mdp_banner

Friday, April 21, 2017

ރޯލްކޯލަކަސް އެހެން ކޯލަކަސް، ހަށިގަނޑުގެ ކޮންމެ ގުނަވަނެއް ބޭނުންކޮށްގެން ނަގާ ވޯޓަކަސް މި ވޯޓު އަޅުގަނޑުމެން ކާމިޔާބުކުރާނެ: ފައްޔާޒް އިސްމާއީލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބޭނުންވާ 42 ވޯޓު އޮތީ ހަމަވެފައި ކަމަށާއި، ރޯލްކޯލަކަސް އެހެން ކޯލަކަސް، ހަށިގަނޑުގެ ކޮންމެ ގުނަވަނެއް ބޭނުންކޮށްގެން ނަގާ ވޯޓަކަސް މި ވޯޓު މިފަހަރު ކާމިޔާބު ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާޢީދު ހޯދުމަށް ގަމުގައި ބުދަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ވޯޓެއް ކުރިމަތިވީމާ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން ވޯޓު ހޯދަން އެމްޑީޕީން މަސައްކަތް ނުކުރާނެ ކަމަށާއި، އެމްޑީޕީއަކީ އިޤްތިޞާދީ ކަންކަން ކުރިޔަށް ގެންދާނޭ ގޮތް އެނގޭ ޕާޓީއެއް ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ވެރިކަމާ ހަވާލުވެ، ގައުމަށް ގެންނަންވާ އިޤްތިޞާދީ ކުރިއެރުން ގެނެސް މިހާރު ވެރިކަމުގައި ތިބި ފަރާތްތަކާ މެދު ފިޔަވަޅުއަޅާނޭ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް އިނގޭ އިޤްތިޞާދީ ކަންކަން ކުރިޔަށް ގެންދާނޭ ގޮތް. އަޅުގަނޑުމެންނެއް ނޫޅެން އެއް ދުވަހު ކާބޯތަކެތީގެ އަގުބޮޑުކޮށްފަ ވޯޓެއް އައިމާ އަނެއްކާ އެ އަގުކުޑަކޮށްލާފާ، ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާލައިގެންނެއް ކޮންމެހެން އޮޅުވާލައިގެން މިކަންކަން ކުރާކަށް. ވަރަށް ސާފުކޮށް މި ދަންނަވަނީ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އިނގޭ އިޤްތިޞާދު ހިންގަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވަރަށް އަވަހަށް ވެރިކަމާ ހަވާލުވާނަން. އަދި މި ގުންޑާ ޓީމު، އަޅުގަނޑުމެން އެމީހުންނަށް އަދަބުވެސް ދޭނަން. އަދި މިގައުމަށް ގެންނަންވި އިޤްތިޞާދީ ކުރިއެރުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ޖެހިލުމެއް ނެތި ގެންނާނަން”. ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ލީޑަރޝިޕްގެ ގިނަ އަދަދެއްގެ ބޭފުޅުންނާއި، ގަމު ދާއިރާގެ ގިނަ އަދަދެއްގެ އާންމު މެންބަރުން ބައިވެރިވި މި ޖަލްސާގައި ފައްޔާޒު ވިދާޅުވީ ލ. އަތޮޅުގެ ވެސް އަދި ދިވެހިރާއްޖޭގެ އެތައް ތަނެއްގެ ރައްޔިތުން ވެސް ގަދަކަމުން ޕީޕީއެމަށް ވައްދައި، ވަޒީފާގެ ބިރުދައްކައިގެން ތިބިކަން އެނގިވަޑައިގަންނަވާ ކަމަށާއި، ކަނޑާލާ ކޮންމެ ވަޒީފާއަކަށް އެމްޑީޕީން ވެރިކަމާ ހަވާލުވުމަށްފަހު 10 ވަޒީފާ އުފައްދާނޭ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން ގަމުގައި ރޭ ޖަލްސާ ބާއްވާފައިވާއިރު، އިއްޔެ އެމްޑީޕީގެ ވަރަށް އިސް މެންބަރުންގެ ވަފުދަކުން ވަނީ ގަމުގައި ދޮރުން ދޮރަށް ހިނގައި، ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާޢީދު ހޯދުމަށް މަސައްކަތްކޮށްފައެވެ.

No Comments »

No comments yet.

Leave a comment