ނުކުމެ ވޯޓު އަޅުއްވާ: މިހާރުވެސް މޮޅު ވެއްޖެ

ރާއްޖޭގެ ތާރީޚުގައި 3 ވަނ ފަހަރަށް ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު މިހާރުވެސް ކާމިޔާބު ވެއްޖެއެވެ. އެތައް ދަތިތަކާއި، ހުރަސްތަކާއި، ފުރައްސާރަކުރުމާއެކުވެސް ފުރިހަމަ ގޮތުގައި ޑިމޮކްރަސީގެ ރީތި އުސޫލުން ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުން އެދޭ ކަންކަަމަށް ވަކާލާތުކޮށް ކެމްޕޭން ނިންމާ ހޮނިހިރު ދުވަހު ވޯޓުލުމަށް ރައްޔިތުން ފުރުޞަތު ހޯދިކަމީ މި އަނިޔާވެރިކަމުގެ ތެރޭގައި ލިބުނު ބޮޑު ކާމިޔާބީއެކެވެ.

2008 ވަނަ އަހަރު ތަސްދީގު ކުރެވުނު ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދިން އެންމެ ބޮޑު ޙައްޤަކީ ދިވެހިރާއްޖޭގެ އިދާރީ ހިންގުން ލާމަރުކަޒުކޮށް ރައްޔިތުންނާ ގާތުން ވެރިކަން ހިންގުމުގެ ބާރު ރައްޔިތުންނަށް ލިބިދިނުމެވެ. އެހެންނަމަވެސް 2013 ވަނަ އަހަރަށްފަހު ކައުންސިލަތަކަށް ލިބިދީފައިވާ ބާރުތައް ކޮށައި މަށައި ހަނިކޮށް އިހު އޮތްގޮތަށް އެޓޯލް މިނިސްޓްރީއެއް މާލޭގައި ވަނީ ހަދާފައެވެ. ހަމަމިއާއެކު، އިންތިޚާބު ނުބޭއްވުމަށް އެތައް ފަހަރަކު ފަސްކޮށް ބަހަނާތައް އައީ ދައްކަމުންނެވެ. އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ވަނީ ޖަލަށްލައި ބަންދުކޮށްފައެވެ. ސިޔާސީ ޕާޓީތަކަށް ކެމްޕޭން ޖަލްސާއެއް ބޭއްވުމަށް ތަން ދޫނުކުުރުމާއި، މީޑިޔާތަކަށް ހުރަސްއެޅުމާއި، ފުލުހުންނާއި ދައުލަތުގެ މުވައްސަސާތައް ބޭނުންކޮށްގެން ސަރުކާރާ ވާަދަވެރި ސިޔާސީ ޕާޓީތަކުގެ މެމްބަރުން ފްރޭމްކޮށް ކެންޑިޑަސީ ބާތިލް ކުރުމާއި، ކެމްޕޭން ޕޯސްޓަރުތައް ހަރުކުރުމަށް ޖާގަ ނުދިނުމާއި، ސަރުކާރު ހިންގާ ޢަބްދުﷲ ޔާމީން ފެކްޝަނަށް ނިސްބަތްވާ ކެންޑިޑޭޓުން ޖިނާޢީ ކުށްތަކުން މިންޖުކުރުމާއި އެކަން ކުރުމަށް ލާމަރުކަޒީ ޤާނޫނު ބަދަލުކުރުމަކީ ދިމާވި ބޮޑެތި ގޮންޖެހުންތަކެވެ.

އިސްވެދެންނެވުނު ދަތިތަކުގެ ތެރެއިންވެސް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ޖުމްލަ 469 ކެންޑިޑޭޓުން ވާދަ ކުރާ ކަމީ ލިބޭ ބޮޑު އުންމީދެކެވެ. މިއީ ސިޔާސީ މައިދާނަށް ނިކުންނަވާ މުޅިން އާ ޖީލެކެވެ.

ރާއްޖޭގެ ބަދަލުވަމުން އަންނަ ސިޔާސީ މަޝްރަޙް ބިނާކޮށް ބައްޓަން ކުރުމުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް އަދި ސިޓީ ކައުންސިލްތަކުގެ ދައުރު ނުހަނު މުހިއްމެވެ. ފާއިތުވީ ދުވަސްތަކުގެތެރޭ އެމްޑީޕީން ވަނީ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ރަށްތަކަށް ދަތުރުކޮށްފައެވެ. އެ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކޮށް ރާއްޖޭގެ ޙާލަތާ މެދު މީހުން ދެކޭ ގޮތް އޮޅުން ފިލުވާފައެވެ. ލާމަރުކަޒީ ނިޒާމުގެ ދިފާޢުގައި އެމްޑީޕީން މަސައްކަތްކުރާނެ ކަމުގައި ޔަޤީންކަން އަރުވަމުން ރަށު ކައުންސިލްތަކަށް ބާރުދޭނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވަމެވެ.

ހޮނިހިރު ދުވަހު އޮންނަ ވޯޓުގައި ބައިވެރިވުމަކީ ރައްޔިތުންނަށް ލިބޭ މުހިއްމު ފުރުޞަތެކެވެ. އަނިޔާވެރިކަމާ، ޚުދުމުހުތާރުކަމާ ބާރުތައް މުށުތެރެއަށް އެއްކުރުމާ ދެކޮޅަށް ބަސްބުނުމަށް ލިބޭ ފުރުޞަތެކެވެ. ރާއްޖޭގެ ރައްޔިތުން ވޯޓުގައި ބައިވެރިވުމުން ވޯޓުގެ ނަތީޖާ އޮޅުވާލުމަށް ލިބޭ ފުރުޞަތު ހަނިވާނެއެވެ. އެހެންކަމުން މާދަމާގެ ވޯޓުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ބައިވެރިވުމަށް އެމްޑީޕީން އެދެމެވެ. ބާރުތައް ވަކިކުރުމަށް، ލާމަޒުކަޒީ ރާއްޖެއެއް ބިނާކުރުމަށް، ހެޔޮވެރިކަމެއް ޤާއިމުކުރުމަށް ތިލަފަތަށް ވޯޓުދެއްވާށެވެ.

ބަޔާން ނެރުނ: އެމްޑީޕީ ސެކެޓޭރިއެޓް
ތާރީޚް: 5 މޭ 2017