mdp_banner

Friday, April 21, 2017

އެމްޑީޕީ ހުޅުދޫ ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވައިފި

އެމްޑީޕީ ހުޅުދޫ ދާއިރާގެ ކެމްޕެއިން ޖަގަހައެއް ރޭ މާލޭގައި ހުޅުވައިފިއެވެ.

ހ. ތަނޑިރަތްމާގޭ ގައި ހުޅުވި މި ޖަގަހައަކީ އެމްޑީޕީގެ ޓިކެޓުގައި އައްޑޫ ސިޓީ ކައުންސިލްގެ ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ، އިބްރާހީމް ޝުކުރީގެ ކެމްޕެއިން ހަރަކާތްތައް ހިންގުމަށް ހުޅުވި ޖަގަހައެކެވެ. މި ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ އިސް ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު (މާލީ) އަލީ ޝިޔާމް އާއި، އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ އާއި، ތައުލީމާއި ތަމްރީނާއި ބެހޭ ކޮމިޓީގެ މުގައްރިރު ޑރ. މުސްތަފާ ލުތުފީއާއި، ހުޅުދޫ ދާއިރާގެ ރައީސް އިލްޔާސް ލަބީބުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހިމެނިވަޑައިގަންނަވައެވެ.

މި ރަސްމިއްޔާތުގައި ހުޅުދޫ ދާއިރާގެ ކެންޑިޑޭޓް އިބްރާހީމް ޝުކުރީ ވަނީ އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ވޯޓުލާ މީހުންގެ ރަޖިސްޓްރީގެ މައްސަލަތައް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެ ޖަގަހައިގެ ބޭނުން ހުޅުދޫ ރައްޔިތުން ހިފާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޝުކުރީ ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި އެމްޑީޕީން ލާމަރުކަޒީ ޤާނޫނު އެކުލަވާލިއިރު ޕީއޭގެ މެންބަރުން ވަނީ އެލްޖީއޭއަށް ޤާނޫނުގައި ނެތް ބާރުދީ، ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ވަރަށް ބޮޑަށް ހަނިކުރައްވާފައި ކަމަށެވެ. އެހެން ނަމަވެސް ވެރިކަން ލިބުމާއެކު އެލްޖީއޭގެ ފިޔަކޮށާލައި، ކުރިން އޮތްގޮތަށް އެޓޮލްސް މިނިސްޓްރީގެ ދަށަށް ރަށްރަށް ގެންދަން މި ސަރުކާރު ގެންދަން މަސައްކަތްކުރާ ކަމަށް އިލްޔާސް ލަބީބު ވިދާޅުވިއެވެ. އިލްޔާސް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި މަކަރު ހަދަން ސަރުކާރުން މަސައްކަތްކުރާނެ ކަމަށާއި، އެހެން ނަމަވެސް މަކަރުހެދުމުގެ ފުރުސަތު ނުދީ މި ކައުންސިލް އިންތިޚާބު ކާމިޔާބުކުރަންޖެހޭ ކަމަށެވެ.

އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ ވިދާޅުވީ ޚުދުމުޚްތާރުވެރިން އެންމެ ޖެހިލުންވާ އެއް ކަމަކީ މީޑިއާ ކަމަށާއި، މީޑިއާގެ މިނިވަންކަން ހިފަހައްޓަނީ ޚުދމުޚްތާރުވެރިކަމެއް ކުރުމުގެ ބޭނުމުގައި ކަމަށެވެ. ރޭގެ ރަސްމިއްޔާތުގައި ޑރ. މުސްތަފާ ލުތުފީ ވެސް ވާހަކަދެއްކެވިއެވެ. 2018 ގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރުން ވަރަށް މުހިއްމު ކަމަށެވެ. އަލީ ޝިޔާމް ވެސް ވިދާޅުވީ ރައީސް ޔާމީން ބޭނުންފުޅުވެވަޑައިގަންނަވަނީ އެލްޖީއޭގެ ބާރުތައް މުށުތެރެއަށް ލުމަށް ކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި ޑިމޮކްރަސީ ދިފާއުކުރުމަށް ކައުންސިލް އިންތިޚާބު ކާމިޔާބުކުރުން ވަރަށް މުހިންމު ކަމަށެވެ. މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ ރައްޔިތުންގެ ބަސް އިއްވަން ޖެހޭ ކަމަށާއި، އެމްޑީޕީން ލާމަރުކަޒީ ނިޒާމް ތައާރަފްކުރީ ރައްޔިތުންނާއި ގާތުން ވެރިކަން ކުރުމަށް ކަމަށެވެ. އަދި އެމްޑީޕީން މި މަސައްކަތް ކާމިޔާބުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް އެމްޑީޕީން ގެންދަނީ މާލެއާއި އަތޮޅުތަކުގައި ވަރަށް ފޯރިއާއެކު ކެމްޕެއިން ހަރަކާތްތައް ކުރިޔަށް ގެންދަމުންނެވެ. އެ ގޮތުން އެމްޑީޕީގެ ވަރަށް އިސް މެންބަރުންގެ ވަފްދެއް މި ހަފްތާ ބަންދުގައި ލާމު އަތޮޅުގައި ވެސް ހަރަކާތްތެރިވަމުން އެބަދެއެވެ.

No Comments »

No comments yet.

Leave a comment