mdp_banner

Thursday, April 13, 2017

އިދިކޮޅު އިއްތިހާދުގެ ހަތަރު ލީޑަރުން މިއަދު އެކީގައި އެ ތިއްބެވީ އެއް މިސްރާބަކަށް ދަތުރުކުރައްވާތީ – މުޙައްމަދު އަސްލަމް

އިދިކޮޅު އިއްތިހާދުގެ ހަތަރު ލީޑަރުން މިއަދު އެކީގައި އެ ތިއްބެވީ އެއް މިސްރާބަކަށް ދަތުރުކުރައްވާތީ ކަމަށް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އަސްލަމް މިހެން ވިދާޅުވީ ބުދަ ދުވަހުގެރޭ އިދިކޮޅު އިއްތިހާދުން ޖުމްހޫރީ ޕާޓީގެ މައި ހަރުގެ، މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރޭގެ ޖަލްސާގައި އަސްލަމް ވިދާޅުވީ ރައީސް މުހަންމަދު ނަޝީދާއި، ރައީސް މައުމޫނާއި، ގާސިމް އިބްރާހީމް އަދި ޝެއިޚް އިމްރާން އަކީ ތަފާތު އެކި ސިޔާސީ ފިކުރުގެ ލީޑަރުން ނަމަވެސް މިއަދު އެބޭފުޅުން އެއް ގަލަކަށް އަރުއްވައި އެއް މިސްރާބަކަށް ދަތުރުކުރައްވަމުން އެ ގެންދަވަނީ ގައުމު ފާލުން ނެއްޓި ގައުމަށް އެ ބޭފުޅުންގެ ބޭނުން ޖެހުމުން ކަމަށެވެ.

“މިއަދު ގައުމު ގޮވާލީމާ، ގައުމަށް އެބޭފުޅުންގެ ބޭނުން ޖެހުނީމާ، ގައުމު ފާލުން ނެއްޓުނީމާ އަޅުގަނޑުމެންނަށް މި ފެންނަނީ މި އެންމެ ބޭފުޅުން އެއްގަލަކަށް އަރައި ގައުމީ މަސައްކަތް ކުރައްވަން މި ބޭފުޅުން ނިންމަވައިގެން ތިއްބެވިތަން. މިއީ އަޅުގަނޑުމެން ފަޚުރުވެރިވާންޖެހޭ ކަމެއް. މީގެން އަޅުގަނޑުމެންނަށް ދޭހަވަނީ އަޅުގަނޑުމެންނަކީ ވަކި ނަފްސެއްގެ ފަހަތުން ވަކި ގޮތަކަށް އެނބުރޭ ބައެއް ނޫންކަން”. އަސްލަމް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި އަސްލަމް ވިދާޅުވީ މި ހަތަރު ބޭފުޅުން އެކުގައި މަސައްކަތްކުރައްވާތީ ޝައްކުގެ ނަޒަރަކުން ބަލާ މީހުން އުޅޭ ކަމަށާއި، އެހެން ނަމަވެސް އެ ޝައްކު ފިލުވަން ޖެހޭ ކަމަށެވެ. ރައީސް މައުމޫން ދެން ވެރިކަމަށް ކުރިމަތިނުލައްވާނެ ކަމަށާއި، އެހެންކަމުން އެމަނިކުފާނުގެ ކޮއްކޯފުޅާ ދެކޮޅަށް މިއަދު އެ މަސައްކަތްކުރައްވަނީ އެއްވެސް އަމިއްލަ އެދުންފުޅެއް އޮވެގެން ނޫން ކަމަށާއި، މި ގައުމު ފާލުން ނެއްޓި، ކަންތައްތައް ގޯސްވެ ހައްދު ފަހަނައަޅައިދިއުން ނޫން އެއްވެސް އެހެން ސަބަބެއް އެކަމުގައި ނެތް ކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ ރައީސް ޔާމީން މިހާރު ކުރަމުން އެދާ ގޮތަށް ވެރިކަން ކުރައްވާނަމަ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް އެއްވެސް ފުރުސަތެއް ނޯންނާނޭ ކަމަށާއި، އިދިކޮޅު އެންމެން އެކުގައި މަސައްކަތް ކުރަން ފެށުމުން ރައީސް ޔާމީނަށް ދެން ހޯދޭނޭ ވޯޓެއް ނޯންނާނޭ ކަމަށެވެ. އަސްލަމް ވިދާޅުވީ ދާން ބޭނުންވާ މަންޒިލަށް ވާސިލްވެވެންދެން އިދިކޮޅު އެންމެން ތިބޭނީ އެކުގައި ކަމަށާއި، އެ މަންޒިލަށް ދެވޭނޭ ކަމަށެވެ. އަދި މިގައުމު ހަމައަކަށް އަޅުވަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވާނޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

No Comments »

No comments yet.

Leave a comment