mdp_banner

Monday, May 8, 2017

ރައީސް ޔާމީނަށް 2018 ގެއްލިއްޖެ: މާރިޔާ އަޙްމަދު ދީދީ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ނަތީޖާއިން ރައީސް ޢަބްދުﷲ ޔާމީނަށް 2018 ގެއްލިއްޖެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ އިއްތިހާދުން އާދީއްތަ ދުވަހުގެރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި މާރިޔާ ވިދާޅުވީ ކައުންސިލް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވި ބައެއް ކެންޑިޑޭޓުންނަކީ ޕީޕީއެމްގެ ކެންޑިޑޭޓުން ކަމަށް އެ ޕާޓީން ބުނަމުންދާ ކަމަށާއި، ރައީސް ޔާމީންގެ ފެކްޝަނުން ކުރާ ކަމަކީ މުޅިންވެސް މަކަރުހަދައި އޮޅުވާލުން ކަމަށެވެ. އެގޮތުން ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ނަމުގައި ކެންޑިޑޭޓުން ނެރުމުގައި ވެސް ރައީސް ޔާމީންގެ ފެކްޝަނުން އޮޅުވާލައި މަކަރު ހަދަމުންދާ ކަމަށް މާރިޔާ ވިދާޅުވިއެވެ. މާރިޔާ ވިދާޅުވީ އަމިއްލަ ކެންޑިޑޭޓުންނަކީ ޕީޕީއެމްގެ ކެންޑިޑޭޓުންނޭ ވިދާޅުވާ ނަމަ އެކުރެވޭ ކަމަކީ ކުށަށް އިއުތިރާފް ވެވެނީ ކަމަށާއި، ޕީޕީއެމްގެ ނަމުގައި ކެންޑިޑޭޓުން ނެރުމުން ވޯޓު ނުލިބިދާނެތީ އަމިއްލަ ގޮތުން ބައިވެރިކުރުވީ ކަމަށް ވެދާނެ ކަމަށެވެ. އެހެން ނަމަވެސް އަމިއްލަ ގޮތުން ހޮވުނު ކެންޑިޑޭޓުން ބޮޑު ފަޅި އިޚްތިޔާރުކުރައްވާނޭ ކަމަށް ޔަގީންކުރައްވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ނަތީޖާއިން އެނގިގެން ދިޔައީ ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ވަކި ގޮތެއްގެ މަތީގައި ތިބޭ ބައެއްކަން ކަމަށާއި، ތަރައްގީއޭ ބުނެގެން ނުވަތަ ރަސްފަނެއް ހަދައިދީގެން، ބްރިޖެއް އަޅައިދީގެން މިހާރަކު ދިވެހި ރައްޔިތުންގެ އިހުސާސްތަކާ ކުޅެ ރައްޔިތުން ނުހެއްދޭނެ ކަމަށެވެ. ރައްޔިތުން އެއޮތީ އަނިޔާވެރިކަމަށް ނޫނެކޭ ބުނެ، އެކަން ސަރުކާރަށް އިއުލާންކޮށްފައި ކަމަށެވެ. މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރައްޔިތުންގެ ނިންމުންތަކަށް ގޮންޖަހައި ކަންތައްތައް ކުރާނަމަ އޭގެ ނިމުން ވަރަށް ހިތި ވާނެ ކަމަށް ކައުންސިލް އިންތިޚާބުގެ ނަތީޖާއިން ހާމަވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ 2018 ފަސޭހަކަމާއެކު ކާމިޔާބު ކުރެވޭނޭ ކަން މި ނަތީޖާއިން ހާމަވެގެން ހިނގައްޖެ ކަމަށެވެ.

” މިވެރިކަން މީ މިހާރު މީ ނިމިފަ އޮތް އެއްޗެއް. 2018 ގެ ވާހަކަ ދައްކާނެ ވެސް ކަމެއް ނެތް. ރައްޔިތުން ބަސް ބުނީމާ ރީތި ގޮތުގައި (ރައީސް ޔާމީން) ދުރަށްދާން އެބަޖެހެއޭ އަޅުގަނޑު ދަންނަވާނީ.” މާރިޔާ ވިދާޅުވިއެވެ.

No Comments »

No comments yet.

Leave a comment