mdp_banner

Monday, May 15, 2017

ރައްޔިތުންގެ ތާއީދު ހޯދާނޭ ގޮތް ދަސްކުރެއްވުމަށް ރައީސް ޔާމީނަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ފަލާހު ގޮވާލައްވައިފި

ދިވެހި ރައްޔިތުންގެ ތާއީދު ހޯދާނޭ ގޮތް ދަސްކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީނަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ފަލާހު ގޮވާލައްވައިފިއެވެ.

“ރައްޔިތުންގެ ބަދަލު” ގެ ނަމުގައި ގުޅިފައިވާ އިއްތިހާދުން އާދީއްތަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ވިދާޅުވީ ރޯދަމަހާ ކައިރިކޮށް ކަދުރާއި މަސްދަޅު ބަހަން އަނބިކަނބަލުން ފާތުމަތު މުހައްމަދު ނެރުއްވައިގެން ރައްޔިތުންގެ ތާއީދު ލިބޭނޭ ކަމަށް ރައީސް ޔާމީން ހީފުޅު ކުރެއްވުމަކީ މޮޔަކަމެއް ކަމަށާއި، ރައީސް ޔާމީނަކީ އެއްގޮތަކަށް ވެސް ރައްޔިތުންގެ ތާއީދު ހޯއްދަވަން އެނގިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިނަށް ރަށްރަށަށް ކުރި ދަތުރުތަކުން މި ސަރުކާރުގެ ސިޔާސަތުތަކާ މެދު ރައްޔިތުން ނުރުހިފައި ތިބި މިންވަރު ވަރަށް ރަނގަޅަށް ސާފުވި ކަމަށާއި، ރައީސް ނަޝީދުގެ ސަރުކާރުން ޑިއުޓީ މާފުކުރި މުދަލުން ޑިއުޓީ ނަގަން ފަށައި، ހަނޑޫހަކުރު ފުށާއި، ކަރަންޓު ބިލުގެ އަގު ބޮޑު ކުރުމުގެ ސަބަބުން ރައްޔިތުން ތިބީ މި ސަރުކާރު ދެކެ ވަރަށް ބޮޑަށް ނުރުހިފައި ކަމަށެވެ.

ޝަރުތުތަކަކާ އެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ދޫކޮށްލި މައްސަލައަށް އިޝާރާތްކުރައްވަމުން ފަލާހު ވިދާޅުވީ ގާސިމަށް ޝަރުތު ކަނޑައަޅާފައި ވަނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހުރިހާ އަސާސީ ހައްގަކާ ޚިލާފަށް ކަމަށެވެ. ކޯޓުތައް ޝަރުތުތައް ކަނޑައެޅުމުގެ ބާރު އޮތް ނަމަވެސް ގާނޫނު އަސާސީއާ ގާނޫނުތަކާ ތަޢާރަޒްވާ ޝަރުތެއް ކަނޑައެޅުމުގެ ބާރު އެއްވެސް ކޯޓަކަށް ލިބިގެން ނުވާ ކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ ސްޕްރީމް ކޯޓުގައި މިއަދު ކުރިޔަށް ގެންދިޔަ ދުސްތޫރީ މައްސަލައިން ސާފުވާ ކަމަކީ ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވިހެން ގުޅިފައިވާ އިއްތިހާދަށް 57 މެންބަރުން ހަމަވެ ސަރުކާރު ޕްރެޝަރަށް އައިސްފައިވުން ކަމަށެވެ.

No Comments »

No comments yet.

Leave a comment