިސާރުކުރުމަކީ ދިވެހިން ބަލައިގަންނަ ކަންކަމެއް ނޫންކަން 6 މެއި ގައި ބޭއްވުނުް އިންތިޚާބުންވެސް ހާމަވެއެވެ. މިކަންކަން އިސްލާހް ކުރަން ދިވެހިން މިއަދު މި ވަނީ ކެތްމަދުވެފައެވެ.

ސިޔާސީ ފަރާތްތަކަށް ފުރައްސާރަ ކުރުން ހުއްޓާލުމަށް ގޮވާލައި ފާރިސް މައުމޫނަށް އެމަނިކުފާނުގެ ޢާއިލީ ބޭފުޅުންނަށް ޒިޔާރަތްކުރެއްވުމަށް ހުރަސް ނޭޅުއްވުމަށް ގޮވާލަމެވެ. ފަރުދީ މިނިވަންކަން ހިފެހެއްޓޭފަދަ ނިންމުމެއް ނުވަތަ އަމުރެއް ދައުލަތުގެ އެއްވެސް މުވައްސަސާއަކުން ނެރޭއިރު، ތުހުމަތު ކުރެވޭ ކަންކަމަށް ޖަވާބުދާރީވުމުގެ ފުރުޞަތު އެ ފަރާތަކަށް ލިބިންޖެހޭނެ ކަމަށްވެސް މި ޕާޓީން ދެކެމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކެޓޭރިއެޓް
ތާރީޚް: 15 މެއި 2017

No Comments »

No comments yet.

Leave a comment