ލޯކަލް ކައުންސިލް އިންތިޚާބު މުހިންމު އިންތިޚާބަކަށް ވަނީ އެއީ ރައީސް ޔާމީނަށް ތާއީދު ނެތްކަން ދެއްކޭނޭ އިންތިޚާބަކަށް ވާތީ: ހަސަން ލަތީފް

މެއި 6 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު މުހިންމު އިންތިޚާބަކަށް ވަނީ އެ އިންތިޚާބަކީ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ނެތް ކަން ދެއްކޭނޭ އިންތިޚާބަކަށް ވާތީ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛް ޙަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓީތަކުން ބުދަ ދުވަހުގެރޭ ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ ވޯޓު ކަރުދާސްކޮޅުގައި ކޯޑު ޖަހަން ސަރުކާރުން އަންގަމުންދާ ކަމަށާއި، ކޯޑުޖަހަން ބުނާ މީހުންނަށް ކޯޑު އޮޅުވާލައި، މި އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކޮށް، ރައީސް ޔާމީނަށް ތާއީދު ނެތްކަން ވަރަށް ރަނގަޅަށް ހާމަކޮށްދޭނޭ ކަމަށެވެ.

ގއ. ކޮލަމާފުއްޓާއި ވިލިނގިލި ހިމެނޭ ވިލިނިގިލި ދާއިރާގެ މެންބަރު ސައުދު ހުސައިންގެ ދާއިރާ އޮފީހުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ޖަލްސާގައި ހަސަން ލަތީފު ވަނީ 24 މާރޗު ގައި ގުޅިފައިވާ އިއްތިހާދުން އެއްބަސްވި ކަންތައްތަކަށް ވެސް ވަރަށް ތަފްސީލުކޮށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ޚިލާފަށް މި ސަރުކާރުން ހަދާފައިވާ ގާނޫނުތައް އިސްލާޙްކޮށް، ކޮރަޕްޝަނާ ވައްކަން ހުއްޓުވައި، މިނިވަން މުވައްސަސާތަކަށް ގެއްލިފައިވާ މިނިވަންކަމާއި، ގަދަރާއި ޝަރަފު ހޯދައިދީ، ކޮންމެ ޕާޓީއަކުން ވެސް އިޚްތިޔާރުކުރާ ކެންޑިޑޭޓަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން ސިޔާސީ ދައުވާކޮށް ޝަރީއަތުގެ އެކި މަރުހަލާތަކުގައި ތިއްބެވި 1700 އަށް ވުރެ ގިނަ މީހުން މިނިވަންކޮށް އެ އާއިލާތަކަށް އުފާވެރިކަން ހޯއްދަވައިދެއްވާނޭ ކަމަށް ވިދާޅުވިއެވެ.

ކޫއްޑޫ އަށް މަސްކިރުވުމަށް މަސްވެރިންނަށް ދިމާވެފައިވާ ދަތިކަމަށް އަލިއަޅުވައިލައްވަމުން ހަސަން ލަތީފް ވިދާޅުވީ މަސްވެރިންނަށް މިފަދަ ދަތިތަކެއް ކުރިމަތިވީ އެމްޑީޕީ ސަރުކާރުގައި ވަކި ކުންފުންޏެއްގެ ގޮތުގައި އުފެއްދި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް، މިފްކޯ ދަރަނިވެރިވާން ފެށީމާ މިފްކޯގެ ދަށަށް ބަދަލުކޮށް އެވަރުން ނުވެގެން މިފްކޯ އެސްޓީއޯގެ ދަށަށް ބަދަލުކުރުމުން ދިމާވެފައިވާ ދަތިތަކެއް ކަމަށެވެ. މީގެ އިތުރުން އެމްޑީޕީ ސަރުކާރުގެ ސިޔާސަތަކީ މަހުގެ އަގު ކަނޑައެޅުމަކީ މަސްވެރިންނާއި މަސްގަންނަ ފަރާތްތަކާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތަކަށް ހެދުން ކަމަށާއި، އެމްޑީޕީގެ ސަރުކާރުގައި އެންމެ ދޯންޏަކަށް ވެސް މަސްނުކިރިގެން އެނބުރި ދާންޖެހިފައި ނޯންނާނޭ ކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުން މަސައްކަތްކޮށް މަހަށް ހަމަ އަގު ލިބޭނޭ ގޮތް ހަމަޖައްސަވައިދެއްވާނޭ ކަމަށް ވިދާޅުވަމުން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ “ބޭނި މަސްކޮޅު ދޭ ކިރާލަން ވަގުތުން ފައިސާދޭން” ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ ކޫއްޑޫގައި ތިބި ޕްރޮފެޝަނަލް މަސައްކަތްތެރިން ސިޔާސީ ބޭނުމަށް އެކިކަންކޮޅުތަކަށް ފޮނުވާފައިވާ ކަމަށާއި، އެހެން ނަމަވެސް އެ މުވައްޒަފުން އަލުން އަނބުރައި ކޫއްޑޫގެ ވަޒީފާތަކަށް ގެންނާނޭ ކަމަށެވެ.