mdp_banner

Monday, May 8, 2017

ކޮރަޕްޝަނާއި އޮޅުވާލުންތަކަށް ރައްޔިތުން ނޫނެކޭ ބުނެފި: ފައްޔާޒް އިސްމާއީލް

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ނަތީޖާއިން ފެނިގެން ދިޔައީ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގެ ކޮރަޕްޝަނާއި އޮޅުވާލުންތަކަށް ރައްޔިތުން ނޫނެކޭ ބުނި މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު އަލްއުސްތާޛް ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ފައްޔާޒު ވިދާޅުވީ މި ސަރުކާރަށް ނޫނެކޭ ބުނެ، ގުޅިފައިވާ އިއްތިހާދުން ފެށި އިސްލާހީ މަސައްކަތް ދިވެހި ރައްޔިތުން ބަލައިގެންފައިވާކަން ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއިން އެނގޭ ކަމަށެވެ.

ގުޅިފައިވާ އިއްތިހާދުގައި އެކުގައި މަސައްކަތް ކުރާ މީހުންނަކީ ވިސްނުމާއި ފިކުރު ތަފާތު ބައެއް ނަމަވެސް ހަމައާއި އިންސާފު ގެނައުމަށް މަސައްކަތް ކުރައްވާނެ ބައެއްކަމަށާއި، ކައުންސިލް އިންތިޚާބުގެ ނަތީޖާއިން ދައްކައިދެނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގުޅިގެން މަސައްކަތް ކުރުމަށް ރައްޔިތުންގެ ރުހުން ލިބިފައިވާ މިންވަރު ކަމަށާއި ކުރިއަށް އޮތް ތަނުގައި ކޯލިޝަނުން ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކޮށް މިހާރަށް ވުރެ ވެސް މާ ބާރަށް ކުރިއަށްގެންދަންޖެހޭ ކަމަށެވެ.

ސަރުކާރުގެ ސިއްޙީ ޚިދުމަތް ދިނުމުގެ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މެންބަރު ފައްޔާޒު ވިދަޅުވީ، އަމިއްލަ ތަންތަނުން އާސަންދައިގެ ޚިދުމަތް މެދުކަނޑާލުމަކީ ރައްޔިތުންނަށް ދިން ވަރަށް ބޮޑު އަނިޔާއެއް ކަމަށާއި، މި ސަރުކާރުގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ބާރަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އެ މަސައްކަތުގައި ސާބިތުކަމާ އެކު ތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން އާސަންދަ ޚިދުމަތް މެދުކަނޑާލީ ކައުންސިލް އިންތިޚާބުގައި ލިބުނު ނަތީޖާއާ މެދު ހިތްހަމަނުޖެހިގެން ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށާއި، އެހެން ނަމަވެސް އާސަންދައިގެ ޚިދުމަތް މެދުކަނޑާލާފައިވަނީ އާސަންދަ ހިންގާ ކުންފުނި، އެ ޚިދުމަތް ދެމުންގެންދާ ކްލިނިކްތަކުގެ ކްރެޑިޓްގައި ހިންގަމުންދާތީ ދަރަންޏަށް ނުކަތައިގެން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކަށް މިއަދު ލިބިފައިވަނީ 42 މެންބަރުން ނޫން ކަމަށާއި 52 މެންބަރުން މިހާރު ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ކޯލިޝަން އެކައްޗެއްގެ ގޮތުގައި ނިކުމެ 2018 ގެ އިންތިޚާބުން ވެސް މި ސަރުކާރު ބަލިކުރާނޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތް ތަނުގައި މަޖިލީހުގެ ތެރެއިން ކަންކަން އިޞްލާޙްކުރާނޭ ކަމަށް ވެސް ރޭގެ ޖަލްސާގައި އޭނާ ވިދާޅުވިއެވެ.

No Comments »

No comments yet.

Leave a comment