mdp_banner

Thursday, April 20, 2017

ދިވެހިރާއްޖޭގެ ހާލަތާ މެދު ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުން ދައްކަވާ ވާހަކަ މިއަދު ބޭރުގެ ފަރާތްތަކުން ގަބޫލެއް ނުކުރާނެ: މުޙައްމަދު ޝިފާޒު

ދިވެހިރާއްޖޭގެ ހާލަތާ މެދު ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުން ދައްކަވާ ވާހަކަ މިއަދު ބޭރުގެ ފަރާތްތަކުން ގަބޫލެއް ނުކުރާނެ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓީތަކުން ބުދަ ދުވަހުގެރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ޝިފާޒު ބޭރުގެ ޑިޕްލޮމޭޓުންނާ އެކު ސަރުކާރުން ބޭއްވި މަހާސިންތާގައި ސަރުކާރުގެ ފަރާތުން ދެއްކެވި ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. ޝިފާޒު ވިދާޅުވީ ކިތަންމެ މަހާސިންތާއެއް ބާއްވައިގެން ސަރުކާރުގެ ރަނގަޅުކަން ބޭރު ދުނިޔެއަށް ދައްކަން އުޅުނު ނަމަވެސް އެކަމެއް ނުވާނެ ކަމަށެވެ. އަދި މި ސަރުކާރުގެ ރަނގަޅު ވާހަކަ ބޭރު ގައުމުތަކަށް ގޮސް ދައްކަން ބޭރުގެ ޑިޕްލޮމޭޓުންނަށް ކެރިވަޑައި ނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“ކިތަންމެ ވަރަކަށް މަހާސިންތާ ބާއްވައި ކިތަންމެ ރީތި އިބާރާތަކުން ވާހަކަތައް ދެއްކެވި ނަމަވެސް، އެތަނުގައި އެތިއްބެވި ސަފީރުންނަން ކެރިވަޑައިގަންނަވާނެތޯ ރާއްޖޭން ބޭރު ގައުމަކަށް ވަޑައިގެން، އެގައުމުގެ ޑިޕްލޮމޭޓުންނާ ބައްދަލުކޮށްފައި މި ރާއްޖޭގެ ހާލަތަކީ މިއޭ، އެއޭ ކިޔާފަ އަނގަހުޅުވާލަން”

ޝިފާޒު ވިދާޅުވީ މިރާއްޖޭގައި ތިބި ހުރިހާ ސިޔާސީ ލީޑަރުން އެއްބަސްވާގޮތަށް މި ރާއްޖެ މިވަނީ ދުނިޔެ ގަބޫލުކުރާ ސިޔާސީ ނިޒާމަކަށް ފައްކާކޮށްފައި ކަމަށާއި، އެކަމުގައި ރައީސް ޔާމީންގެ ބައިވެރިވެވަޑައިގަތުމެއް ނެތްކަމަށާއި، އެހެންނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ފަހު، ވެރިކަމަށް ވާދަކުރަން މި ރާއްޖޭގައި އެއްވެސް ސިޔާސީ ވެރިއަކު ހުރެގެން ނުވާނޭކަން ރައީސް ޔާމީންގެ އަމަލުފުޅުތައް ހުންނަ ގޮތުން އެނގިގެންދާ ކަމަށެވެ.

“ދުނިޔެ ގަބޫލުކުރާ ވެރިކަމުގެ ނިޒާމަކަށް މިރާއްޖެ، މިރާއްޖޭގައި ތިއްބެވި ހުރިހާ ސިޔާސީ ވެރިން އެއްބަސްވެލައްވާ ގޮތަށް ވަނީ ފައްކާކޮށްފައޭ. އެހެން ނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށްފަހު ކުރައްވަން ފެއްޓެވި މަސައްކަތްތަކުން އަޅުގަނޑުމެންނަށް އެނގިގެންދަނީ، މިރާއްޖޭގެ އެއްވެސް ވެރިއަކު ހުރެގެން ނުވާނެއޭ ވެރިކަމާ ތޮޅޭނެ، ނުވަތަ ވެރިކަމަށް ފާޑުކިޔާނެ. މިފަދަ ބޭފުޅަކު ހުރިކަމަށް ވަނީ ނަމަ، އެ ބޭފުޅަކު ވާންޖެހޭނީ ޓެރަރިސްޓަކަށޭ. އެ ބޭފުޅެއްގެ މައްޗަށް ޖެހޭނެއޭ ޓެރަރިޒަމްގެ ކޮންމެވެސް ދައުވާއެއް އުފުލާ، ނުހައްގުން ޝަރީޢަތް ހިންގާފަ ހުކުމެއް ކޮށްފަ ޖަލުގަ ބެއިންދޭތޯ ބަލަން”. ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ ސާބިތުކަމާ އެކު މި ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ދެމިތިބެވޭނަމަ ކާމިޔާބީގެ މަންޒިލް އޮތީ ވަރަށް ކައިރީގައި ކަމަށެވެ.

No Comments »

No comments yet.

Leave a comment