ކައުންސިލް އިންތިޚާބުގެ ވޯޓާސް ލިސްޓު މިހާރު އެ އޮތްގޮތަށް އޮވެގެން އެމްޑީޕީއަކުން އެ ލިސްޓުގައި ސޮއެއް ނުކުރާނެ: އަލީ ނިޔާޒު

އިލެކްޝަންސް ކޮމިޝަނުން މިހާރު އާންމުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓާސް ލިސްޓަކީ އެމްޑީޕީން ގަބޫލުކުރާ ލިސްޓެއް ނޫން ކަމަށާއި، ލިސްޓު އެގޮތަށް އޮވެގެން އެމްޑީޕީން އެ ލިސްޓުގައި ސޮއި ނުކުރާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ނައިބު (މާލީ) އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ރާއްޖެ ކެމްޕެއިންގެ ދަށުން ނ. މިލަދޫ ކައުންސިލަށް ކުރިމަތިލާފައިވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ބުރާސްފަތި ދުވަހުގެރޭ މިލަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްވަމުން ނިޔާޒު ވިދާޅުވީ ވޯޓާސް ލިސްޓުގައި އެމީހަކީ ކާކުކަން އެނގޭ ގޮތަށް އައިޑީ ކާޑު ނަންބަރު އޮންނަން ޖެހޭނޭ ކަމަށާއި، އެ މައްސަލަ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އިލެކްޝަންސް ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމަށް ލިޔުމުން އެ ކޮމިޝަނަށް ހުށަހަޅާފައިވާނޭ ކަމަށެވެ. ނިޔާޒު ވިދާޅުވީ އައިޑީކާޑު ހިމަނާފައިވާ ލިސްޓެއް ހާމަކުރުމަށް ފަހު، އެ ލިސްޓާ އަޅައިކިޔާނެ ލިސްޓެއް ލިބުމުން ނޫނީ ވޯޓާސް ލިސްޓުގައި އެމްޑީޕީން ސޮއި ނުކުރާނެ ކަމަށެވެ.

ނިޔާޒު ވިދާޅުވީ ނަތީޖާ އޮޅުވާލައިގެން ނޫން ގޮތަކަށް ރައީސް ޢަބްދުﷲ ޔާމީނަށް ކައުންސިލް އިންތިޚާބު ކާމިޔާބު ނުކުރެއްވޭނޭ ކަމަށާއި، އެހެންކަމުން މިހާރު އެކަމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެ ގޮތުން ވޯޓު ފޮށްޓާ ހަވާލުވެގެން ތިބޭ ޒިންމާދާރު ވެރިންނާ އެކި ގޮތްގޮތުން ބައްދަލުކޮށް އެ ފަރާތްތަކަކީ ސީދާ ކަނޑައެޅިގެން އެ ބޭފުޅުންގެ ބާރާއި ނުފޫޒުފޯރާ ބަޔަކަށް ހެދުމަށް މަސައްކަތްކުރަމުންދާ ކަމަށް ނިޔާޒު ވިދާޅުވިއެވެ. މީގެ އިތުރުން އިލެކްޝަންސްގެ ގައިޑްލައިންގައިވާ ގޮތުން އިންތިޚާބުގައި ވޯޓުފޮށި ކައިރީގައި މަސައްކަތްކުރާ އޮފިޝަލުންނަކީ ކެންޑިޑޭޓުން ގަބޫލު ބަޔަކަށް ވާން ޖެހޭނޭ ކަމަށް އޮތް ނަމަވެސް އެމްޑީޕީން ގަބޫލުނުކުރާ ބައެއް އޮފިޝަލުން މިހާރުވެސް އެބަ ތިއްބެވި ކަމަށް ނިޔާޒު ވިދާޅުވިއެވެ.

” ފުވައްމުލަކުގެ ވޯޓު ފޮށްޓާ ހަވާލުވެގެން އެ ހުރީ އަޅުގަނޑުމެން ގަބޫލުކުރާ ފަރާތެއް ނޫން. އެ ޝަކުވާ ވާނީ ކޮށްފައި. ވޯޓުފޮށީގެ އެންމެ އިސް އޮފިޝަލަކީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖަރަށް ވާކަށް ނުޖެހޭ. މިފަދަ އެތައް ކަމެއް މި ދަނީ ތިލަވަމުން”، ނިޔާޒު ވިދާޅުވިއެވެ.

ނަތީޖާ އޮޅުވާލައިގެން ނޫން ގޮތަކަށް ރައީސް ޔާމީނަށް މި އިންތިޚާބު ކާމިޔާބު ނުކުރެވޭނޭ ކަމަށާއި، ދެފުށް ފެންނަ އިންސާފުވެރި އިންތިޚާބެއް ލިބިއްޖެނަމަ އެމްޑީޕީން ބޭނުންވާ ނަތީޖާ ނެރެވޭނެ ކަމަށާއި، ހުރިހާ ޕާޓީއެއް ނިކުމެ ރައީސް ޔާމީން ރީތިކޮށް ބަލިކުރާނޭ ކަމަށް ނިޔާޒު ވިދާޅުވިއެވެ.