mdp_banner

Thursday, May 4, 2017

ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މި ސަރުކާރު ހައްދުން ނެއްޓުން: ރޮޒައިނާ އާދަމް

ދިވެހިރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރު ހައްދުން ނެއްޓިފައިވުން ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓީތަކުން ބުދަ ދުވަހުގެރޭ ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ ހައްދުން ނެއްޓިގެން އުޅެނީ ނޫސްވެރިކަމުގެ މިނިވަންކަން ނޫން ކަމަށާއި، ހައްދުން ނެއްޓިފައި ވަނީ މި ސަރުކާރު ކަމަށެވެ.

ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އެބައޮތް ކަމަށް ސަރުކާރުން ވިދާޅުވުމާ ގުޅިގެން އެކަމަށް ފާޑުވިދާޅުވަމުން ރޮޒައިނާ ވިދާޅުވީ ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލިގެން އުޅޭތާ ތިން އަހަރުވެއްޖެ ކަމަށާއި، ބްލޮގަރ ޔާމީން ރަޝީދުގެ ގާތިލުން ހޯދިފައިނުވާއިރު، ރާއްޖެ ޓީވީގައި ރޯކޮށްލި މީހުން ވެސް މިއަދާ ހަމައަށް ހޯދިފައި ނުވާ ކަމަށެވެ. މީގެ އިތުރުން ރާއްޖެ ޓީވީގެ އެތައް ނޫސްވެރިއެއްގެ މައްޗަށް ޝަރީޢަތް ހިންގަމުންދާ ކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގަނެ، އަނގައިން ބުނާ ކޮންމެ މީހަކު ޖޫރިމަނާކޮށް ދައުލަތް ހިންގަނީ އެ ފައިސާއިން ކަމަށެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ އިތުރުން އެހެން މިނިވަންކަމެއް ވެސް ރާއްޖޭގައި ނެތްކަމަށް ވިދާޅުވަމުން ރޮޒައިނާ ވިދާޅުވީ މުޒާހަރާއޭ ކިޔައިފި މީހަކަށް ވެސް ގެދޮރުން ބޭރުވެވޭނޭ ގޮތެއް ނެތް ކަމަށާއި، މުވައްޒަފަކު ސިޔާސީ ޕާޓީއެއްގެ ޖަލްސާއަކަށް ދިޔަސް ފެންނަނީ ވަޒީފާއިން ކަނޑާލާތަން ކަމަށެވެ.

“ނުރުހޭ ސިޔާސީ ޕާޓީއެއްގެ ޖަލްސާއަކަށް ދިޔަސް ފެންނަނީ ވަޒީފާއިން ވަކިކުރާ ތަން. ފޮޓޯ ވެސް ނަގަނީ. ސްޓިކާ ވެސް ޖަހަނީ. ބަކަރި ކޮށި ހަދައިގެން އެ ތަނަށް ވެސް ލަނީ.” ރޮޒައިނާ ވިދާޅުވިއެވެ.

އެމްޑީޕީގެ މެންބަރުންނާއި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދުކުރައްވާ ގިނަ އަދަދެއްގެ ސަޕޯޓަރުން ހާޒިރުވި މި ޖަލްސާގައި ރޮޒޭނާ ވިދާޅުވީ މިނިވަން މުވައްސަސާތަކުގެ މިނިވަންކަން ގެއްލިފައިވާ ކަމަށެވެ.

“އިލެކްޝަންސް ކޮމިޝަނަށް ގާނޫނުތަކުގައި ބުނާ އެއްވެސް ދުވަހެއްގައި އިންތިޚާބު ބޭއްވޭކަށް ނެތް. އޮޑިޓަރ ޖެނެރަލް ހުންނެވީ ފްރީޒްވެފަ. އެއްވެސް ތަނެއްގެ އޮޑިޓް ރިޕޯޓެއް ނެރޭ ތަނެއް ނުފެނޭ. ހިއުމަން ރައިޓްސް ކޮމިޝަން އޮތީ ޚަބަރު ހުސްވެގެން ކޯމާއެއްގަ އައިސީޔޫގަ.” ރޮޒައިނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ވެސް މައްސަލަތައް ދިގުދަންމަމުންދާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިދިކޮޅަށް އެއްޗެކޭ ބުނެފިނަމަ ގެންގޮސް ލަނީ ޖަލަށް ކަމަށެވެ.
ރައީސް ޔާމީނާ އެކު ތިއްބެވި ސިޔާސީ ބޭފުޅުން ގުޅިފައިވާ އިއްތިހާދާ ގުޅެމުންދާ ދިއުމަށް އިޝާރާތްކުރައްވައި ރޭގެ ޖަލްސާގައި ރޮޒައިނާ ވިދާޅުވީ ރައީސް ޔާމީން މިހާރު ސިފަކުރެވެނީ ދުމަށްޓެއްގެ މަތީގައި އެކަނި އޮތް ހިކިމަސްގަނޑެއްގެ ގޮތުގައި ކަމަށެވެ. އަދި ވޯޓު ކަރުދާސްކޮޅުގައި ތަރި ޖެހިޔަސް، ތަރި ވިލެޖު ކުރެހިޔަސް މި ފަހަރުގެ އިންތިޚާބު ކާމިޔާބުކުރާނޭ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

No Comments »

No comments yet.

Leave a comment