ބާރުތައް އެއް ކުރުމަށް ހުރަސް އަޅުއްވައި، ލާމަރުކަޒު ކުރުމަށް ވޯޓު ދެއްވާ: ރައީސް މުޙައްމަދު ނަޝީދު

ވެރިކަމުގެ ބާރުތައް އެއްކުރުމަށް ރައީސް ޢަބްދުﷲ ޔާމީން ކުރަމުންދާ މަސައްކަތަށް ހުރަސް އަޅައި، ވެރިކަން ޚުދުމުޚްތާރުވެ ތަޣައްޔަރުވިޔަ ނުދިނުމަށް މަސައްކަތް ކުރެއްވުމަށް އެމްޑީޕީގެ ރައީސް، ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިން ނިންމުމަށް ބުރާސްފަތި ދުވަހުގެރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާއަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި އެމަނިކުފާނު ވިދާޅުވީ އިންސާފު ހޯދުމަށް ވެސް، ވައްކަމާއި ޚިޔާނާތް މަދުކުރުމަށް ވެސް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ބާރުތައް އެއްކުރުން ހުއްޓުވައި ލާމަރުކަޒީ ކުރުން ކަމަށެވެ.

“ބާރުތައް އެއްކުރުމަށް ހުރަސްއަޅުއްވާ. ވެރިކަން ޚުދުމުޚްތާރުވެ، ތަޣައްޔަރުވިޔަ ނުދެއްވާ. އިންސާފު ހޯދުމަށް ވެސް، ވައްކަމާއި ޚިޔާނާތް މަދުކުރުމަށް ވެސް އޮތް އެންމެ މުހިންމު ކަމަކީ ބާރުތައް އެއްކުރުން ހުއްޓުވުން. ލާމަރުކަޒީ ކުރުން.” ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވިއެވެ.

މި ސަރުކާރުން ލޯކަލް މައުންސިލްތަކުގެ ބާރު ކަނޑުވާލަން މަސައްކަތްކުރާ ކަމަށް ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ ގެއްލިފައިވާ ބާރުތައް ހޯދުމަށް ރައްޔިތުންނަށް ކޮށްދެވޭނެ ބޮޑު މަސައްކަތަކީ ހޮނިހިރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ތިލަފަތަށް ވޯޓުދެއްވުން ކަމަށާއި، އެ މަސައްކަތް ވެގެންދާނީ ރަށްރަށާއި، އަތޮޅުތަކާއި އަދި ސިޓީތައް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ކޮށްދެވޭ މަސައްކަތަކަށް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ތާ އަބަދުމެ ދިވެހިން ގޮވަމުން އެދަނީ އެމީހުންގެ އާންމު ހާލަތު ރަނގަޅުކޮށްދިނުމަށް ކަމަށާއި، ދިވެހިރައްޔިތުން އެދެނީ ތާހިރު ދިރިއުޅުމަކަށް ކަމަށެވެ.

“ދިވެހިން އެދެނީ ގޯއްޗަކަށް، ގެއަކަށް، ފްލެޓަކަށް. ދަރިންނަށް ކިޔަވައިދިނުމަށް. ބަލިވީމާ ބޭސްފަރުވާ ކުރެވޭނޭ ގޮތްތަކަކަށް. ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލަ ދިނުމަށް. ވަޒީފާގެ ފުރުޞަތެއް އޮތުމަށް. ޖީބަށް ފައިސާކޮޅެއް ވަނުމަށް.” ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ ރަށުގައި ތިބިގެން މުއްސަނދިކަން ލިބި އެ މުއްސަނދިކަމުން ރަށު ރައްޔިތުން ތަނަވަސްކުރުން ކަމަށާއި އެ މުއްސަނދިކަން ރަށްރަށުގައި، އަތޮޅުތަކުގައި އެބަހުރި ކަމަށެވެ. އަދި ރަށްރަށުގައި ގެސްޓް ހައުސް ހެދުމުން ހުރިހާ ރަށެއްގެ ބިމުގެ އަގު އެތައް ސަތޭކަ ޕަސެންޓެއް އުފުލި މިހާރު ގޯއްޗެއްގެ އަގު އެތައް މިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ލާމަރުކަޒީ ނިޒާމްގެ ބޭނުންތެރިކަން ރައްޔިތުންނަށް ސާފުކޮށްދެވޭތޯ އެމްޑީޕީން ކެނޑިނޭޅި ކުރަމުންދާ މަސައްކަތް ކާމިޔާބު ވެފައިވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

“ކައުންސިލް އިންތިޚާބު މިދުވަހު ބާއްވަން ޖެހުނުކަމީ ކާމިޔާބުގެ ރަމްޒު. މި ނިޒާމް ދެމިއޮންނާނެ. އަޅުގަނޑުމެންގެ މަސައްކަތަކީ އެކަން ކަށަވަރުކުރުމަށް ކުރާ ބުރަ އުނދަގޫ ނުރައްކާތެރި މަސައްކަތް،” ލަންކާގައި ހުންނަވައި ފޮނުއްވި މެސެޖްގައި ރައީސް ނަޝީދު ވިދާޅުވި އެވެ.