mdp_banner

Tuesday, April 18, 2017

ޕްރޮސެކިއުޓާ ޖެނެރެލްގެ އޮފީހުން ރާއްޖެޓީވީގެ ނޫސްވެރިޔާ މުޙައްމަދު ވިސާމްގެ މައްސަލަ އިސްތިއުނާފް ކުރުމުން ކަންބޮޑުވުން ފާޅުކުރުން

ރާއްޖެޓީވީގެ ނޫސްވެރިޔާ މުޙައްމަދު ވިސާމްގެ މައްޗަށް ދައުލަތުން އުފުލި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މައްސަލާގައި އޭޕްރީލް 5 ވަނަ ދުވަހު ވިސާމްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނިކޮށް އެމައްސަލަ ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރެލް އިސްތިއުނާފްކޮށްފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ކަންބޮޑުވުން ފާޅުކުރަމެވެ.

ދިވެހިރާއްޖޭގައި ނޫސްވެރިންނަށާއި މިނިވަން ނޫސްވެރިކަމަށް އެކިގޮތްގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ މި ވަގުތުގައި އެއްވެސް އަސާސެއްނެތި، ސިޔާސީ މަޤްޞަދެއް ޙާސިލްކުރުމަށް ވިސާމްގެ މައްޗަށް ޖިނާޢީ ދައުވާ އުފުލައި އަދި އެ މައްސަލަައިގައި ވިސާމްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރުމުންވެސް ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރެލްގެ ފަރާތުން އިސްތިއުނާފް ކުރުމުން މުސްތަޤިއްލުކަމާއެކު ޕްރޮސެކިއުޓާ ޖެނެރެލްގެ މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް އުޒުރުވެރިވެ، ސިޔާސީވެފައިވާކަން ހާމަވެއެވެ.

ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރެލްގެ ޤާނޫނީ ޒިންމާތަކުގެ ތެރޭގައި ޤަނޫނުގެ ވެރިކަން ކުރިއަރުވައި ރައްޔިތުންގެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކުރުމާއި، ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރުމާއި، ތަފާތު ނުކުރުމާއި، އެއްވެސް ފަރާތެއްގެ ނުފޫޒުގެ ދަށުގައި ވެގެންނުވާނެކަމަށް ޤާނޫނުގައި ބަޔާންކުރާހިނދު، ވިސާމްފަދަ ކުރިއަރަމުން އަންނަ ހީވާގި ނޫސްވެރިންނަށް ބިރުދައްކައި ޖިނާޢީ ދައުވާ އުފުލުމަކީ ކަނޑައެޅިގެން ޤާނޫނު އަސާސީއާއި ޕްރޮސެކިއުޓާ ޖެނެރެލްގެ ޤާނޫނުގެ ރޫޙާ ޚިލާފްވުމެވެ.

ޢަބްދުﷲ ޔާމީންގެ ސަރުކާރުން އިސްނަގައިގެން ނޫސްވެރިކަން ނެތިކޮށްލުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް މިނިވަން މުވައްސަސާތަކުން ހިއްވަރުދީ ޓީވީ ސްޓޭޝަންތައް ބަރިބަރިއަށް ޖޫރިމަނާކުރަމުން އަައުމާއި، ހަމަ އެ ޓީވީ ސްޓޭޝަންގެ އެތައް ނޫސްވެރިންތަކެއްގެ މައްޗަށް ޖިނާޢީ ދައުވާކުރުމުން މިއީ ރޭވިގެން ހިންގޭ ސިޔާސީ މަސައްކަތްތަކެއްކަން ހާމަވެއެވެ. އަދި މިކަންކަމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަަންކަމެއްނޫނެވެ. ޓީވީ ސްޓޭޝަންތައް ރޯކުރުމާއި، ނޫސްވެރިންނަށް މަރުގެ ޙަމަލާތައް ދިނުމާއި، ނޫސްވެރިޔާ އަޙްމަދު ރިލްވާން ގެއްލުވާލުންފަދަ ބޮޑެތި ޖިނާޢީ މައްސަލަތައް އަދިއަދަށްދާންދެންވެސް ބެލިފައިނުވާކަން ފާހަގަކުރަމެވެ. އަދި ނޫސްވެރިންނަށް ތަކުރާރުކޮށް ޖިނާޢީ ދައުވާކުރުމަކީ ބޮޑުވެގެންވާ ޖަރީމާއެެކެވެ.

ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރެލްގެ އޮފީހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް ޑައިރެކްޓާރުގެ އޮފީސް ފަދަ ތަނެއް ކަމުގައި ދެކިގެން ނުވާނެއެވެ. ޕްރޮސެކިއުޓާ ޖެނެރެލްއަކީ މިނިވަންކަމާއެކު ރައްޔިތުންގެ ލާބައާއި މަންފާއަށް މަސަކްތަކުރުމަށް ޤާނޫނުން މަތިކޮށްފައިވާ ދައުލަތުގެ އެންމެ މުހިއްމު އެއް މުވައްސަސާކަމުގައިވާހިނދު، ޤަނޫނު އަސާސީއާއި ޤާނޫނުގައި ބަޔާންކުރާ މިންގަަނޑަށް ފެތޭގޮތަށް ޕްރޮސެކިއުޓާ ޖެނެރެލްގެ މަަސައްކަތްތައް ބައްޓަންކުރުމަށް އިލްތިމާސްކުރަމެވެ. އަދި ވިސާމްގެ އިސްތިއުނާފް މައްސަލަ އަލުން އަނބުރާ ގެންދިއުމަށްް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކެޓޭރިއެޓް
ތާރީޚް: 18 އޭޕްރިލް 2017

No Comments »

No comments yet.

Leave a comment