އެމް.ޑީ.ޕީ ގެ ޗެއަރޕާރސަން އަލްއުސްތާޛު ޙަސަން ލަތީފް ޣައިރުޤާނޫނީ ހައްޔަރަކުން ހައްޔަރުކޮށްގެން ގެންދިއުމާއި، އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ހުރަސްއެޅިއެޅުން ކުށްވެރިކުރުން

ޢަބްދުﷲ ޔާމިންގެ ސަރުކާރުގެ އަމުރަށް ފުލުހުން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޗެއަރޕާރސަން އަލްއުސްތާޛު ޙަސަން ލަތީފް އަންގާރަ ދުވަހުގެރޭ ޣައިރުޤާނޫނީ ހައްޔަރަކުން ހައްޔަރުކޮށްގެން ގެންގޮސްފައިވާތީއާއި، ސުލްޙަވެރި ސިޔާސީ ޙަރަކާތްތަކަށް ޤާނޫނުއަސާސީއާ ޚިލާފަށް ހުރަސްއަޅާފައިވާތީ މި ޕާރޓީން އެކަން ހަރުއަޑުން ކުށްވެރިކުރަމެވެ.

ޢަބްދުﷲ ޔާމިންގެ ސަރުކާރުގެ އަމުރަށް އެމް.ޑީ.ޕީގެ ޗެއަރޕާރސަން އަލްއުސްތާޛު ޙަސަން ލަތީފް ފުލުހުން ޣައިރު ޤާނޫނީ ހައްޔަރަކުން ހައްޔަރުކޮށްގެން ގެންގޮސްފައި ވަނީ ސޯސަންމަގު އެމް.ޑީ.ޕީ އޮފީސް ކުރިމަތީގައި ގުޅިފައިވާ ސިޔާސީ ޕާރޓީތަކުން ބޭއްވި ސުލްޙަވެރި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަން ހުންނަވަނިކޮށެވެ. އަދި މި އެއްވުމުގެ ބައިވެރިންގެ ލޮލަށް އަމާޒުކޮށް ގިނަ އަދަދަކަށް ފުލުހުން ޕެޕަރސްޕްރޭ ޖަހައި، މި އެއްވުމުގެ އިތުރު ބައިވެރިން ވެސް ޙައްޔަރުކޮށްފައިވާކަން ފާހަގަކުރަމެވެ. ހަމައެފަދައިން މި އެއްވުން ކަވަރުކުރަމުންދިއަ މީޑިއާގެ ފަރާތްތަކަށް ވެސް ފުލުހުން ހުރަސްއަޅާފައިވެއެވެ.

ޢަބްދުﷲ ޔާމިންގެ ސަރުކާރުގެ ޣައިރު ޤާނޫނީ އަމުރަށް ފުލުހުން އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ޙަރަކާތްތަކަށާއި އެއްވުންތަކަށް އަންގާރަދުވަހުގެ ރޭ ހުރަސްއަޅައި ރައްޔިތުންގެ ލޮލަށް ޕެޕަރސްޕްރޭޖަހައި އަނިޔާވެރިވަމުންދިއައިރު، ހަމަ މިރޭ ޕީޕީއެމްގެ ޢަބްދުﷲ ޔާމިންގެ ފެކްޝަނުން މާލޭގެ އެހެން މަގެއްގައި، މަގު ބަންދުކޮށްގެން ސިޔާސީ އެއްވުމެއް ބާއްވާފައިވާކަން ފާހަގަކުރަމެވެ. މިއީ ވެސް މި ސަރުކާރުގެ ޚުދުމުހުތާރުކަން ހާމަވެގެންދާކަމެކެވެ.

ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ ޙައްޤާއި ސިޔާސީ ޙަރަކާތްތައް ހިންގުމުގެ ޙައްޤަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ނުހަނު މަތިވެރި ޙައްޤެކެވެ. ޤާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވަނީ، ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާނުލައި ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ. މި ޙައްޤު މިހާ ސާފުކޮށް ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާއިރު، ޢަބްދުﷲ ޔާމިންގެ ސަރުކާރުން ޤާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފަށް މި ޙައްޤު ހިފަހައްޓައި، ސިޔާސީ ފަރާތްތަކާއި ރައްޔިތުން ހައްޔަރުކުރަމުން ގެންދަނީ އެމަނިކުފާނަށް ރައްޔިތުންގެ ތާޢީދު ނެތުމުން، ގޮތްހުސްވެވަޑއިގަތުމުގެ ސަބަބުންނެވެ.

ރައްޔިތުންގެ ތާޢީދު ނެތް ސަރުކާރެއް ނެގެހެއްޓުމަށްޓަކައި ކުރެވޭ ޣައިރުޤާނޫނީ މިފަދަ ޢަމުރުތަކަށް ތަބާނުވުމަށް ފުލުހުންނަށް ތަކުރާރުކޮށް މި ޕާރޓީން އިލްތިމާސްކުރަމެވެ.

ބަޔާންނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް: 18 އޭޕްރީލް 2017