mdp_banner

Thursday, May 11, 2017

އޮނަރަބް ޤާސިމް އިބްރާހީމަށް ލިބިދޭ އަސާސީ ޙައްޤުތަކުން މަޙްރޫމުކުރުން ޤާނޫނު އަސާސީއާ ޚިލާފް

ޖުމްހޫރީ ޕާޓީގެ ލީޑާަރު އޮނަރަބްލް ޤާސިމް އިބްރާހީމް ޝަރުތުތަކާއެކު ނަމަވެސް ޖަލު ބަންދުން ސަލާމަތްވެފައިވާކަމީ އިންސާފު ޤާއިމުކުރުުމަށް ކުރެވެމުން އަންނަ މަސައްކަތްތަކަށް ލިބޭ ބޮޑު ކުރިއެރުމެކެވެ.

ޝަރުތުތަކަކާއެކު އޮނަރަބްލް ޤާސިމް އިބްރާހީމް ދޫކޮށްފައިވަނީ އެމަނިކުފާނަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ޙައްޤުތަކުން މަޙްރޫމްކޮށްފައެވެ. ޤާނޫނުލް އުޤޫބާތުގައި ކުށެއް ކަމަށް ކަނޑައަޅާފައިނުވާ ކަންކަން މަނާކުރުމާއި ކަނޑައެޅިގެން ޤާނޫނު އަސާސީން އެމަނިކުފާނަށް ލިބިދޭ ޚައްޤުތައް ހިފެހެއްޓުމަކީ ޚުދުމުހުތާރު ވެރިކަން ދެމެހެއްޓުމަށް ކުރާ ކަމެކެމެވެ. އެފަދަ ޝަރުތުތައް ކަނޑައެޅުމަކީ ޝަރުޢީ ކޯޓުތަކަށާއި ދައުލަތުގެ މުވައްސަސާތަކަށް ލިބިގެންވާ ބާރެއްނޫނެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓަށް އޮނަރަބްލް ޤާސިމް އިބްރާހީމް ތާޢީދު ކުރެއްވުމާ ގުޅިގެން ޢަބްދުﷲ ޔާމީންގެ ސަރުކާރުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ދުއްތުރާތައް ކުރުމާއި އަނިޔާވެރިކަން އިންތިހާއަށް އިތުރުކުރަމުން އަންނަކަމީ މިއަދު ދިވެހިން ބަލައިގަންނަ ކަމެއް ނޫނެވެ. އަދި މިކަން މެއި 6 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވަރަށް ފުރިހަމައަށް ރައްޔިތުން ދައްކުވައިދީފިއެވެ.

ރައްޔިތުންގެ ފުރިހަމަ ތާއީދު ލިބިފައިވާ ސިޔާސީ ލީޑަރުންނަށް ސިޔާސީ މަސައްކަތް ކުރެވޭނެ ޖާގައާއި ފުރުޞަތު ލިބެންޖެހޭނެއެވެ. ރައްޔިތުންނާ މަޝްވަރާކޮށް، ޖަލްސާތައް ބާއްވައި ދޮރުން ދޮރަށް ހިނގައި، ރައްޔިތުން އެދޭ ކަންކަމަށް ވަކާލާތު ކުރުމަކީ ޑިމޮކްރަޓިކް ނިޒާމެއްގައި މިނިވަންކަމާއެކު ސިޔާސީ ޕާޓީތަކަށާއި އެ ޕާޓީތަކުގެ ލީޑަރުންނަށް ކުރެވެން ޖެހޭނެ ކަންކަމެވެ. ކޯޓު އޯޑަރުން އަސާސީ ޙައްޤުތައް ހަނިކުރުމާއި، މުދާތައް އަތުލައި ބިރުދެއްކުންފަދަ ކަންކަން ކޮށްގެން ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތައް ހުއްޓުވުމަކީ ސަރުކާރުން ކުރާ ދަށުދަރަޖައިގެ ކަންކަމެވެ. ދިވެހި ސަރުކާރުން މިފަދަ ކަންކަން ހުއްޓުވަންކުރާ ކަންކަމުގެ ސަަބަބުން މުވައްސަސާތައް ސިޔާސީވެ، ފުލުހުންގެ މުވައްސަސާތައް ފަދަ މުހިއްމު ތަންތަނުގެ މުޅި މިސްރާބު ސިޔާސީ ޚުދުމުހުތާރު ވެރިކަން ޤާއިމުކުރުމަށް ހުއްޓުމުން ޤައުމު ހަލަބޮލިވެ، އިޖްތިމާޢީ ފޭރާން ގެއްލި، ބޮޑެތި ކުށްތައް އިތުރުވުމަށް މެދުވެރިވެއެވެ. ފާއިތުވީ 5 ވަރަކަށް އަހަރުގެ ތެރޭގައި މިފަދަ ކަންކަން ތަކުރާރުވެ، ޤަނޫނުގެ ވެރިކަން މިއަދު މިދަނީ ގެއްލެމުންނެވެ.

ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ފާލުން ނެއްޓިފައިވާ މި ވަގުތުގައި ދިވެހިންނަށާއި ދިވެހިރާއްޖެއަށް މުހިއްމީ ސިޔާސީ ލީޑަރުން މިނިވަންކޮށް، ރައްޔިތުން އެދޭ ބަދަލު ޤާއިމްކުރުމެވެ. އެހެންކަމުން އޮނަރަބްލް ޤާސިމް އިބްރާހީމަށް އެކިގޮތްގޮތުން ކުރަމުން އަންނަ އަނިޔާތައް ހުއްޓާލުމަށް ގޮވާލަމެވެ.

ނެރުނީ: އެމްޑީޕީ ސެކެޓޭރިއެޓް
ތާރީޚް: 11 މެއި 2017

No Comments »

No comments yet.

Leave a comment