ދިވެހިރާއްޖޭގައި މޮޅު ވިސްނުން ތޫނު، ޚިޔާލު ތަނަވަސް ޒުވާނުން އުފެދޭކަށް މި ސަރުކާރުން ބޭނުމެއް ނުވޭ: ޝިފާ

ދިވެހިރާއްޖޭގައި މޮޅު ވިސްނުން ތޫނު، ޚިޔާލު ތަނަވަސް ޒުވާނުން އުފެދޭކަށް މި ސަރުކާރުން ބޭނުމެއް ނުވާކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ބަދަލުގެ ނަމުގައި އިދިކޮޅު އިއްތިހާދުން އަންގާރަ ދުވަހުގެރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާ ވިދާޅުވީ އަނިޔާވެރިކަމާއެކު މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދަކީ އެންމެ މޮޅު ލިޔުއްވުންތައް ލިޔުއްވި އެއް ބޭފުޅާ ކަމަށާއި، ވަގަށްނަގާފައިވާ އަހުމަދު ރިޟްވާން އަކީ ވެސް އެފަދަ މޮޅު ލިޔުއްވުންތެރިއެއް ކަމަށެވެ. އަދި މި ދެ ބޭފުޅުންގެ ލިޔުއްވުންތަކުގައި ވެސް ވަކިކޮޅަކަށް ބުރަވެ ލިޔުއްވާފައި ނުވާ އިރު، އެ ލިޔުއްވުންތަކުގައި ހުރީ އިންސާނީ ހައްގުތައް ދިފާއުކޮށް ލިޔުއްވާފައި ކަމަށެވެ. ދިވެހިރާއްޖޭގައި މޮޅު ވިސްނުން ތޫނު، ޚިޔާލު ތަނަވަސް ޒުވާނުން އުފެދެން މި ސަރުކާރުން ބޭނުންވާ ނަމަ މިފަދަ ކުދީންގެ ބޭނުން ސަރުކާރުން ހިފީސް ކަމަށް ޝިފާ ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާ ވިދާޅުވީ މިފަދަ ކޮންމެ ގަތުލަކަށް ފަހު، ބައެއް ފަރާތްތަކުން ދީނުގެ ނަމުގައި އިލްޒާމްތަކެއް އަޅުވަމުންދާ ކަމަށެވެ. އަދި ދީން ހަތިޔާރަކަށް ހެދުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި، އެހެންކަމުން އެފަދަ އިލްޒާމް އެޅުވުން ހުއްޓާލުމަށް ޝިފާ އިލްތިމާސް ކުރެއްވިއެވެ.
ސިފައިންގެ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ޔާމީން ރަޝީދުގެ މަރާގުޅިގެން މިނިވަން މުވައްސަސާތަކުން މައާފަށް އެދެން ޖެހޭ ކަމަށް ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެފައިވާ ކަމަށާއި، އެހެން ކަމުން މިނިވަން މުވައްސަސާތަކުން އަވަހަށް މައާފަށް އެދި ހިތްވަރާއެކު ނިކުމެ އިދިކޮޅު އިއްތިހާދާ ގުޅުމަށް ޝިފާ ގޮވާލެއްވިއެވެ. ޝިފާ ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ކުރާ އަނިޔާ ހުއްޓުވުމަށްޓަކައި މިނިވަން މުވައްސަސާތަކުގެ އަޑި އިވެންޖެހޭ ކަމަށާއި، މި ގައުމު ހަމަމަގަށް އެޅުވޭނީ މިނިވަން މުވައްސަސާތަކުގެ ވެރިން އަނިޔާވެރިންނަށް ނޫނެކޭ ވިދާޅުވެގެން ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ އެކްޓިވިސްޓުންނަށް މިސަރުކާރުން ހަޖޫޖަހައި މަލާމާތްކުރަމުންދާ ކަމަށް ވިދާޅުވަމުން ޝިފާ ވިދާޅުވީ ދިވެހިރާއްޖޭގެ ހާލަތު ބަދަލުކުރުމަށް އެންމެ ބޮޑު އެއް މަސައްކަތެއްކުރި ބަޔަކީ އެކްޓިވިސްޓުން ކަމަށާއި، ރައްޔިތުންނަށް އެމްޑީޕީގެ ސަރުކާރުގައި ދޭން ފެށި އިނާޔަތްތައް ދޭން ފެށުނީ އެމްޑީޕީގެ އެކްޓިވިސްޓުން ގޭގެއަށް ދޮރުންދޮރަށް ހިނގައި ރައްޔިތުން ބޭނުންވާ ކަންތައްތައް އޮޅުން ފިލުވައި، އެކަންތައްތައް އެމްޑީޕީގެ އިސްވެރިންނަށް ހުށަހަޅައި އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯގައި 2008 ވަނަ އަހަރު އެކަންކަން ހިމަނައިގެން ކަމަށެވެ.

ރޭގެ ޖަލްސާގައި އެމްޑީޕީގެ ޒުވާން މެންބަރު ސަފާތު ވެސް ވާހަކަދެއްކެވިއެވެ. އޭނާ ވިދާޅުވީ ޔާމީން ރަޝީދަށް އިންސާފު ލިބޭނީ ބައިނަލްއަޤުވާމީ ޖިނާއީ ތަހުގީގެއްކޮށް، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނެސްގެން ކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކާއި މަރުގެ މައްސަލަތައް މިހާރު ނިންމަން ވަރަށް ދިގު މުއްދަތެއް މިހާރު ނަގާ ކަމަށާއި، އިންސާނީ ޙައްޤުތަކާ، ޚިޔާލު ފާޅުކުރުމުގެ ޙައްޤާއި އިންސާނީ ކަރާމާތް ރައީސް ޔާމީނަށް ފަހުމުވެޑައިނުގަންނަވާ ކަމަށެވެ.

ފަނޑިޔާރުގެއާއި ފުލުހުންނާއި ސިފައިންނަކީ އެޅިހާ ބަތަކަށް ރިހަ ކިޔައިގެން ތިބޭ ބަޔަކަށްވުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ރޭގެ ޖަލްސާގައި ސަފާތު ވިދާޅުވިއެވެ.