ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މަސައްކަތުގެ މާޙައުލެއް ޤާއިމުކުރުމަށް ގޮވާލުން

ބައިނަލްއަޤްވާމީ މަަސައްކަތްތެރިންގެ ދުވަހުގެ ތަޙްނިޔާ ދިވެހި ހުރިހާ ރައްޔިތުންނަށާއި މަސައްކަތްތެރިންނަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން އަރިސްކުރަމެވެ.

މަސައްކަތްތެރިންގެ ދުވަސް މިއަދު ފާހަގަ ކުރާއިރު، ދިވެހިރާއްޖޭގެ މަސައްކަތްތެރިންގެ ޙާލަތާމެދު އެމްޑީޕީން ކަންބޮޑުވަމެވެ. ވަކިން ޙާއްސަކޮށް މަސައްކަތުގެ ދާއިރާގައި ސިޔާސީ ނުފޫޒު އިތުރުވެ، ސިޔާސީ މަސައްކަތްކުރުމަށާއި، ވެރިކަން ކުރާ ޕާޓީއަށް ބިރުދައްކަައިގެން މުވައްޒަފުން ވެއްދުމާއި، ސިޔާސީ ފިކުރަށް ނިސްބަތްކޮށް ވަޒީފާއިން ވަކިކުރުމާއި ފާޅުކަން ބޮޑުކޮށް ވަޒީފާގެ މާޙައުލުގައި ތަފާތުކޮށް މަސައްކަތްތެރިން ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައިވާކަމީ ކަންބޮޑުވާކަމެކެވެ.

15 މޭއި 2009 ގައި ދިވެހިރާއްޖެ އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަންގެ މެމްބަރަކަށްވެ، އެ ޖަމްއިއްޔާގެ އަސާސީ މުޢަހަދާތަކުގައި ސޮއިކުރުމާއެކު މަސައްކަތްތެރިންނަށް ފޯރުކޮށްދޭންޖެހޭ ޙައްޤުތައް ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ. އެހެންނަމަވެސް މިއަދު މަސައްކަތްތެރިންނަށް ކުރިމަތިކުރުވާ ބިރުވެރިކަމަަކީ ކަނޑައެޅިގެން ދިވެހިރާއްޖެއިން އެ މުޢާހަދާތަކާ ޚިލާފްވުމެވެ.

ސިޔާސީ ނުފޫޒު ފޯރުވުމުގެ އިތުރުން މަސައްކަތްތެރިންނަށް ރައްކާތެރި މާޙައުލެއް ނެތުމާއި، އެންމެ ކުޑަ އުޖޫރަ ކަނޑައެޅިފައި ނެތުމާއި، މުސާރައިގެ އޮނިގަނޑު ހަމަކުރުމަށް ޕޭ ކޮމިޝަނެއް ނެތުމަކީ މަސައްކަތްތެރިންގެ ޙައްޤުތައް ހިމާޔަތްކުރުމުގައި ސަރުކާރު ފެއިލްވެފައިވާކަމުގެ ހެއްކެކެވެ.

އެމްޑީޕީގެ އަބަދުވެސް އަމާޒަކީ ހަމައިސްކޮޅަށް ތެދުވެ، އަމިއްލަ ޙަލާލު މަސަައްކަތުން ދިރިއުޅުން ބިނާ ކުރެވި، ތާހިރު ދިރިއުޅުމެއް ހޯދޭނެ ގޮތްތައް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމެވެ. ދިވެހިރައްޔިތުންނަށާއި މި ޤައުމުގައި މިހާރު ކުރިއަށްދާ ޢުމްރާނީ ބޮޑެތި ހުރިހާ މަސައްކަތެއް ކުރާ ބިދޭސީ މަސައްކަތްތެރިންނަށް ރައްކާތެރި، ހަމަހަމަ އުސޫލް ޤާއިމްވެފައިވާ މާޙައުލެއް ޤާއިމްކޮށްދިނުމަށް ދައުލަތުގެ ހުރިހާ ފަރާތްތަކަށް ގޮވާލަމެވެ.